Saturday, March 1, 2014

SSC Imthihanah Thahyaaruvaa Kudhinnah


h

އެސް.އެސް.ސީ އިމްތިޙާނަށް ތައްޔާރުވާ ކުދިންނަށް އެހީއެއް
އަދަބިއްޔާތު

1- ލިޔުންތެރި ކަމުގެ ޅަފަތުގެ ދައުރުގެ ޚިދުމަތްތެރިންނަކީ ކޮބާ؟
ޖ- އެދުރު ޢުމަރު މާފަތް ކަލޭގެފާން، ބަނޑޭރި ހަސަންމަނިކުފާން، އަޙުމަދު ޙާޖީ އެދުރު ކަލޭފާން.
2- ދިވެހި ބަހުގެ ލިޔުންތެރިކަމުގެ ޅަފަތުގެ ދައުރާއި ހިނގައިގަނެވުނު ދައުރުގެ ލިޔުންތަކުގެ ތަފާތަކީ ކޮބާ؟
ޖ- ޅަފަތުގެ ދައުރުގެ ލިޔުންތަކުގައި ބޯދާބަސް ގިނަވެފައި، ޖުމުލަތައް ދިގެވެ. އަދި ޖުމުލަތައް ނިއްމާފައި ހުންނަނީ ހުށި، މެއަ ފަދަ ބަސްބަސް ބޭނުން ކޮށްގެންނެވެ. ހިނގައި ގަނެވުނު ދައުރުގެ ލިޔުންތަކުގައި ބޯދާބަސް މަދުވެފައި ޢިބާރާތް ރީތިވެފައި ޖުމުލަތައް ނިންމާފައި ހުންނާނީ އެވެ. ކެވެ. ށެވެ. ބޭނުން ކޮށްގެންނެވެ.

3- "ވުޟޫކުޅައުން"، "ބަޅުގެ ހުނުތައް"، "ފިލަވައިލުން"، "ކޮޑިދާކަން" މިބަސްބަސް މިހާރު ބޭނުން ކުރެވެނީ ކިހިނެއް؟
ޖ- ވުޟޫކުރުން، ކުއްތާ ޖެހުނުތަން، ފިލުވައިލުން، ކެޑިދާކަން.
4- "މަސަލަން"، "ޘުއްމަލް، މުޠައްހިރު" ފަދަ ބަސްބަސް ބޭނުންކޮށްފައި ވަނީ ކޮންކަހަލަ ތަޢުލީމެއްގެ ޢިލްމުވެރިން ފޮތްލިޔުއްވި ދުވަސްވަރެއްގައި؟
ޖ- ޢަރަބި ތަޢުލީމް ޙާޞިލް ކުރައްވައިގެން ތިއްބެވި ޢިލްމުވެރިން ފޮތްލިޔުއްވި ދުވަސްވަރުގައި.  
5- ދިވެހިބަހުގެ ލިޔުންތައް ޗާޕުކުރަން ފުރަތަމަ ފެށުނު ދުވަސްވަރަކީ ކޮބާ؟
ޖ- ފިރުކެންފެށި އައުރު.
6- އެނދި މިސްކިތުގެ ބޯގަފަތްކޮޅަކީ ކޮންދައުރެއްގެ ލިޔުމެއް؟
ޖ- ފިރުކެންފެށި ދައުރުގެ.
7- ލިޔުންތެރިކަން މިޒަމާނަށް އައުމުގެ ހުވަފެން ފެންނަން ފަށާފައިވަނީ ކާކުލިޔުނު ކޮންފޮތަކުން؟
ޖ- ނައިބުތުއްތު ލިޔުއްވި މިންހަތުލް މަންނާނު.
8- ދިވެހިއަދަބު މުޅިން އެހެންގޮތަކަށް ބަދަލުވެގެން ދިޔައީ ކިހާހިސާބަކުން؟ އަދި އެކަމުގެ ސަބަބަކީކޮބާ؟
ޖ- ހިނގައިގަނެވުނު ދައުރު، މުޙައްމަދު އަމީން ބަހަށް ޚިދުމަތް ކުރައްވަން ފެއްޓެވުން.
9- މުޙައްމަދު އަމީނުގެ ލިޔުއްވުން ތަކާއި އޭގެކުރީގެ ޢިބާރާތްތަކާއި ހުރި ތަފާތު ކަންތައް ތަކުގެ ތެރެއިން 4 ކަމެއްލިޔޭ!
ޖ- * މުޙައްމަދު އަމީނުގެ ލިޔުއްވުން ތަކުގައި ޖުމުލަތައް ކުރުވެފައިޞާދާވުން، ފަށުވި ޢިބާރާތްތައް ބޭނުން ކުރެވިފައި ހުރުން، ސިފަކުރުމުގެ ބައި އިތުރުވުން، ޢިބާރާތްތަކުގައި ފޮނިކަމާއި އަސަރު އެކުލެވިގެން ވުން.
* ކުރީގެ ލިޔުންތަކުގައި ބޯދާބަސް ގިނަވުން، ޖުމުލަތައް ދިގުވުން، ހުށި، މެއަ ބޭނުންކޮށްފައި ހުރުން، ޢިބާރާތްތައް އޮޅުންފިލަން އުދަގޫވުން.

10- އެންމެ ފުރަތަމަ ޗާޕު ކުރެވުނު ފޮތަކީ ކޮބާ؟ އަދި އެފޮތް ޗާޕު ކުރެވުނީ ކޮންތާރީޚަކު؟
ޖ- ބޮޑުތަރުތީބު، 1323ގައި
11- ތުޙުފަތުލް ވުލާތުގެ މުޞައްނިފަކީ ކާކު؟
ޖ- އަޙުމަދު ހާޖީ އެދުރުކަލޭފާނު
12- މިންހަތުލް މަންނާނު މިއީ ކޮންބާވަތެއްގެ ފޮތެއް؟
ޖ- ޞިއްޙަތު ފޮތެއް.
13- ބޮޑުތަރުތީބުގެ މުސަންނިފަކީ ކޮންބޭފުޅެއް؟
ޖ- އަލީއެދުރު ތަކުރުފާން.
14- އަރުމާދު ރައިވަރު ފޮތުގައި ފުރިހަމައަށް ހާމަވާ ތިންސިފައަކީކޮބާ؟
ޖ- ރަސްކަމުގެ އިއްޒަތްތައް ހުންނަގޮތް، އަރުމާދުގައި ކަންހިގާގޮތް، ރައްޔިތުން ރަސްކަމަށް ކިޔަމަންތެރިކަން އަދާކުރާގޮތް.
15- ސިއްކަ މޮހޮރީގައި ވަނީ ކޮންކަހަލަ ވާހަކަ ތަކެއް؟
ޖ- ދިވެހި ރަސްކަލުންނަށް ތައުރީފުކޮށް ކިޔާފައިވާ މަދަހަ.
16- ސުއްކަތުރާ ޚަބަރުގައި ބަޔާންކުރަނީ ކޮންކަހަލަ ވާހަކަތަކެއް؟
ޖ- ނައިބުތުއްތު ފެހެންދުއަށް އަރުވާލާފައިހުރި ދުވަސްވަރު ޖެހިފައިވާ ހިތާމައިގެ ވާހަކައެވެ.
17- ބަނޑޭރި ހަސަންމަނިކުފާން ދިޔޯގެ ރައިވަރު ލިޔުއްވީ ކިހާދުވަހަކުން؟
ޖ- 15 ދުވަހުގެ ތެރޭގައި.
18- ތަޤުވީމުއް ލިސާނަކީ ކޮންކަހަލަ ފޮތެއް؟
ޖ- ދިވެހިބަހުގެ ޤަވާއިދު ފޮތެއް.
19- ބޮޑުތަރުތީބަށް އެފޮތްލިޔުއްވި ލިޔުންތެރިޔާ ދެއްވާފައިވާ ނަމަކީ ކޮބާ؟
ޖ- ޒުހުރުލް ކަމާލާތި ފީއަޙުކާމިލް ޢިބާދާތި.
20- ރާޒުވާ ރައިވަރު ލިޔުއްވީ ކޮންބޭފުޅެއް؟
ޖ- މުޙައްމަދު ޖަމާލުއްދީން (ނައިބުތުއްތު)
21- ބޮޑުތާހީދު ލިޔުއްވީ ކޮންބޭފުޅެއް؟
ޖ- އެދުރުޢުމަރު މާފަތް ކަލޭފާން.
22- ޗާޕު ކޮށްފައިވާ ފޮތްތަކުގެ ތެރެއިން އެންމެ ކުރިން ލިޔެވުނު ފޮތަކީ ކޮބާ؟ އަދި އެފޮތް ލިޔުއްވީ ކޮންބޭފުޅެއް؟
ޖ- ތުޙުފަތުލް ވުލާތު ފިލްއަޒުކާރި ވައްދައުވާތި : އައްޝައިޚު އަޙުމަދު ޙާޖީ އެދުރު ކަލޭފާނު.
23- މިންހަތުލް މަންނާނުގެ މުސަންނިފަކީ ކޮންބޭފުޅެއް؟
ޖ- މުޙައްމަދު ޖަމާލުއްދީން (ނައިބު ތުއްތު)
24- "ޒުހުރުލް ކަމާލާތި ފީއަހުކާމިލް ޢިބާދާތު" މިފޮތުގައިވަނީ ކޮންކަހަލަ ވާހަކަ ތަކެއް؟
ޖ- ދީނީ އަޅުކަމާއިބެހޭ ވާހަކަތަކެވެ.
25- ރާއްޖޭގައި ފުރަތަމަ ނުކުތް ނޫހަކީކޮބާ؟ އެނޫސް ޚާއްޞަވީ ކޮންގޮތް ގޮތަކުންހެއްޔެވެ؟
ޖ- ސަރުކާރުގެ ޚަބަރު (ފުރަތަމަ ޗާޕު 5 ޖޫން 1943) ރާއްޖޭގައި ފުރަތަމަ ނުކުތް މަޖައްލާ ކަމުގައިވީމައެވެ.
26- މާލޭގެ ބަދަރުގައިއޮތް ސަރުކާރުގެ "އަތިއްޔަތުއް ރަޙުމާން" ބޮޑުނައުކޮޅަށް ބަޙުޘް ފަރިތަ ކުރައްވަން އޭރުކުރިއަށް ތިއްބެވި ބޭފުޅުން ވަޑައިގަތް ސަބަބަކީކޮބާ؟
ޖ- ދައުލަތުގެ ބޮޑުންގެ މެދުގައި ދެބަސްވުމެއް ހިނގައިގެން އުޅޭހެން ރައްޔިތުންނަށް ހީވެދާނެތީއެވެ.
27- "އައްރަފީޤު" މިމަޖައްލާ ނެރުނީ ކޮންކޮމިޓީއަކުން؟
ޖ- ވާހަކަ ކޮމެޓިން.
28- ދިވެހި ބަހަށް ޚިދުމަތް ކުރާ ކޮމެޓީ އުފެދުނު ތާރީޚަކީ ކޮބާ؟
ޖ- 2 ރަމަޟާން 1365ހ.
29- ދިވެހިބަސް ކުރިއެރުވުމުގެ ގޮތުން އެންމެ ފުރަތަމަ އުފެދުނު ވާހަކަ ކޮމެޓީންކުރި 2 ކަމެއް ލިޔާށެވެ.
ޖ- ބަހުޘް ކުރުން / "އައްރަފީޤް މަޖައްލާ ނެރުން.
30- ވަޒަންބަހުރުވައިގެ ބާވަތްތަކަކީ ކޮބާ؟
ޖ- ބަނދި، ކާ، ފަރިހި، ރައިވަރު، ޅެން، އަންބާ، ލަވަ ( ބޮކިފުރާޅު އަލި )
31- މިހާރުގެ ގޮތަށް އެންމެފުރަތަމަ ޅެމެއް ހެއްދެވި ޝާއިރަކީ ކޮބާ؟ އަދި އެއީ ކޮންވަޒަނަކަށް؟
ޖ- މައުލަވީ ހުތްއަލި ދީދީއެވެ. އެއީ އަރަބީގެ ވަޒަނަކަށެވެ. ނުވަތަ 28 ފިލީގެ މައްޗަށެވެ.
32- ތިންބަސް ރައިވަރާއި ހަބަސްރައިވަރުގެ މައްޗަށް ހަމަހިފެހެއްޓެވީ ކޮންބޭފުޅެއް؟
ޖ- އެދުރު ޢުމަރު މާފަތްކަލޭގެފާން.
33- ދިވެހި އަދަބިއްޔާތުގައި ރައިވަރަށް އެހާ އިސްމަޤާމެއް ދެވުނު ސަބަބަކީ ކޮބާ؟
ޖ- ދިވެހި ބަހުގެ އިހުގެ އެންމެ އަގުހުރި ތަރިކަތައް މިހާރު ފެންނަށްހުރީ ރައިވަރުން ކަމަށްވާތީއެވެ.
34- ދިވެހި އަދަބިއްޔާތުގައި ރައިވަރަކީ ވަރަށް މަތިވެރި މަޤާމެއް ދެވިފައިވާ އެއްޗެކެވެ. ނަމަވެސް އެއާއިމެދު މީހުންގެ ހިތްތަކުގައި ޤަދަރު ކުޑަވެގެންދިޔަ ދުވަސްވަރެއްވެސް އައެވެ. މިކަމުގެ ސަބަބު އޮޅުންފިލުވައި ދޭށެވެ.
ޖ- ރައިވަރު، އައްޔާސީ ވާހަކަ ދައްކާ އެއްޗަކަށް ބަދަލުވުމާ ގުޅިގެންނެވެ.
35- ދިވެހި އަދަބިއްޔާތުގެ ތެރޭގައި "ޝައިޚު ޒުބައިރު" މިނަން ބޭނުން ކުރެވުނުގޮތް ތަފުޞީލުކޮށް ބަޔާން ކުރުމާއެކު ދިވެހި ރާއްޖޭގައި މިނަން ނިސްބަތް ކުރެވޭ ފަރާތްތަކަކީ ކޮބައިކަން ބަޔާން ކުރާށެވެ.
ޖ- ޝައިޚު ޒުބައިރަކީ ކުއީން އެލިޒަބަތުގެ ރަސްކަމުގެ ޒަމާނުގައި އިނގިރޭސި ވިލާތުގައިހުރި މާމޮޅު ޅެންވެރިއަކަށް މިސްރުގައި ކިޔަވާން އުޅޭކުދީން ކިޔާ ނުވަތަ އެކުދިންނަށް ކިޔުނު ނަމެކެވެ. އެމީހަކަށް އިނގިރޭސިން ކިޔާއުޅެނީ ޝެކުސްޕިއަރ އެވެ. ރާއްޖޭގައި ބަހާ މެދުގައި އެންމެ ކުރި އަރާފައި ތިބިކަން އެތައްގޮތަކުން ސާބިތުވާ ދެ ޝައިޚު ޒުބައިރަކީ ބަނޑޭރި ހަސަންމަނިކުފާނާއި މުޙައްމަދު ޖަމާލުއްދީން (ނައިބު ތުއްތު) އެވެ.
36- ދިވެހި ޅެމުން އެންމެ ދުވަސްވީ ވައްތަރަކީ ކޮބައި ހެއްޔެވެ؟
ޖ- ބަނދި
37- ދިވެހި އަދަބުގެ ފަތިހުގެ ތަރި އަކީ ކޮންބޭފުޅެއް؟
ޖ- ޙުސައިން ޞަލާޙުއްދީން.
38- ދިވެހި ޅެންވެރިކަމުގައި "ހަސްތީ" އަކީ ކޮންބޭފުޅެއް؟
ޖ- ޖައުފަރު ކަމާލުއްދީން.
39- ދިވެހި އަދަބީ ގުލްޝަނުގައި އ.ގ.އ އަކީ ކޮންބޭފުޅެއް؟
ޖ- މުޙައްމަދު އަމީން ދީދީ.
40- ދިވެހި އަދަބީ ގުލްޝަނުގައި މ.އ އަކީ ކޮންބޭފުޅެއް؟
ޖ- މުޙައްމަދު އަމީންދީދީ.
41- ދިވެހި އަދަބީ ގުލްޝަނުގައި "އޯކިޑު" އަކީ ކޮންބޭފުޅެއް؟
ޖ- މުޙައްމަދު އަމީން ދީދީ.
42- ދިވެހި ޅެންވެރި ކަމުގެ "އުޖާލާ ރަންތަރި" އަކީ ކޮންބޭފުޅެއް؟
ޖ- މުޙައްމަދު ޖަމީލު.
43- ދިވެހި އަދަބީ ގުލްޝަނުގައި "ޤުލްފާމް" ކޮންބޭފުޅެއް؟
ޖ- އިބުރާހީމް ޝިހާބު.
44- މިޒަމާނުގެ ރިހިދުލަކީ ކޮންބޭފުޅެއް؟
ޖ- އިބުރާހީމް ޝިހާބު.
45- "ޝާއިރުލް މަޖުހޫލް" އަކީ ކޮންބޭފުޅެއް؟
ޖ- ބަހާރީގޭ އަޙުމަދު ޝާކިރު.
46- "ހިމާރުލްޤައުމު" އަކީ ކޮންބޭފުޅެއް؟
ޖ- ބޮޑުފެންވަޅުގޭ ސީދީ.
47- ޒުހުރުލް ކަމާލާތި ފީއަހުކާމިލް ޢިބާދާތި މިފޮތުގެ މުސަންނިފަކީ ކޮންބޭފުޅެއް؟
ޖ- އަލްޚަޠީބު އަލީ އެދުރު ތަކުރުފާން.
48- އައްޝައިޚު އަޙުމަދު ޙާޖީ އެދުރު ކަލޭފާން ދުޢާތަކާއި ޒިކުރު ތަކުގެ މައްޗަށް އެކުލެވޭ ފޮތެއް 1133ހ. ހާތާގައި އެކުލަވާ ލެއްވިއެވެ. މިފޮތުގެ ނަމަކި ކޮބާ؟
ޖ- ތުހުފަތުލް ވުލާތު.

49- ދިވެހިބަހުގެ ލިޔުންތެރިކަމަށް ބަލާއިރު ކުރީގެ ލިޔުންތަކާއި މިޒަމާނުގެ ލިޔުންތަކާހުރި މުޙިއްމު 3 ތަފާތެއް ރަނގަޅަށް ބުނެދޭށެވެ.
ޖ- ބޯދާބަސް ނުހުންނަކަން                       ( މިހާރުގެ ލިޔުންތަކުގައި )
   ޖުމުލަތައް ކުރުވުން                          ( މިހާރުގެ ލިޔުންތަކުގައި )
   ހުށި، މެއަ ފަދަބަސްތަކަށް ނިމިފައި ނުހުރުން          ( މިހާރުގެ ލިޔުންތަކުގައި )
50- ދިވެހި ޝައިޚުޒުބައިރު ކަމުގައިބުނާ ލިޔުންތައް ލިޔުއްވި ދެބޭފުޅުންނަކީ ކޮބާ؟
ޖ- (އައްޑޫ ހިތަދުއަށް އުފަންވި) ބަޑޭރި ހަސަންމަނިކުފާނު.
   (ފުރަމާލެއަށް އުފަންވި) މުޙައްމަދު ޖަމާލުއްދީން އިބުނު ނާއިބު އީސަލް މުލަކީ.
51- ދިޔޯގެ ރައިވަރުފޮތް ކުށްވެފައިވަނިކޮށް ކުށްފިލުވައި އޭގެމައްޗަށް ޝަރަހައެއް ލިޔުއްވި ބޭފުޅަކީ ކޮބާ؟
ޖ- އައްޝައިޚު މުޙައްމަދު ޖަމާލުއްދީން ނައިބު ތުއްތު (މުޙައްމަދު ޖަމާލުއްދީން އީސަލް މުލަކީ)
52- ދިވެހި ބަހާއި ބަހުގެ އަދަބަށް ޚިދުމަތްކުރާ މަޖުލިސް އުފަންވި ތާރީޚާކީ ކޮބާ؟
ޖ- 28 ޖެނުއަރީ 1979 އެވެ.
53- ދިޔޯގެ ރައިވަރު ފޮތުން ފާހަގަކުރެވޭ 4 ކަމެއް ލިޔާށެވެ.
ޖ- ދިވެހިބަހުގެ ޤަވާއިދުތައް
   ސިޔާސަތުގެ މޮޅުކަން
   މެދުޒަމާނުގައި ރަސްކަން ހިނގާގޮތް
   ނައުފަހަރުގެ ތަކެއްޗަށާއި އޭގައިކުރާ ކަންތައްތަކަށް ކިޔާނަންތައް
   ޅެންބަސް ކިޔައި އުޅުމުގެ މަގުތައް
   ނާފަހަރުގައިގޮސް ހަނގުރާމަ ކުރާގޮތް
54- ބޮޑުތަރުތީބު ޗާޕު ކުރެވިފައިވަނީ ކޮންތާރީޚެއްގައި؟
ޖ- 1323ހ ގައި
55- ޅަފަތުގެ ދަޢުރަކީ އަތުން ލިޔެގެން އުޅުނު ޒަމާނެވެ. އެޒަމާނުގައި ލިޔެފައިވާ 3 ރައިވަރު ފޮތަކީ ކޮބާ؟
ޖ- ބޮޑުތާހީދު / ބޮޑުތައުހީދު
   ދިޔޯގެ ރައިވަރުފޮތް
   އަރިއަތޮޅު އަރުމާދު ރައިވަރުފޮތް
56- ނައިބު ތުއްތު ލިޔުއްވި ޞިއްޙަތު ފޮތަކީ ދިވެހި އަދަބުގައި ފާހަގަ ކޮށްލެވޭ ފޮތެކެވެ. އެއީ ކޮންނަމެއް ކިޔާފޮތެއް ހެއްޔެވެ؟
ޖ- މިންޙަތުލް މަންނާނު.
57- ތުޙުފަތުލް ވުލާތު އެކުލަވައި ލައްވާފައިވަނީ ކޮންތާރީޚެއްގައި؟
ޖ- 1133ހ ގައި

58- އަދަބީ ލިޔުންތެރިން ދެކިލައްވާ ގޮތުގައި ޢިބާރާތް ކުރުމުގެ ބަސްމަގަށް މިޒަމާނުގެ ކުލަވަރު އަންނަން ފަށާފައިވަނީ ނައިބު ތުއްތުގެ ލިޔުއްވުން ތަކުގައެވެ. މިގޮތަށް އަދަބީ ލިޔުއްވުން ތެރިން ދެކެލައްވާ ސަބަބަކީ ކޮބައިހެއްޔެވެ؟
ޖ- އެހައި ކުރީގެ ޢިބާރާތް ތަކަކާ ބަލާފައި އެބަޔާން ކުރައްވާ ވާހަކަތައް އޮޅުން ނުފިލައިގެން އުޅެން ނުޖެހޭތީއެވެ. އޭރާބަލާފައި ޢިބާރާތް ތަކުގެ މާނަ ދޭހަކުރަން ފަސޭހަ ވީމައެވެ.

59- ވާހަކަ ކޮމެޓީއަކީ ކޮންކަމެއް ކުރުމަށް އުފެއްދި ކޮމެޓީއެއް؟ އަދި އެކޮމެޓީ އުފެއްދެވީ ކޮންފަރާތަކުން؟
ޖ- އެއީ މާލޭގައި ގެންގުޅެމުންދާ ވާހަކަތައް ކިޔައި ފާސްކުރުމަށްޓަކައި އުފެއްދެވި ކޮމެޓީއެއް. މިކޮމެޓީ އުފެއްދީ މަޙުކަމަތުއް ދާޚިލިއްޔާގެ ފަރާތުން.
60- ތިންބަހާއި ހަބަހަށް ރައިވަރުގެ ހަމަ ހިފަހައްޓަވާ އެގޮތަށް ރައިވަރު ހައްދަވަން އެންމެފުރަތަމަ ފެއްޓެވީ ކޮންބޭފުޅެއް ހެއްޔެވެ؟ އަދި މިގޮތައް ހަމަހިފަހައްޓަވާ ލިޔުއްވީ ކޮންފޮތެއް ހެއްޔެވެ؟ އަދި އެފޮތުގައިވަނީ ކޮންބާވަތެއްގެ ވާހަކަ ތަކެއް ހެއްޔެވެ؟
ޖ- އެދުރު ޢުމަރު މާފަތްކަލޭގެފާނު. ލިޔުއްވީ ބޮޑުތާހީދު. އެފޮތުގައިވަނީ ނަރަކައާއި ސުވަރުގެއާއި ޤިޔާމަށް މަޙުޝަރު ދުވަހުގެ ވާހަކަ ތަކާއި މަލާއިކަތުންނާއި ދީނުގެ އަޤީދާއާއި ބެހޭ ވާހަކަ ތަކެވެ.
  
61- ދިވެހި އަދަބިއްޔާތުގެ 3 ދައުރުގެ ލިޔުންތަކަށް ފާޑުކިޔުމުގައި ބަލަންވީ ކަންތައްތަކުގެ ތެރެއިން ދެކަމެއް ބަޔާން ކުރާށެވެ.
ޖ- ޢިބާރާތުގެ އެތުރުން. ޖުމުލަތަކުގެ ދިގު ކުރުމިން. ބޭނުންކޮށްފައި ހުންނަ ބަސްތަކާއި ބަސްތަކުގެ ސާދާކަން.
62- ލިޔުންތެރިކަމުގެ ދައުރުތަކުގެ ތަފާތު އެންމެބޮޑަށް ފެންނަނީ ކޮންކަމަކުން ހެއްޔެވެ؟
ޖ- ޢިބާރާތް ކޮށްފައިހުންނަ ގޮތްގޮތުންނެވެ.
63- ދިވެހިބަހުގެ ޢަދަބީ ޙަރަކާތްތައް ފެށިފައިވަނީ ކޮންދަޢުރެއްގައި؟
ޖ- ހިގައިގަނެވުނު ދަޢުރުގައެވެ.
64- ފުރަތަމަ އުފެދުނު ބަސްކޮމިޓީގެ މަސައްކަތަކީ ކޮބާ؟
ޖ- ދިވެހި ބަސްފޮތް ލިޔަންފެށުމެވެ.
65- ދިވެހި އަދަބިއްޔާތުގައި ހިމެނޭ ބައިތަކުގެ ތެރެއިން ދިވެހިންގެ ދިރިއުޅުން އެންމެ ރަނގަޅަށް ދައްކުވައިދޭ ބާވަތަކީ ކޮބާ؟
ޖ- ދިވެހި އަދަބީ ރައިވަރު.
66- ދިވެހިބަހުން އެންމެފުރަތަމަ ލިޔެވުނު ދެވާހަކައިގެ ނަން ތަރުތީބުން ލިޔާށެވެ.
ޖ- މޫސާ ވަޒުލޭޚާ ވާހަކައާއި ދޮންބީފާނު ވާހަކަ.

67- ޝައިޚު ޒުބައިރުގެ ނަމުން ނަންދެއްވާފައިވާ ފޮތްލިޔުއްވީ ކޮންބޭފުޅެއް؟ އަދިއެފޮތުގައިވަނީ ކޮންކަހަލަ ވާހަކަ ތަކެއް؟
ޖ- އެއީ ޙުސައިން ޞަލާހުއްދީނެވެ. އެފޮތުގައިވަނީ ބަނޑޭރި ހަސަންމަނިކުފާނުގެ ދިޔޯގެ ރައިވަރާއި އަރިއަތޮޅު އަރުމާދު ރައިވަރު ފޮތާއި ނައިބު ތުއްތުގެ ސިއްކަ މޮހޮރީއާއި ސުއްކަތުރާ ހަބަރާއި ތަޤުވީމުއްލިސާނި މިފޮތެވެ.

68- ބަނޑޭރި ހަސަންމަނިކުފާނާއި ނައިބު ތުއްތުގެ އަދަބީ ލިޔުއްވުންތަކުގެ މައްޗަށް އެކުލެވޭ ފޮތެއް ހުސައިން ޞަލާޙުއްދީން ޝާއިއު ކުރެއްވިއެވެ. މިފޮތައް ޝައިޚު ޒުބައިރުގެ ނަމުން ނަންދެއްވި ސަބަބަކީ ކޮބާ؟
ޖ- އެއީ އެދެމީހުންގެ ލިޔުންތައް އެއްކޮށްލުމުން ދިވެހި ޝެކުސްޕިއަރ އެއްއުފެދުނީ ކަމަށް ލިޔުންތެރިޔާ ދެކެވަޑައިގަންނަވާތީ އެވެ.
69- ނައިބުތުއްތު ދިވެހި އަދަބިއްޔާތަށް ކުރައްވާފައިވާ ޚިދުމަތްތައް ބަޔާންކޮށް 5 ފޮޅުވަތުގެ ޕެރެގުރާފެއް ލިޔާށެވެ.
ޖ- އަދަބީ ރައިވަރު ތަކެއް ހެއްދެވުން.
   ދިޔޯގެ ރައިވަރުގެ ޝަރަހަ ލިޔުއްވުން.
   ތާނަލިޔުމުގެ ޤަވާއިދު ފޮތެއް ލިޔުއްވުން.
   "ތަޤުވީމުއް ލިސާނީ" ދިވެހިބަހުގެ ޤަވާއިދުފޮތް ލިޔުއްވުން.
   ޞިއްޙަތާއި ބެހޭ ފޮތެއް ލިޔުއްވުން. ( މިންހަތުލް މަންނާނު )
   ތުއްތު ތަރުތީބުގެ ނަމުން ނަންދެވުނު ދީނީ ފޮތްތަކެއް ލިޔުއްވުން.  
70- ދިވެހިބަހުން ދެވަނައަށް ލިޔެވުނު ވާހަކައަކީ ދޮންބީފާނު ވާހަކައެވެ. މިވާހަކަ ލިޔުއްވީ ކޮންބޭފުޅެއް؟
ޖ- ހުސައިން ޞަލާހުއްދީން.
71- ދިވެހިލިޔުންތެރި ކަމުގެ ތިންދަޢުރުގެ ތެރެއިން ފިރުކެންފެށި ދަޢުރުގެ ޚިދުމަތް ކުރެއްވި ބޭފުޅުންނަކީ ކޮބައި ހެއްޔެވެ؟
ޖ- ނައިބު ތުއްތު
   ހުތްއަލި ދީދީ
   އެއްގަމުގޭ އަޙުމަދު ދީދީ ( ހަކުރާ މަނިކުފާން )
   ސީދީގެ އަލިދީދީ
   ހުސައިން ޞަލާޙުއްދީން.
72- ޅަފަތުގެ ދައުރުގައި ލިޔުނު އަދަބީ އެތައް ތަރިކައެއް މިޒަމާނަށް އައިއިރު ވަނީ ގެއްލިފައެވެ. މިކަން މިގޮތަށް ވާން މެދުވަރިވި ސަބަބު ލިޔާށެވެ.
ޖ- އެދުވަސްވަރަކީ ޗާޕްކުރެވުނު ޒަމާނަކަށް ނުވާތީވެއެވެ.


73- ހިނގައިގަނެވުނު ދައުރުގެ ޚިދުމަތްތެރީންގެ ތެރެއިން ދެބޭފުޅެއްގެނަން ބުނެދޭށެވެ.
ޖ- މުޙަންމަދު އަމީން، ޙުސައިން ޞަލާޙުއްދީން، ސީދީ، އިބުރާހިމް ޝިހާބް، ޖަމީލް ދީދީ، އަޙްމަދު ކާމިލް ދީދީ، މުޙަންމަދު އިސްމާޢީލް، އަބުދުﷲ ޖަލާލުއްދީން (މީގެތެރެއިން ކޮންމެވެސް ދެބޭފުޅެއްގެ ނަން ލިޔެފިނަމަ ރަނގަޅުވާނެ)

74- "އަދަބު" މިބަހުގެ މާނަ ކުރުކޮށް ބުނެދޭށެވެ.
ޖ- މިންވަރު ދެނެގަތުން

75- ވާހަކަ ދައްކާއިރު އެހުންތެރިންގެ ހިތަށް އެންމެ އަވަހަށް އަސަރުކުރެވޭނީ ކޮންގޮތަކަށް ވާހަކަ ދައްކައިގެންހެއްޔެވެ؟
ޖ- އެހުންރެތިންގެ މިޒާޖަށް ވިސްނައިގެން ވާހަކަ ދެއްކުމުންނެވެ.

76- އަދަބިއްޔާތުގެތެރެއިން ނާއިބުތުއްތު ޚާއްޞަވެފައިވަނީ ކޮން ރޮނގަކުން ހެއްޔެވެ؟
ޖ- ރައިވަރު

77- ބަނޑޭރި ޙަސަންމަނިކުފާނު ލިޔުއްވައި ދިޔޯގެރައިވަރުގައި ހިމެނޭ މައިގަނޑު ދެޝަޚްޞިއްޔަތު ލިޔާށެވެ.
ޖ- ދައިތާފުޅުދިޔޯ، ކޮއްކޯފުޅު ދިޔޯ

78- "ދޮންތުއްކަލާގެ" ފުރިހަމަ ނަންފުޅު ލިޔާށެވެ.
ޖ- މުޙަންމަދު އިސްމާޢީލް ދީދީ

79- މުޙަންމަދު އިސްމާޢީލް ދީދީގެ މަންމާފުޅުގެ ނަންލިޔާށެވެ.
ޖ- ސަންފާ

80- މުޙަންމަދު އިސްމާޢީލް ދީދީ ދިރިއުޅުއްވުމަށް ކުރެއްވި މަސައްކަތްޕުޅަކީ ކޮބައި؟
ޖ- ވިޔަފާރިއެވެ.

81- މުޙަންމަދު އިސްމާޢީލް ދީދީ އަވަހާރަވީއިރު އުމުރުފުޅަކީ ކޮބައި؟
ޖ- 80 އަހަރެވެ.

82- މައުލަވީ ހުތްޢަލިދީދީ ފަސްދާނުލެވުނީ ކޮންރަށެއްގައިހެއްޔެވެ؟
ޖ- ހއ. ހޯރަފުށީގައެވެ.

83- ނައިބުތުއްތު ޅައުމުރުގައި އެމަނިކުފާނުގެ ޢަރަބިބަހުގެ އެދުރަކީ ކޮންބޭފުޅެއްހެއްޔެވެ؟
ޖ- އަލްޤާރީ މުޙަންމަދު މުޙިއްބުއްދީން ފަނޑިޔާރު މަނިކުފާނެވެ.

84- ސުއްކަތުރާ ޚަބަރު ނުވަތަ ޚަބަރުފޮތް ލިޔުއްވީ ކޮންތާރީޚެއްގައިހެއްޔެވެ؟
ޖ- 1308 ހ



85- ނައިބުތުއްތު ނިޔާވީ ކޮންތާރީޚެއްގައިހެއްޔެވެ؟
ޖ- 13 ރަމަޟާން 1325 ގައެވެ.

86- ނައިބުތުއްތު ފަސްދާނުލެވުނީ ކޮންރަށެއްގައި ހެއްޔެވެ؟
ޖަވާބޫ: ދ. މާއެނބޫދޫއެވެ.
87- ތިރީގައިމިވަނީ ދިވެހި އަދަބިއްޔާތުގައި ފާހަގަކުރެވޭ ބައެއް ފޮތްފޮތުގެ ތަޢާރަފެވެ.
ލިޔުންތެރިޔާ
ލިޔުއްވި ފޮތް
ލިޔުއްވި ދަޢުރު
ފޮތުގެ ބާވަތް
ބަނޑޭރި ހަސަންމަނިކުފާން
ދިޔޯގެ ރައިވަރު
ޅަފަތުގެ ދައުރު
ޚިޔާލީ ވާހަކައެއް
ނައިބު ތުއްތު
ތަޤުވީމުއް ލިސާނީ
ފިރުކެންފެށި ދައުރު
ދިވެހިބަހުގެ ޤަވާއިދު
އަޙުމަދުހާޖީ އެދުރުކަލޭފާން
ތުޙުފަތުލް ވުލާތު
ޅަފަތުގެ ދައުރު
ޛިކުރުތަކާއި ދުޢާ
މުޙައްމަދު އަމީން
ލޯބިއެންމެލޯބީ ކަރުނައިގެތެރޭގަ
ހިނގައިގަނެވުނު ދައުރު
ލޯބީގެ ވާހަކައެއް
ނައިބު ތުއްތު
މިންހަތުލް މަންނާނު
ފިރުކެންފެށި ދައުރު
ޞިއްޙަތު ފޮތެއް
އަލީއެދުރު ތަކުރުފާން
ބޮޑުތަރުތީބު
ޅަފަތުގެ ދައުރު
ފިޤުޙު
މުޙައްމަދު ޖަމީލު ދީދީ
ތަޢުލީމު ދިޔާނާ
ހިނގައިގަނެވުނު ދައުރު
ދީނީ ތަޢުލީމް
އަޙުމަދު ކާމިލުދީދީ
ރިވާޔަތު މޫސާ ވަޒުލޭޚާ
ހިނގައިގަނެވުނު ދައުރު
އިޖުތިމާޢީ އަޚުލާޤީ ވާހަކައެއް
ހުސައިން ޞަލާޙުއްދީން
ސިޔަރަތުއް ނަބަވިއްޔާ
ފިރުކެންފެށި ދައުރު
ސިޔަރަތު
ބަނޑޭރި ހަސަންމަނިކުފާން
އަރުމާދު ރައިވަރު
ޅަފަތުގެ ދައުރު
ދަތުރުނާމާއެއް
ޙުސައިން ޞަލާޙުއްދީން
ދޮންބީފާނު ވާހަކަ
ފިރުކެންފެށި ދައުރު
ލޯބީގެ ވާހަކައެއް
އަޙުމަދު ކާމިލުދީދީ
ދޮންތުއްކަލާގެ ގެއްލުނުފުރާވަރު
ހިނގައިގަނެވުނު ދައުރު
ލޯބީގެ ވާހަކައެއް
ހުސައިން ޞަލާޙުއްދީން
ނުޢުމާން ވަމަރުޔަމް
ފިރުކެންފެށި ދައުރު
ލޯބީގެ ވާހަކައެއް
އަޙުމަދު ކާމިލު ދީދީ
ކަނބުލޮ
ހިނގައިގަނެވުނު ދައުރު
ލޯބީގެ ވާހަކައެއް
ހުސައިން ޞަލާޙުއްދީން
ބޮޑުތަކުރުފާން ވާހަކަ
ފިރުކެންފެށި ދައުރު
ތާރީޚާއި ލޯބި
މުޙައްމަދު އަމީން
ހަނގުރާމައެއްގެވިލާގަނޑެއްގެދަށު
ހިނގައިގަނެވުނު ދައުރު
ތާރީޚީ ފޮތެއް
ނައިބު ތުއްތު
ސިއްކަމޮހޮރީ
ފިރުކެންފެށި ދަޢުރު
މަދަހަ ( ރައިވަރު )
ނައިބު ތުއްތު
ސުއްކަތުރާ ޚަބަރު
ފިރުކެންފެށި އައުރު
ރައިވަރު
******************

No comments:

Post a Comment