ލިޔުމުގައި ބޭނުންކުރެވޭ ބައެއް ނިޝާންތައް
ލިޔެފައިވާ އެއްޗެއްގެ މާނަ ފުރިހަޔަށް
ދޭހަކޮށްދިނުމައްޓަކައި ބައެއްތަންތަން ފާހަގަކުރުމަށް ގެންގުޅޭ ނިޝާންތަކެއް
ހުރެއެވެ. މިނިޝާންތަކުގެ ބޭނުމަކީ، ކިޔަމުންދާ އިރުވެސް ހުއްޓާލަންވީ ތަންތަނާއި
ހުއްޓާލަންވީ މިންވަރު، އަދި މުޅިން ހުއްޓަންވީ ތަންތަނާއި ހުއްޓަންވީ ގޮތާއި
މިފަދަ ކަންކަން އަންގައި ދިނުމެވެ. މިބުނެވުނު ގޮތުގެ މަތީން އެންމެ އާއްމުކޮށް
ބޭނުންކުރެވޭ ބައެއްނިޝާން ތިރީގައި މިވަނީއެވެ.
ފުލްސްޓޮޕް .
ކޮމާ ،
ޙައިރާންމާކް !
ސުވާލުމާކް ؟
ކޮމާކޯޅި " "
ހައިފަން -
ދެތިކި :
ތިކިކޮމާ ؛
ރޮނގުބުރި -
ޤައުސް ( )
ކަތިރޮނގު /
ފުލްސްޓޮޕް .
ފުލްސްޓޮޕުން އަންގައިދެނީ، ޖުމުލައެއް
ނިމިއްޖެ ކަމެވެ. ވީމާ ޖުމުލައެއް ނިމުނުކަން ފާހަގަ ކުރުމުގެ ގޮތުން ބޭނުން
ކުރާނީ މިނިޝާނެވެ.
ލިޔެފައިވާ އެއްޗެއް ކިޔަނީނަމަ، ފުލްސްޓޮޕް
ޖަހާފައިވާ ތަންތަނަށް ހުއްޓަން ޖެހޭނެވެ.
ކޮމާ ،
ކޮމާ މިނިޝާން ބޭނުންކުރަނީ، ޖުމުލައިގެ
ތެރޭގައި ކުޑަކޮށް މަޑުކޮށްލަން ޖެހޭތަންތަން ފާހަގަ ކުރުމުގެ ގޮތުންނެވެ.
މުޚާޠަބު ކުރުމުގެ ލަފުޒާ ގުޅިގެން ވަރަށްގިނަ ފަހަރަށް، މިނިޝާން ބޭނުން ކުރެއެވެ.
ލިޔެފައިވާ އެއްޗެއް ކިޔަމުންދާއިރު، ކޮމާޖަހާފައިވާ ތަންތަނަށް، ހިސާބަކަށް
މަޑުކޮށްލަން ޖެހޭނެވެ.
މިސާލު:
1-
އޭނާއާ ދިމާވެއްޖެނަމަ،
ހަވީރު އަންނަން ބުނާށެވެ.
2-
ޝަމީމް، މިނަސޭހަތް ކަލޭ
ޤަބޫލު ކުރާނެ ކަމަށް ހީކުރަން.
3-
މީހުންގެ މެދުގައި ހިނގާ
ސިޓީތަކާއި، ޓެލެފޯން، ޓެލެގުރާމް، ވަޔަރުލެސްފަދަ ޚަބަރުނަގައި، އަހައި، ބަލައި،
ފައުޅުކޮށް
ހެދުމަކީ،
ޤާނޫނުގައި ބަޔާންވެގެންވާ ވަކިހާލެއްގައި މެނުވީ، ކޮށްގެން ވާނޭ ކަންކަމެއް
ނޫނެވެ.
މީގެތެރެއިން ފުރަތަމަ މިސާލުގައިއެވަނީ،
ބުނެފައިވާ ވާހަކައެއްގެ ދެބައި ވަކިކުރުމުގެ ގޮތުން މަޑުކޮށްލަން ޖެހޭތީ،
އެކަންފާހަގަ ކުރުމަށްޓަކައި ޖަހާފައިވާ ކޮމާއެކެވެ. ދެވަނަ މިސާލުގައި އެވަނީ،
ކުރަންވީ ކަންތައްތައް ރައްދުވާ ފަރާތާ މުޚާޠަބު ކުރުމުގެ ގޮތުން މަޑުކޮށްލަން
ޖެހޭތީ، އެކަން ފާހަގަ ކުރުމަށްޓަކައި ޖަހާފައިވާ ކޮމާއެކެވެ. ތިންވަނައަށް އެވަނީ،
ލިޔެފައިވާ ބަޔާނެއްގައި ބުނާއެއްޗެއްގެ މާނަ ސާފުކޮށް ދޭހަކޮށްދިނުމައްޓަކައި މަޑުކޮށްލަންޖެހޭ
ތަންތަން ފާހަގަކޮށް ދެއްކުމުގެ ގޮތުން ކޮމާޖެހޭގޮތުގެ މިސާލެވެ.
ޙައިރާންމާކް !
ޙައިރާންމާކު މިނިޝާން ޖެހެނީ،
ޙައިރާންވުން، އަމުރު، ރުޅި، އުފާ، ހިތާމަ، މަލާމާތް، ނުވަތަ އިސްތިޙްސާން،
މިއިންކަމެއް ހާމަކުރުމަށްޓަކައި ބޭނުންކުރެވޭ ލަފުޒެއް ނުވަތަ ޖުމުލައެއްގެ
ފަހަތުގައެވެ.
މިސާލު:
1-
އަނހާ! ކާސިމު
އެހާކުއްލިއަކަށް ދާނެކަމަށް ހިޔެއްވެސް ނުކުރަމެވެ!
2-
ގޭތެރޭގައި ނުކުޅޭށެވެ!
3-
ބަލަ! ކިތަންމެ ވަރަކަށް
ބުނިނަމަވެސް، ކަމެއްކުރާ ގޮތެއް ނުވޭތަ!
4-
އަދަކީ ކޮންފަދަ، އުފާވެރި
ދުވަހެއްތަ!
5-
ކުއްލިއަކަށް ވަކިވާންޖެހޭތީ
ހިތާމައިގެ ކޮޅެއްވެސް ނެތެވެ!
6-
ތިޔައޮތީވާ، ކަމެއްކުރެވިފާ!
7-
ޕާކުގައިހުރި މައުތައް
އަޖާބެއްހާ ރީއްޗެވެ!
މަތީގައިވާ މިސާލު ތަކުގެ ތެރެއިން ފުރަތަމަޔަށް އެވަނީ،
ޙައިރާންވުމުގެ ނިޝާނެއްކަމުގައި ޙައިރާންމާކު ބޭނުންކުރާގޮތުގެ
މިސާލެކެވެ.
ދެވަނަ މިސާލު ދައްކައިދެނީ، އަމުރެއްގެ ފަހަތުގައި ޙައިރާންމާކު ބޭނުންކުރާ
ގޮތެވެ. ތިންވަނަ މިސާލުގައި އެވަނީ، ރުޅީގެ ނިޝާނެއްކަމުގައި ޙައިރާންމާކު
ބޭނުންކުރާ ގޮތެވެ. ހަތަރުވަނައާއި ފަސްވަނަ މިސާލުން ދޭހަކޮށްދެނީ، އުފާނުވަތަ
ހިތާމައިގެ ނިޝާނެއްކަމަށް ޙައިރާންމާކް ބޭނުނހްކުރާ ގޮތެވެ. ހަވަނަ މިސާލުން
އަންގައިދެނީ، މަލާމާތް ރައްދުކުރުމަށް ބުނާ އެއްޗެއްގައި ޙައިރާންމާކު
ބޭނުންކުރާގޮތެވެ. ހަތްވަނަ މިސާލުން ހާމަކޮށްދެނީ އިސްތިޙުސާންގެ ނިޝާނެއްގެ ގޮތުގައި
ޙައިރާންމާކު ޖެހޭގޮތެވެ. އިސްތިޙްސާންގެ ގޮތުގައި ހައިރާން މާކުޖެހެނީ ރީތިކަން،
ރަނގަޅުކަން، ނުވަތަ މޮޅުކަން، މަތީދަރަޖައަކަށް ހާމަކުރުމަށްޓަކައި ބޭނުންކުރާ
ލަފުޒެއް ނުވަތަ ޖުމުލައެއްގެ ފަހަތުގައެވެ.
ސުވާލުމާކް ؟
މިނިޝާން ބޭނުންކުރަނީ ސުވާލެއްކަމަށްހިމެނޭ
ލަފުޒެއް ނުވަތަ ޖުމުލައެއް ނިމޭތާނގައެވެ.
މިސާލު:
1-
ކާކު؟
2-
މީގެ އަގަކީ ކިހައިވަރެއްތަ؟
އެއްވަނަ މިސާލުގައި އެވަނީ ސުވާލެއްކަމަށް ހިމެނޭ
ލަފުޒެއްގެ ފަހަތަށް ސުވާލުމާކު އަންނަގޮތެވެ. ދެވަނަ މިސާލުން ދައްކައި
ދެނީ
ސުވާލެއްގެ ބޭނުންކޮށްފައިވާ ޖުމުލައެއްގެ ފަހަތަށް ސުވާލުމާކް ގެންނަގޮތެވެ.
ކޮމާކޯޅި " "
ކޮމާކޯޅި އާއްމުގޮތެއްގައި އެންމެ
ބޭނުންކުރެވެނީ މީހަކު ދެއްކި ވާހަކައެއް ނުވަތަ ލިޔުނު އެއްޗެއް އެވާހަކަ ދެއްކި
މީހާނުވަތަ ލިޔުނު މީހާގެ އަމިއްލަ ޢިބާރާތުން ލިޔާނަމައެވެ.
މިސާލު:
1-
ނާޒިރުގެ ވާހަކަ ފުޅުގައި
ވިދާޅުވިއެވެ. "މިއަހަރަކީ މަދަރުސާގެ ތާރީޚުގައި ކުލަގަދަ އަހަރެކެވެ."
2-
ދިވެހި ޝާއިރެއްގެ ޅެމެއްގައި
ލިޔުއްވާފައި ވެއެވެ. "އަދަބުވެރިކަން ނެތުނުމީހާ ދެދުނިޔޭން ގެއްލި
ނިމިދާނޭ."
މިދެމިސާލުގައިވެސް ކޮމާކޯޅީގެ ތެރޭގައި ލިޔެފައިވަނީ
އެހެންމީހެއްގެ ޢިބާތާރެއް ހަމައެމީހާ ބޭނުންކުރި ގޮތަށެވެ.
ކޮމާކޯޅި ބޭނުންކުރެވޭ އަނެއްގޮތަކީ އެބަހެއް ނުވަތަ
އެޖުމުލައެއް ޙަޤީޤީމާނަ ނޫން އެހެން މާނައެއްގައި ބޭނުން ކުރާނަމައެވެ.
މިސާލު:
1-
ދެވަނަ ބޮޑު ހަނގުރާމައިގައި
އިއްތިހާދީން ޖަރުމަނު ވިލާތަށް ބޮން އެޅީ "ވަރަށް ދީލަތި"
ގޮތެއްގައެވެ.
ހައިފަން –
ލިޔުމުގައި ހައިފަން ޖެހޭތަންތަން ތިރީގައި މިވަނީއެވެ.
1- ލަފުޒެއް އެކީގައި އެއްފޮޅުވަތެއްގައި ނުލިޔެވިގެން
އެލަފުޒުގެ އެއްބައި އަނެއްފޮޅުވަތައް ގެންދަން ޖެހިއްޖެނަމަ، މަތީފޮޅުވަތް
ނިމޭތާނގައި.
2- ދެފަރާތަކަށް ނިސްބައިތް ވާގޮތަށް ދެލަފުޒު
ގުޅާލަންޖެހޭ ތަންތާނގައި.
މިސާލު:
ދިވެހި – ބިދޭސީ ކާވެނި ؛ ސާދާތު – ބޭގިންގެ
ވާހަކަފުޅުތައް ؛ އައްޑޫ – މާލެމެޗް.
3- ދިވެހިބަހުގެ ތެރޭގައި ބޭނުންކުރެވޭ،
ހައިފަން ޖަހާފައިހުންނަ ބޭރުބަސްބަހުގެ ލަފުޒުތަކުގައި.
އެޓާނީ – ޖެނެރަލް ؛ ސެކްރެޓަރީ – ޖެނެރަލް
؛ ކޮމާންޑަރ އިން – ޗީފް ؛ އެކްސް – ރޭ.
ދެތިކި :
މިނިޝާން ބޭނުންކުރެވެނީ ތިރީގައިމިވާ
ތަންތާނގައެވެ.
(1) ލިސްޓަކަށް ފެށުމުގެ ކުރީގައި، ނުވަތަ
އެތައްއެއްޗެހި ތަކެއް ބަޔާންކުރާން ފެށުމުގެ ކުރީގައި، ނުވަތަ މިސާލުދިނުމުގެ
ކުރީގައި.
މިސާލު:
1-
ޓީމުގެ ކުޅުންތެރިންނަކީ:
1-
........................................
2-
.......................................
3- .......................................
2-
ކުއްޔަށް ހޯދަންޖެހޭ
އެއްޗިއްސަކީ:
ބިއްލޫރިތަށި، ސަމުސާ، ފަންކާ، މިއެވެ.
3-
ނަންއިތުރުގެ މިސާލީ: ރީތި،
ފުރިހަމަ.
މިގޮތަށް ދެތިކި ބޭނުންކުރާއިރު، ދެތިއްކާއެކު،
ޑޭޝްއެއްވެސް ( :- ) ބޭނުން ކުރެވިދާނެވެ.
(2) ވާހަކަ ދެއްކުމުގައި، ނުވަތަ ލިޔުމުގައި މީހަކު ބޭނުން
ކޮށްފައިވާ އަޞްލު ޢިބާރާތް ލިޔާއިރު.
މިސާލު:
ޚާލިދު: އަޅުގަނޑު އޭނާއާއި ބައްދަލުވެގެން
ކުރާނީ ކީއްތޯއެވެ.
ޒަފަރު: އެއީ އެއްގޮތަކަށްވެސް
ކަމެއްކުރާކަށް ނޫން، ހަމައެކަނި ވާހަކަ ދައްކަވާލައްވަނިކޮށް އެނިމުނީ.
މިގޮތަށް އާއްމުކޮށް ދެތިކި ބޭނުންކުރެވެނީ،
ވާހަކަ ނުވަތަ ތަމްސީލުފަދަ އެއްޗެހި ލިޔާއިރު، ދެކެވޭ ވާހަކައިގެ ބައިގައި ނުވަތަ
ސުވާލު – ޖަވާބު ލިޔާއިރުއެވެ. މިހެން ބޭނުންކުރާއިރު ކޮމާކޯޅި ބޭނުން ނުކުރިޔަސް
އެންމެ ރަނގަޅުވާނެވެ.
މަތީގައިވާ ތަންތާނގެ އިތުރަށް، އަރިމަތީ
ސުރުޚީ ނިމޭތަންތާނގައިވެސް ދެތިކިޖަހާފައި ހުރެވެ.
މިސާލު:
ބަހުގެ
ބައިތައް:
ބަހުގެ ޢިލްމުވެރީން ބަސްތައް
އެކިގޮތްގޮތަށް ބައިކުރައްވާފައި ވެއެވެ.
ތިކިކޮމާ؛
އާމްމުގޮތެއްގައި ތިކިކޮމާ ބޭނުންކުރެވެނީ،
ކޮމާއަށް ހުއްޓާލަންޖެހޭ ވަރަށްވުރެ ތަންކޮޅެއްބޮޑަށް ހުއްޓާލަންޖެހޭ ތަންތަން
ފާހަގަ ކުރުމަށެވެ.
ދިވެހިބަހުގެ ޢިބާރާތް ހުންނަގޮތުން، މިއީ
ދިވެހި ލިޔުންތަކުގައި ވަރަށްމަދުން ބޭނުންކުރެވޭ ނިޝާނެކެވެ. ގިނައިން
ބޭނުންކުރެވިފައި ހުންނަނީ އެއްލަފުޒައްވުރެ ގިނަލަފުޒުގެ މައްޗަށް އެކުލެވިގެންވާ
މިސާލުތައް ދޭއިރު، އެއްމިސާލާއި އަނެއްމިސާލު ވަކިކޮށް ލުމައްޓަކައެވެ.
މިސާލު:
ނަމުން ދޭހަވާ އެއްޗެއްގައިހުރި ސިފައެއް
ދޭހަކޮށްދޭ ނަންއިތުރުގެ މިސާލަކީ: ރަތްމަލެއް؛ ތޫނުފިލި ކުއްޖެއް؛ ފުންކަނޑެއް؛
މިއެވެ.
ރޮގުބުރި –
ރޮނގުބުރި ނުވަތަ ޑޭޝް ބޭނުންކުރެވެނީ،
ތިރީގައިމިވާ ތަންތާނގައެވެ.
1- ވަގުތެއް، މުއްދަތެއް، އަގެއް، މިފަދަ
މަޢުލޫމާތެއް ދޭއިރު، ދެވަގުތެއް ނުވަތަ ދެވަރެއްގެ ދޭތެރެ ދޭހަކޮށްދިނުމަށްޓަކައި
"އިން" ، "އަށް" ގެ މާނައިގައެވެ.
މިސާލު:
ޕާޓީގެ ވަގުތު: 7:30 – 9:30
އިމްތިހާން އޮންނަ މުއްދަތު: 12 – 28
ޖެނުއަރީ 1978
ކާއްޓެއްގެ އަގު: 20 – 40 ލ.
ކުލާހުގެ އެވުރެޖު އުމުރު: 15 – 16 އަހަރު
2- ގައުސް ނުވަތަ ބުރެކެޓްގެ ބަދަލުގައި.
މިސާލު:
އޭނާއަށް ރަނގަޅު ކާނާ – ތަރުކާރީ ، ބިސް –
މޭވާ ލިބެން ހުއްޓެވެ.
ގައުސް ނުވަތަ ބުރެކެޓް (
)
1-
ބުރެކެޓް ބޭނުންކުރަނީ،
ޖުމުލައެއްގެ ތެރޭގައި އަންނަ އިތުރު ބަޔާނެއް ދިނުމަށެވެ. ބުރެކެޓުގެ ތެރޭގައި
ލިޔާއެއްޗަކާ ނުލައިވެސް ޖުމުލައެއްގެ މާނަ ފުރިހަމަ ވާނެވެ.
މިސާލު: އަޅުގަނދު ބޭރަށް
ދިޔައިރު، މަގުގެ އަނެއްފަރާތުގައި (މިދެންނެވީ ހުޅަގުފަރާތުގައި) އޮތީ
ކޮންއެއްޗެއްކަމެއް އަޅުގަނޑަކަށް ނޭގެވެ.
2- ޖުމުލައެއްގައި ނުވަތަ ލިސްޓެއްގައިވާ ތަފާތު ބައިތައް ދީފައިވާ ނަންބަރުތައް
ބުރެކެޓްގައި ބޭނުން ކުރެވިދާނެވެ.
މިސާލު: މެމްބަރުންނަށް ލާޒިމު ވެގެންވާ ސިފަތައް:
( 1 ) މުސްލިމެއް ކަމުގައިވުން.
( 2 ) ދިވެހި ރައްޔިތެއް ކަމުގައިވުން.
( 3 ) އުމުރުން 25 އަހަރުވުން.
3-
އަދަދެއް ބޭނުންކުރާއިރު،
ހިސާބު އަކުރުންޖަހައިފައި، އެއަދަދު ލަފުޒުން ބަޔާން ކުރާނަމަ، މިތަނުން ފަހުން
ބަޔާންކުރާ ގޮތެއް އޮންނާން ވާނީ، ބުރެކެޓްގެ ތެރޭގައެވެ.
ކަތިރޮނގު ނުވަތަ އޮބްލިކް /
ކަތިރޮގު
ބޭނުންކުރެވެނީ، ތިރީގައިވާ ތަންތާގައެވެ.
1- ބައެއް ޢިބާރާތް ނުވަތަ ލަފުޒުގައި ދޫކޮށްލެވިފައި ހުންނަ ލަފުޒު ނުވަތަ
އަކުރު ފާހަގަ ކުރުމަށް.
މިސާލު: L/C (ލެޓަރއޮފް ކްރެޑިޓް)
A/C (އެކައުންޓް)
2- "އަދި" "ނުވަތަ" މިދެލަފުޒުގެ މާނައިގައި މިގޮތަށް
ބޭނުންކުރާއިރު، މިދެލަފުޒު ލިޔެފައި، މިދެލަފުޒު ދޭތެރޭގައި، ނުވަތަ އެދެލަފުޒު
ނުލިޔެ އޭގެމާނައިގައި ވެސް ކަތިރޮނގު ބޭނުން ކުރެވިދާނެވެ.
މިސާލު:
1- މީގެއަގު ޕައުންޑުން އަދި / ނަވަތަ ޑޮލަރުން ދެއްކެވިޔަސް އެންމެ ރަނގަޅެވެ.
2- މަދަރުސާ ތަކުގެ ޠާލިބުން / ޠާލިބާއިން ފިލްމުޝޯއަށް ދާންވާނީ، މަދަރުސާ
ޔުނީފޯމުގައެވެ.
3- ފައިސާގެ އަދަދު ޖަހާއިރު، ރުފިޔާ، ލާރިފަދަ އެފައިސާގައި ހިމެނޭ ދެބަވަތް
ވަކިކުރުމައްޓަކައި.
މިސާލު:
75 / 10 ރ.
ހަމަމިފަދައިން ބައިކުޅަބައި ޖަހާއިރުވެސް، މިނިޝާން
ބޭނުންކުރެވެއެވެ.
=ދިވެހިބަހުގެ ޤަވައިދު1-4 އިން ނަގާފައި=
********************
No comments:
Post a Comment