Tuesday, March 4, 2014

Adhabee Foithakaa behay Mauloomath

ފޮތްތަކާއި ބެހޭ މަޢުލޫމާތު
ދިވެހި ދަރިވަރުންގެ ފޮތް ގުރޭޑް 11، 12

      "ޒުހުރުލް ކަމާލާތި ފީއަހުކާމިލް އިބާދާތި" (ބޮޑުތަރުތީބު) މިފޮތަކީ އައްޝައިޚު އަލްޚަޠީބު އަލީބިން މުޙައްމަދު އަލްމަޙްލީ (އަލީއެދުރު ތަކުރުފާން) ލިޔުއްވި ފޮތެކެވެ. މިފޮތް ލިޔުއްވި ތާރީޚެއް އެގޭކަށް ނެތެވެ. އަލީ އެދުރު ތަކުރުފާނު އަވަހާރަވީ ހިޖުރައިން 1142 ވަނަ އަހަރުއެވެ. އެއީ މީލާދީން 1729 ވަނައަހަރު އެވެ. ވީމާ މިފޮތް ލިޔުއްވާފައި އޮންނާނީ އޭގެކުރިންނެވެ. ނަމަވެސް މިފޮތް އެންމެ ފުރަތަމަ ޗާޕްކުރެވިފައިވަނީ ހިޖުރައިން 1323 ވަނައަހަރު (މީލާދީން 1905 ވަނައަރު) ބަންގާޅުގައެވެ. މިފޮތުގައިހުރީ އިސްލާމްދީނުގެ އިބާދާތުގެ ވާހަކަތަކެވެ. އިބާދާތުގެ ޙުކުމް ތަކުގެ ވާހަކައެވެ. މިފަދަ ވާހަކަތައް ހުންނަ ފޮތްފޮތަށް ފިގުހު ފޮތޭކިޔައި އުޅެއެވެ. މިފޮތަކީ މިއަދާ ހަމައަށް އައިއިރުވެސް ދިވެހީން އަޅުކަންކުރުމުގެ އުޞޫލުތަކާއި، ގޮތްތަކާއި، އެކަންކަމުގެ ޙުކުމްތައް ދެނެގަތުމަށް ބޭނުން ކުރެވެމުންއަންނަ ފޮތެކެވެ.

      "ސައްޔާހެއްގެ ޔައުމިއްޔާއިން ގަނޑެއް" މިފޮތަކީ މުޙައްމަދު އަމީނު ސަރުކާރުގެ ޚަބަރުގައިލިޔުއްވާފައިހުރި މަޒުމޫން ތަކެއް ހިމަނައިގެން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އެކުލަވާލައްވާފައިވާ ފޮތެކެވެ. މިފޮތް އެކުލަވާ ލައްވާފައިވަނީ 19 ޖެނުއަރީ 1989 ގައެވެ. މިފޮތުގައިހުރީ މުޙައްމަދު އަމީނު ދުނިޔޭގެ ކަންކޮޅުތަކަށް ކުރެއްވި ދަތުރުފުޅު ތަކުގެ ވާހަކަތަކެވެ. މި މަޒުމޫން ތަކުގައި މިސްރުގެ ވާދިއްނީލް، އިގިރޭސި ވިލާތުގެ ލަންޑަން، ތުރުކީ، ޖަރުމަން، ފަރަންސޭސި، އިޓަލީވިލާތުގެ މައްޗަށް ވިސްނުމުގެ ނަޒަރެއް ދީފައިވެއެވެ. މިގޮތުން މިސްރުގެ ޒަމާންވީ އަޙުރާމްތަކާއި ދެވަނަ ބޮޑުހަނގުރާމަ ނިމުމަށްފަހު ޖަރުމަން ވިލާތުގައި ކަންތައް ހިގަމުންދިޔަގޮތާއި މުސްޠަފާ ކަމާލް އަތާތުރުކު އަވަހާރަވިތާ 10 އަހަރު ވީއިރުވެސް ތުރުކީ ވިލާތުގައި ކަމާލީ ރޫޙު އަށަގެންފައިވާ މިންވަރާއި ފަރަންސޭސި ވިލާތާއި އިޓަލީވިލާތުގެ އާސާރީ ތަންތަނާއި ރީތިކަމާއި ފަރިކަން ކިޔުންތެރިންނަށް ސިފަކޮށްދެއްވާފައިވަނީ ވަރަށް ފުރިހަމައަށެވެ. އަދި 1940 ގެ އަހަރުތައް ނިމެމުން ދިޔައިރު މިސްރާއި ޔޫރަޕް އޮތްގޮތާއި ދުނިޔޭގެ ދަތުރުފަތުރު އޭރުކުރިއަށް ގޮސްފައިވާ މިންވަރުވެސް ވަރަށް ފުރިހަމައަށް ގެނެސްދެއްވާފައި ވެއެވެ.

      "ތިލަދުންމަތީ ދަތުރުގެ ހަނދާން" މިފޮތަކީ ހިޖުރައިން 1362 (1943މ) ގައިމުޙައްމަދު ޖަމީލްދީދީ އާއި މަލިންމުޙައްމަދު ދީދީ ތިލަދުންމައްޗަށް ކުރެއްވި ދަތުރުގައި ކަންހިގައި ދިޔަގޮތް ބަޔާންކުރައްވައި މުޙައްމަދު ޖަމީލުދީދީ ލިޔުއްވާފައިވާ ފޮތެކެވެ. މިފޮތް މުޙައްމަދު ޖަމީލުދީދީގެ އަތުލިޔުމުން ލިޔުއްވާފައިވާ ގޮތަށް ޝާއިޢު ކުރައްވާފައިވަނީ ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުންނެވެ. އެއީ 11 ޝައުބާން 1409 (19 މާރޗް 1989) ގައެވެ.

      "ސިޔަރަތުން ނަބަވިއްޔާ" މިފޮތަކީ ހުސައިން ޞަލާހުއްދީން އަރަބިބަހުން ދިވެހިބަހަށް ކުރައްވާފައިވާ ތަރުޖަމާއެކެވެ. މިފޮތް ތަރުޖަމާ ކުރައްވާފައިވަނީ ހިޖުރައިން 1356 (1937މ) ގައެވެ. މިފޮތުގައިހުރީ ކީރިތި ރަސޫލާގެ ސިޔަރަތެވެ. ކީރިތި ރަސޫލާގެ ހަޔާތްޕުޅުގެ ވާހަކައެވެ. ފޮތަކީ ޢިލްމީ ފޮތަކަށްވިޔަސް ފޮތުގެ ބަސްމަގު ހުރީ އަދަބީ ގޮތަކަށެވެ.

      "ފަހުބަސް" މިފޮތަކީ ފަތްތޫރައިގެ ތަފާދު އަދަދު ތަކަށް މައުމޫން ޢަބުދުންޤައްޔޫމް ލިޔުއްވާފައިވާ "ފަހުބަސް" ތައް އެއްކޮށްލައްވައިގެން ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އެކުލަވާ ލައްވާފައިވާ ފޮތެކެވެ. މިފޮތް ޝާއިޢު ކުރައްވާފައިވަނީ 12 ރަބީޢުލްއައްވަލު 1410 (11 ނޮވެމްބަރ 1989) ގައެވެ. މިފޮތުގައިހުރީ ކުރުކުރު މަޒުމޫނުތަކެވެ. މައިގަނޑު ނަމެއްގެ ދަށުން ލިޔެވިފައިވާ ލިޔުންތަކެކެވެ. މަޖައްލާއަކަށް އެފަދައަކުން ލިޔެވޭ ލިޔުންތަކަށް "ކޮލަމް" އޭ ކިޔައި އުޅެއެވެ. މިފަދަ ކޮލަމް ލިޔުމަކީ ނޫސްމަޖައްލާ ތަކުގައި އާއްމު ކަމެކެވެ. ނަމަވެސް ދިވެހިރާއްޖެއަށް މިކަން ތަޢާރަފު ވެފައިވަނީ 20 ވަނަގަރުނުގެ ފަހުކޮޅުގައެވެ. އެއީ އޭރު ނެރެވުނު "ނާރެސް" މަޖައްލާއިންނެވެ. (ކޮލަމަކީ ވަކިޚާއްޞަ މައިގަނޑު ނަމެއްގެ ދަށުގައި އަދީބަކު/ ލިޔުންތެރިއަކު ލިޔަމުންގެންދާ ކުރު މަޒުމޫނު ތަކެކެވެ.)
      "ޖަމީލުގެ މަޒުމޫންތައް 1، 2، 3"  މިތިންފޮތަކި ނޫސްމަޖައްލާތަކަސް މުޙައްމަދު ޖަމީލުދީދީ ލިޔުއްވާފައިވާ މަޒުމޫނުތަކެއް އެއްކޮށްލައްވައިގެން ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އެކުލަވާ ލައްވާފައިވާ ތިންފޮތެކެވެ. މީގެތެރެއިން ފުރަތަމަ ފޮތުގައި ހުރީ ދީނީމަޒުމޫންތަކެވެ. މިމަޒުމޫންތައް ނަގާފައިވަނީ ދީނީރޫޙު، އަމާޒު، އަލްއިޞްލާޙް، ހިޖުރީ ފަނަރަވަނަ ސައްތައަށް މަރުޙަބާ އާއި އަލްމިންބަރުންނެވެ. މިފޮތް ޝާއިޢު ކުރައްވާފައިވަނީ 10 ރަމަޟާން 1412 (15 މާރޗް 1992) ގައެވެ. ޖަމީލުގެ މަޒުމޫންތައް 2 ގައިހުރީ އަދަބީ، ތާރީޚީ، ޘަޤާފީ ރޮގުންލިޔުއްވާފައިވާ މަޒުމޫން ތަކެކެވެ. އަދިހަމަ އެހެންމެ ސަމާސާއަދަބުގެ މަޒުމޫނުތަކެއްވެސް މިފޮތުގައި ވެއެވެ. މިފޮތް ޝާއިޢު ކުރައްވާފައިވަނީ 12 ރަމަޟާން 1413 (15 މާރޗް 1993) ގައެވެ. ޖަމީލުގެ މަޒުމޫންތައް 3 ގައިހުރީ ދިވެހި ބަހާ ބެހޭގޮތުން ލިޔުއްވާފައިހުރި މަޒުމޫނު ތަކެކެވެ. މީގެތެރެއިން ގިނަ މަޒުމޫނު ތަކަކީ ފަތްތޫރައަށް ލިޔުއްވާފައިހުރި މަޒުމޫނު ތަކެކެވެ. މިފޮތްޝާއިޢު ކުރައްވާފައިވަނީ 3 ޝަޢުބާން 1414 (15 މާރޗް 1994) ގައެވެ.   

* ތިރީގައިވާ ސުވާލުތަކަށް ފުރިހަމަ ޢިބާރާތުން ޖަވާބުދޭށެވެ.

1-      "އަދަބިއްޔާތު މިލަފުޒުގެ އާއްމު މާނައަކީކޮބާ؟
2-      އަދަބިއްޔާތުގައި ހިމެނޭ ބަވަތްތަކަކީ ކޮބައިހެއްޔެވެ؟
3-      ދިވެހި އަދަބިއްޔާތު ފެށިގެންއައީ ކޮންދުވަސްވަރެއްގައި ހެއްޔެވެ؟
4-      ދިވެހީން ދިވެހި ބިމުގައި އުޅޭން ފެށީއްސުރެ ވާހަކަދެއްކުމާއި ލިޔެކިޔުމުގެ މަސައްކަތް، ދިވެހީންގެ ތެރޭގައި އޮތްކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟
5-      ދިވެހި އަދަބިއްޔާތު ބެހިގެންވާ މައިގަނޑު ދެބަޔަކީކޮބާ؟
6-      ދިވެހި އަދަބިއްޔާތުގެ ލިޔުންތެރިކަމަކީ މުއްސަނދި ލިޔުންތެރި ކަމެއްކަން ހާމަވާ ދަލީލަކީ ކޮބައިހެއްޔެވެ؟
7-      ވަޒަންބަހުރުވައިގައި ހިމެނޭ ބާވަތްތަކަކީ ކޮބައިހެއްޔެވެ؟
8-      ދިވެހީންގެ އާއްމު ވާހަކަ ދެއްކުމުގެ ތެރޭގައި ރައިވަރު ބޭނުން ކުރަމުން ދިއުމުގެ ނަތީޖާއަކީ ކޮބައިހެއްޔެވެ؟

* ތެދުޖުމުލައިގައި ހެހޮފާހަގަ ލާށެވެ. އަދި ދޮގުޖުމުލައިގައި ނުބައިފާހަގަ ލާށެވެ.

1-      ދިވެހިބަހުގައި އަދަބު ބޭނުންކުރެވެނީ އެންމެ މާނައެއްގައެވެ.
2-      އަދަބުގެ މާނައަކީ ލިޔެފައިހުންނަ ޅެމާއި ލިޔުންތަކެވެ.
3-      ކޮންމެ ލިޔުމަކީ އަދަބިއްޔާތެކެވެ.
4-      އަދަބިއްޔާތު ފެށުނުހިސާބު ވަނީ ނޭގުމެއްގެ ތެރޭގައެވެ.
5-      އާސާރީ ތަކެތިން، އިހުދިވެހީން ލިޔެކިޔައި އުޅުނުކަން އެނގެއެވެ.
6-      ދިވެހި އަދަބިއްޔާތު ބެހޭ ދެބަޔަކީ ޅެންވެރިކަމުގެބަޔާއި ވަޒަންބަހުރުވައިގެ ބައެވެ.

* މިލަފުޒުތަކުގެ މާނަލިޔާށެވެ.

1-      އަދަބިއްޔާތު
2-      އާސާރީ
3-      ލިޔުންތެރިކަން
4-      ދަތުރުނާމާ
5-      ވަސީލަތް 

No comments:

Post a Comment