އާއްމުކޮށް ބޭނުންކުރެވޭ ބައެއްބަސްބަހާއި އޭގެމާނަ
ދިވެހިބަހުގެ ޤަވާޢިދު ފޮތް
އެބަހީ
މިއީ، ކުރިންބުނި އެއްޗެއް ތަފުޞީލުކޮށް
ދިނުމުގެ ކުރީގައި ބޭނުންކުރެވޭ އެއްޗެކެވެ.
މިސާލު: މިނިވަންދުވަހުގެ މުނާސަބަތުގައި ޤައުމުގެ
އަބުޠާލުންގެ އެބަހީ، ޤައުމަށް މަތިވެރި ޚިދުމަތްތައް ކުރައްވާފައިވާ
ޒަޢީމުންގެ ޒިކުރާ އައުކުރަންވާނެވެ.
ނަމަވެސް، އެހެނަސް، އެހެނެއްކަމަކު
މިތިންލަފުޒު ބޭނުންކުރެވެނީ، ކުރިންބުނިބުނުމާ،
ތަފާތު މަޤުޞަދެއް ދޭހަކޮށްދިނުމުގެ ގޮތުންނެވެ.
މިސާލު: 1- އަޅުގަނޑު މިއުޅެނީ ކުޑަކޮށް ބަލިވެއެވެ. ނަމަވެސް،
ދެވޭތޯ ބަލާނަމެވެ.
2- ރާފިއު މިހާރުވެސް އައިސް އެބައުޅެވެ. އެހެނަސް،
މިދަތުރަކު އަދި ބައްދަލެއް ނުވެއެވެ.
3- މުބާރާތް އަދިކައިރިއެއް ނުވެއެވެ. އެހެނެއްކަމަކު،
ވަރަށްފޯރިއާއެކު، ފަރިތަކުރަމުން އެބަގެންދެއެވެ.
މިތިންލަފުޒުގެ މާނައިގައި
"މާތުރަ" މިލަފުޒުވެސް ބޭނުންކުރެވެއެވެ. ނަމަވެސް، މިހާރަކު
ބޭނުންކުރެވިފައި ހުއްޓައެއް ނުފެނެވެ.
އަދިކިއެއްތަ
މިއީ ކުރިންބުނި ބުނުމެއް އެއަށްވުރެ
ގަދަކޮށް އަލުންބުނުމުގައި ބޭނުންކުރާ އެއްޗެކެވެ.
މިސާލު: ރައިވަރަކީ، ހަމައެކަނި ދިވެހި އަދަބިއްޔާތުގެ
ޚަޒާނާއެއްނޫނެވެ. އަދިކިއެއްތަ އެއީ، ދިވެހި ޅެންވެރިކަމުގެ ފުރާނައެވެ.
ދޯ؟
މިއީ، އަނެކެއްގެ ތާއީދު ހޯދުމުގެގޮތުން
ބޭނުންކުރެވޭ ބަހެކެވެ. މާތްކޮށްވާހަކަ ދައްކާއިރު މިބަސްބުނަނީ
"ދޮގެއްތޯ" މިހެންނެވެ.
މިސާލު: 1-
ސުކޫލުތައް ޗުއްޓީއަށްފަހު ހުޅުވިއްޖެދޯ؟
2- ސުކޫލުތައް ޗުއްޓީއަށްފަހު ހުޅުވިއްޖެ ދޮގެއްތޯ؟
އާނދޮގޭ! ހަމަހިލާ
މިއީ، ވާދައިގެ ގޮތުގައި ބޭނުންކުރާ
ދެޢިބާރާތެކެވެ.
މިސާލު: އާނދޮގޭ
ހަމަހިލާވެސް ތިޔަހެނެއް ވިޔަކަ ނުދޭނަން!
ތޯއްޗެއް
މިއީ، ފޫހިވުމުގެ މާނައިގައި، ނުވަތަ
އެދުންފާޅުކުރުމުގެ މާނައިގައި، ބޭނުންކުރެވޭ ބަހެކެވެ.
މިސާލު: މިހާރު އެމީހުން ފުރީވެސް ތޯއްޗެއް!
ދަންނައެ
މިލަފުޒު ބޭނުންކުރެވެނީ، ބުނަންއުޅޭ
އެއްޗެއްގެ މައްޗަށް ޚާއްޞަ ސަމާލުކަމަށް ގޮވާލުމަށެވެ.
މިސާލު: ދަންނައެ، ރޯދަހިފުމަކީ، ކޮންމެ
މުސްލިމެއްގެ މައްޗަށް ފަރުޟުވެގެންވާ ކަމެކެވެ.
އެހެނީ
މިއީ ސަބަބު ބަޔާންކުރުމަށް ބޭނުންކުރާ
ލަފުޒެކެވެ.
މިސާލު: ހާރޫނު އިމްތިހާނުން ފާހެއް ނުވާނެވެ. އެހެނީ،
އޭނާފުދޭވަރަކަށް މަސައްކަތެއް ނުކުރެއެވެ.
މާތްކަލާކޯ!
މިއީ އަސްލުގައި މާތްﷲ އަށް
ނިސްބަތްވާގޮތަށް ބުނެވޭ ބަހެކެވެ. ނަމަވެސް، ވާހަކަދެއްކުމުގައި ހައިރާންވުން،
ސިއްސައިގެން ދިއުން، އަޖައިބުވުން، މިފަދަކަންކަމާގުޅިގެން މިބަސްބޭނުން
ކުރެވެއެވެ.
މިސާލު: މާާތްކަލާކޯ! އެއޮއް ގަޑިޖެހެނީ!
އަމައްޔާތް
މިއީބިރު ގަތުމުގެ ގޮތުން ބޭނުންކުރެވޭ
ބަހެކެވެ. ގިނައިން ބޭނުންކުރަނީ އަންހެނުންނަށެވެ.
މިސާލު: އަމައްޔާތް! ތިއޮތީ ބިޗުލެއް!
ދެންފަހެ
މިއީ "އެހެންވީ ހިނދު"
މިމާނައިގައި ބޭނުންކުރެވޭ ޢިބާރާތެކެވެ.
މިސާލު: ދެންފަހެ، އެރަސްގެފާނު ވިދާޅުވިއެވެ.
އައްދޯއި! (އައްދިއްޔޯއި)!
މިއީތަދުވެގެން ބުނެވޭ ބަހެކެވެ.
މިސާލު: އައްދޯތް! ތިޔައެރީ އަހަރެންގެ
ރިހޭފަޔަށް!
އައްދިއްޔޯތް! ސަމާސަޔަށްވެސް
ތިޔަވަރަށް ވިކައިގަންނާކަށް ނުވާނެއްެނު.
ވާ ވާ!
މިއީ، އިސްތިޙުސާންގެ ގޮތުން ބުނެވޭ
ބަހެކެވެ.
މިސާލު: ވާ ވާ! އެއިވެނީ، އެއްކަލަ
ރީތިލަވައެވެ.
ކޮބާ!
މިއީ، ދެރަކޮށްލުމުގެ ގޮތުންވެސް
ބޭނުންކުރެވޭ ބަހެކެވެ.
މިސާލު: ކޮބާ! އަހަރެން ބުނީމެއް ނޫންތަ!
އަމަށަކު
މިއީ، ބައެއްކަންކަމުގައި، ކަމުގެ ބޮޑުކަން
ދޭހަކޮށް ދިނުމަށް ބޭނުންކުރާ ލަފުޒެކެވެ. އަދި ބޭނުންކުރެވިފައި ހުންނަނީ ނަފީގެ
ޖުމުލައިގައެވެ.
މިސާލު: އަހަރެންގަތީ، އަމަށަކު
ބިރެންނޫނެވެ.
އަސްތާ!
މިއީ، ހައިރާންވުން، ދެރަވުން، އުފާވުން،
މިފަދަ އަސަރެއް ކުއްލިއަކަށް މެދުވެރިވާ ވަގުތުގައި ބޭނުންކުރެވޭ ލަފުޒެކެވެ.
މިސާލު: އަސްތާ! އެތެޅުނީ އަޅުގަނޑުގެ އައިނެވެ.
އެހެންޏާ
މިބަސް ދެގޮތަކަށް ބޭނުން ކުރެވެއެވެ.
އެއްގޮތަކީ، "އެހެން ފަހަރުފަހަރަށް" މިމާނައިގައި ބޭނުންކުރުމެވެ.
މިސާލު: އެހެންޏާވެސް ކުރާގޮތަކަށް ކުރާށެވެ.
އަނެއްގޮތަކީ، ޔަޤީންކަމާއި ހިންހަމަޖެހުން
ހާމަކޮށްދިނުމަށް ޓަކައި ބޭނުންކުރާގޮތެވެ.
މިސާލު: "މިއަދުގެ މެޗުންވެސް މޮޅުވާނެތަ؟"
އާނ، އެހެންޏާ!
އައްދޭ
މިއީ، ހީކުރިގޮތާއި ތަފާތުގޮތަކަށް
ކަމެއްވުމުން ނުވަތަ އެއްޗެއް ފެނުމުން ބުނެއުޅޭ ބަހެކެވެ.
މިސާލު: އައްދޭ! ޒަކަރިއްޔާ މިހާރު ބޯޓަކަށް
އެރީތަ؟
ބައެއްފަހަރަށް މަލާމާތުގެ ގޮތުން ނުވަތަ
ނުރުހުންވުމުގެ ގޮތުންވެސް މިބަސް ބޭނުންކުރެވެއެވެ.
މިސާލު: އައްދޭ! މިހާރުހީވަނީ، ފިލްމްސްޓަރ
އެއްހެން.
ނިކަން
މިލަފުޒު ތަފާތު މާނައިގައި
ބޭނުންކުރެވެއެވެ. އެއްމާނައަކީ، "ވަރަށް" މިއެވެ.
މިސާލު: ނިކަން އަވަހަށް އަންނާތީ.
ވާދަކުރުމުގެ ގޮތުން، އިންޒާރުގެ ގޮތުން
ނުވަތަ ސަމާލުކަމަށް ގޮވައިލުމުގެ ގޮތުންވެސް މިބަސް ބޭނުން ކުރެވެއެވެ.
މިސާލު: 1- ނިކަން ޖަހާބަލާށެވެ!
2- ނިކަންހުރެ ބަލާށެވެ. ވާގޮތް
އެނގޭނެވެ!
3- ނިކަން ވިސްނަވަ ބައްލަވާށެވެ!
ކަމެއްވީގޮތެއް ބަލަން ބުނެލާ
ބުނުމުގައިވެސް މިބަސްބޭނުން ކުރެވެއެވެ.
މިސާލު: ނިކަން އިސްމާއީލު ކުރެން އަހައި ބަލާށެވެ.
ފާނެ، ދާނެ
މިބަސް ބޭނުން ކުރެވެނީ، އަންނަން އޮތް
ޒަމާނުގައި ކަމެއް ހިނގައިފާނެ ކަންއަންގައި ދިނުމައްޓަކައި،
"ވާނޭކަމުގެ" ފަހަތައް އިތުރު ކޮށްގެންނެވެ.
"ފާނެ" އިތުރުކުރެވިފައި
ހުންނަނީ، ނިމުނު ކަން ދޭހަކޮށްދިނުމުގެ ގޮތުން "ފި" އަށް ނިމޭބަސް
ބަހުގެ ފަހަތަށެވެ.
މިސާލު: ކުޅެފި- ކުޅެފާނެ؛ ލިޔެފި- ލިޔެފާނެ.
"ދާނެ" މިބަސް އިތުރުކުރެވެނީ،
ނިމުނުކަން ދޭހަކޮށްދިނުމުގެ ގޮތުން "ޖެ" އަށް ނިމޭބަސްބަހުގެ
ފަހަތަށެވެ.
މިސާލު:
ފެނިއްޖެ- ފެނިދާނެ؛ އެނގިއްޖެ- އެނގިދާނެ.
މަސައްކަތް
1- ތިރީގައިވާ ކޮންމެބަހަކަށް ޖުމުލައެއް ހަދާށެވެ. ތަމްރީނުހަދާނީ
ތަމްރީނުހަދާ ފޮތުގައެވެ.
ދޯ، އާނދޮގޭ، ތޯއްޗެއް،
ދަންނައެ، އެހެނީޯ، އަމައްޔާތް،
ކޮބާ، އަސްތާ، އެހެންޏާ،
2- މާތްކަލާކޯ، އަދިކިއެއްތަ، ވާވާ! ދެންފަހެ، މިޢިބާރާތްތައް ބޭނުންކޮށްގެން
އެއިންކޮންމެ ޢިބާރާތަކަށް ފުރިހަމަ ޖުމުލައެއް ހަދާށެވެ.
3- ނަމަވެސް، އެހެނަސް، އަމަށަކު،
ނިކަން، މިއިންކޮންމެ ބަހެއް ބޭނުންކޮށްގެން
ތިރީގައިވާ ޖުމުލަތައް ފުރިހަމަ ކުރާށެވެ.
1-
މިއަދު ވަރަށް
މަސައްކަތް ބޮޑެވެ. ............. ހަވީރުކޮޅުން ދެވޭތޯ ބަލާނަމެވެ.
2-
އޭނާއުޅެނީ
ބަލިވެއެވެ. ......... އަދި އޮފީހަށް އާދެވެ.
3- ............ މަށެއް ދެރައްނޔވޭ.
4-
ދެންމެ ތިޔަބުނީ
ކީކޭ؟ ........... އަދިއެއްފަހަރު ބުނެބަލަ!
5- "ފާނެ" ، "ދާނެ" މިދެބަސް ބޭނުންކުރެވޭގޮތް
މިސާލާއެކު ބަޔާންކުރާށެވެ.
********************
No comments:
Post a Comment