Friday, March 7, 2014

Dhivehibahuge Mizamaan

ދިވެހިބަހުގެ މިޒަމާން
ގުރޭޑް 10

1-              ދިވެހިއަދަބުގެ މިޒަމާނުގެ ފެށުމަކީ އަލްއަމީރު މުޙައްމަދު އަމީންދީދީ ފެއްޓެވި އަދަބީ ޙަރަކާތް ތަކެކެވެ. އެއީ އެކަކުވެސް ދެބަސްވާނޭ ޙަޤީޤަތެއް ނޫންކަމަށް އަޅުގަނޑު ޤަބޫލް ކުރަމެވެ. އެމަނިކުފާން ފެއްޓެވި ވާހަކަ ކޮމިޓީގެ ޙަރަކާތް ތަކުގެ ސަބަބުން ލިޔުންތެރި ކަމަށާއި އުފެއްދުންތެރި ލިޔުންތައް ދިވެހި އަދަބިއްޔާތަށް އިތުރުވުމަށް މަގުފަހިވެގެން ދިޔައެވެ.
2-              އަދި ނެރުއްވަން ފެއްޓެވި "އައްރަފީޤު" މަޖައްލާ އަކީ، ޚިޔާލުކުރުމަށާއި ޚިޔާލު އުފެއްދުމުގެ ބާރަކަށް ވެގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މިމަޖައްލާ މެދުވެރިވެގެން ދިވެހިބަހުގެ މުއްސަނދި ކަމާއި، ފަށުއިކަމާއި ލިޔުންތެރިކަމުގެ ތަފާތު ގޮތްތަކާއި ބަހުގެ ހަމަތަކާއި ޤަވާއިދުތައް ދިވެހި ޅެންވެރިންގެ ޝުޢޫރުތައް ހުށަހެޅިގެން ދާންފެށިއެވެ. 1943 ގައި ނުކުތް މިމަޖައްލާ އަކީ އަތުން ލިޔުއްވައިގެން ނެރުއްވި މަޖައްލާ އެކެވެ. އަދަބިއްޔާތެއް ކުރިއަރާނީ، މީހުންގެ ހިތުގައިއުފެދޭ ޝުޢޫރުތައް ހާމަކޮށް ޢާއްމުކުރެވޭނެ ގޮތެއްވެސް އޮވެގެންނެވެ.
3-              ވާހަކަ ކޮމިޓީ އުފެއްދެވުމާއި އައްރަފީޤު އަތުން ލިޔުއްވައިގެން ނަމަވެސް ނެރުއްވުމާއި ދިވެހި ބަސްފޮތެއް އެކުލަވައި ލެއްވުމުގެ މަސައްކަތްވެސް ހަމައެދުވަސް ވަރުވެސް ފެއްޓެވިއެވެ.
4-              އަލްއަމީރު މުޙައްމަދު އަމީން ގެންނެވި އަދަބީ އައު ރޫޙާގުޅިގެން ލިޔެވިފައިހުރި އޭރުގެ ލިޔުންތަކުގެ މައްޗަށް، ފާޑުކިޔުމުގެ ނަޒަރަކުން ދެއެއްޗެއް ދަންނަވާ ލެއްވިޔަ ދެއްވާށެވެ.
-          އެދުވަސްވަރުގެ ލިޔުންތަކުގައި ހުސްނޫނު ބޭނުން ކުރެއްވުން މަދެވެ. އެއްގޮތަކަށްވެސް ހުސްނޫނު ނެތޭ ދެންނެވިދާނެވެ.
-          ޢިބާރާތް ވަކިވަރަކަށް ގެންދަވައިފައި ......... ތިކިތަކެއް ޖައްސަވައިފައި ކިޔާމީހަގެ ވިސްނުމަށް ނުވަތަ ޚިޔާލަށް ދޫކޮސްލައްވައިފައި ހުންނަ ތަންތަން ފާހަގަ ކޮށްލެވޭހައި ގިނައެވެ.
-          ލިޔުނަތައް ދިވެހީންގެ ސިނކުޑިއާ ގުޅޭގޮތަށް، ދިވެހި ވެއްޓަށް ފެތޭގޮތަށް ގެންނަވައިފައި ހުރެވެ. އޭގެ މިސާލެއް އަލްއަމީރު މުޙައްމަދު އަމީނުގެ ލިޔުއްވުމަކުން ނަކަލު ކޮށްލަމެވެ. 2 ވަނަ ބޮޑުހަނގުރާމަ ފެށުނު ގޮތުގެވާހަކަ ގެންނަވައިފައިވަނީ މިދަންނަވާ ގޮތަށެވެ.
" ....... ދުނިޔެއަށް ހޭލެވުނީ ވާނެއެއްޗެއް ވީފަހުންނެވެ. ކުރާނޭބޭހެއް ހަދާނޭ ފަންޑިތައެއް އަޅާނޭ ފިލާގަނޑެއް ނެތިއްޖެއުމަށް ފަހުގައެވެ."
-          މިއަދުގެ އަދަބީ ސިކުނޑިތައް ބޭކާރުވުމަށް، ނޫނީ ފޫހިކަމަށް، ނޫނީ ވަގުތު ނަގައިލުމަށް ކަމަށް ހީވެދާނޭ ކަހަލަ ގޮތްގޮތަށްވެސް ޢިބާރާތްތައް ހުރެވެ. އެހެންމިސާލެކެވެ.
" ގަޑީގެ ކަށި ހުރެގެން އެބުރެވެ. ސިކުންތަކަށްފަހު ސިކުންތެއް، މިނިޓަކަށްފަހު މިނިޓެއް، ގަޑިއަކަށްފަހު ގަޑިއެއް ވެއަތުވެދެވެ. ޓިން ..... ޓިން ..... ނުވައެއް ޖަހައިފިއެވެ." އެހެން މިސާލެކެވެ.
" ގަޑިންޖެހި އަށްފަހަރާ އެކުވެގެން ތަންކޮޅެއް ދުރުންއެއިވުނީ ފުޅިދޮށު އަށީގެލޯގަނޑުން ޖެހިޖެހުމެވެ. ....... ބިސްމިﷲ ........ މަޖިލިސްފެށުނީ! ....... ރައްޔިތުންގެ މަޖުލިސްގެ ޚާއްޞަ ޖަލްސާއެއް ފެށުނީއެވެ."
މިއީ ލިޔުންތެރިކަމުގެ ތަފާތު އިސްޓައިލު ތައްތޯ، ނޫނީމިއީ، އަސަރުތަކާއި، އިޙުސާސްތަކެއް ކިޔާމީހާގެ ހިތަށް ވެރިކުރުވާ ގޮތެއްތޯ ބައްލަވައި ލެއްވުމަށް "ދިވެހިރާއްޖެ ހަނގުރާމައެއްގެ ވިލާގަނޑެއްގެ ދަށުގައި ........." މިފޮތް ބައްލަވައި ލެއްވުން ކީއްތޯއެވެ.
5-              ދިވެހި އަދަބުގެ މިޒަމާނުގެ ފެށުންކަމުގައި މިދަންނަވާ ދުވަސްވަރު ލިޔެފައި ހުންނަ ލިޔުންތަކުގައި ބޭނުންކުރާ ޢަރަބި ލަފުޒުތައް ލިޔެފައި ހުންނަނީ، އެލަފުޒުތައް ޢަރަބިން ލިޔާގޮތަށެވެ. އެހެންކަމުން އެދުވަސްވަރުގެ ލިޔުމެއް ބައްލަވައި ލެއްވުމުން ތާނަލިޔުމުގެ ތަރުތީބަށް، ދޭތެރެދޭތެރެއިން ހުރަސްއަޅާފައި ހުންނަ ޢަރަބި ލަފުޒުތައް ފާހަގަ ކުރެވެއެވެ.
6-              މިކަން ޙައްލަކަން އައީ، 1957 ވަނައަހަރު މާޗްމަހުން 16 ވަނަދުވަހު އޭރުގެ ވުޒާރަތުލް މަޢާރިފުން ކުރެއްވި އިޢުލާނަކާ ގުޅިގެންނެވެ. އޭގައިވަނީ ތާނަލިޔުމުގެ ތެރޭގައި ބޭނުންކުރެވޭ ޢަރަބި އަކުރުގެ ބަދަލުގައި ބޭނުން ކުރާނޭ ތާނައަކުރު ތަކެއް ކަނޑައަޅުވައި ފައިވާ ކަމުގައެވެ. މިއީ، ތާނަލިޔުމަށް އައިބޮޑު ބަދަލެއްކަމަށް ފާހަގަ ކުރަމެވެ.
-          ދިވެހިބަހުގެ މިޒަމާނުގެ އަޅުގަނޑުމެން މިދެކޭ، އައު ފަތިހަށް ހޭލެވުނީ، ލެޓިން އަކުރުން ތާނަލިޔަން ޖެހިގެން އުޅެނިކޮށެވެ. އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމް ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާކަމާ ޙަވާލުވެ ވަޑައިގަތުމާއެކު ދެ މަޖިލީހެއް އުފެއްދެވުމާ ގުޅިގެންނެވެ.
7-      1979 ވަނަ އަހަރު ޖަނަވަރީ 28 ގައި އުފެއްދެވީ ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހެކެވެ.
8-      1979 ވަނަ އަހަރު ފެބުރުއަރީ 15 ގައި އުފެއްދެވީ ދިވެހި ތާރީޚާއި ޘަޤާފަތަށް ޚިދުމަތްކުރާ މަޖިލީހެކެވެ.
9-              މިދެމަޖިލީސް ވަކިވަކީން ހިގަމުންދަނިކޮށް 1982 ވަނައަހަރު ނޮވެމްބަރ 10 ވަނަދުވަހު ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު އުފެއްދެވިއެވެ. އަދި ކުރިން ދެންނެވި ދެމަޖިލިހުން ކުރަމުން އައި ކަންތައްތައް ޤައުމީ މަރުކަޒުން ކުރައްވާ ގޮތަށް ހަމަޖެއްސެވީ އެވެ. އެމަރުކަޒުން ކުރައްވާ އަދަބިއްޔާތާއިބެހެ ކަންތައްތަކަކީ:
-          ދިވެހިބަހާ ބެހޭގޮތުން އެކިއެކި ހޯދުންތައް ހޯދައި، ދިވެހިބަހާ އަދަބިއްޔާތު ކުރިއެރުވުމަށް މަސައްކަތް ކުރުމާއި ދިވެހި އަދަބީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުން.
-          ދިވެހިބަހުގެ ރަދީފު އެކުލަވާލައި ޝާއިއު ކުރުން.
-          ހިވެހިބަސް ބޭނުންކުރަންޖެހޭ ހަމަތަކާއި އުޞޫލުތައް ކަނޑައަޅައި ބަހުގެ ޤަވާއިދު އެކުލަވާލައި މިކަންކަން އާއްމުކޮށް ފެތުރުމާއެކު އަދި މިއުޞޫލުތަކާއި ހަމަތަކުގެ މަތިން ބަސްބޭނުން ކުރަމުން ގެންދޭތޯ ބެލުން.
-          ދިވެހިބަހާ ތާރީޚާބެހޭ ދިރާސާތައް ކުރަން އެދޭފަރާތްތަކަށް ކަނޑައެޅިފައިވާ ޤަވާއިދެއްގެ މަތިން އެކަންތައްތައް ކުރެވޭނެމަގު ތަނަވަސްކޮށްދީ އެހީވެދިނުން.
-          ދިވެހިބަހާ ތާރީޚުގެ ރޮގުން މަތީތަޢުލީމު ދިނުމުގެ މަގު ތަނަވަސްކޮށްދިނުމަށް ބޭނުންވާ ތައްޔާރީތައް ކުރުން.
10-          މިކަންތައް ތަކަށް ޢަމަލީ ސިފައެއް ގެނެވޭތޯ ބަހުގެ ކޯސްތައް ހިންގަވައި އަދަބީ މުބާރާތްތައް ރާއްވަވައި ހިންގަވައެވެ. އަދި އަދަބީ މަޖައްލާއެއް މަހަކު އެއްފަހަރު ޝާއިރު ކުރައްވައި އަދަބީ ފޮތްފޮތާއި އަދީބުންނާއި ޝާއިރުންގެ މަސައްކަތް ތައް ޗާޕް ކުރައްވައިގެން ނެރުއްވައި ރަދީފާއިބެހޭ މަސައްކަތް ކުރައްވައެވެ.
11-         1962 ވަނަ އަހަރު ދިވެހިރާއްޖޭގެ ރޭޑިޔޯ ސްޓޭޝަން ހުޅުވުމާއި 1978 ވަނަ އަހަރު ދިވެހިރާއްޖޭގެ ޓީވީ ސްޓޭޝަން ހުޅުއްވެވުމަކީ، ލިޔުންތެރިކަމުގެ އައު ދައުރެއް ފެށުނު ދެކަމެއް ކަމަށް ދެކެމެވެ. ރޭޑިޔޯ ޑްރާމާތަކާއި ޓީވީ ފިލްމުތައް އުފެއްދުމަށްޓަކައި އައު ލިޔުންތެރިންތަކެއް އުފެދިގެން އައެވެ. މިގޮތުން އަޅުގަނޑު ފާހަގަ ކޮށްލާނީ
-          އަލްފާޟިލު އަބުދުއްނަސީރު
-          އަލްފާޟިލު ސައިކުރާ އިބުރާހިމް ނައީމް
-          އަލްފާޟިލު ޔޫސުފު ރިޔާޒު
-          އަލްފާޟިލު ހުސައިން މުޙައްމަދު
-          އަލްފާޟިލު ހުސައިން ޝިހާބު
-          އަލްފާޟިލު ކަޝިމާ އަޙުމަދު ޝާކިރު އާއި
ދިވެހިރާއްޖޭގެ އަޑުގެ އިސް އެނައުންސަރުންގެ ޓީމެވެ. މިރޮގުން އަލްއުސްތާޛު އަލްމަރުޙޫމް މުޙައްމަދު ޖަމީލް ލިޔުއްވި ރޭޑިޔޯ ތަމްސީލުތައް އަޅުގަނޑު ފާހަގަ ކުރަމެވެ. ތަމްސީލު ލިޔުމުގެ ރޮގުން އަލްފާޟިލު ކޮޕީ މުޙައްމަދު ރަޝީދާއި އަލްފާޟިލު މުޙައްމަދު ޝާހިދު ޙަލީމްވެސް މިތަނުގައި ނަކަލްކޮށްލަމެވެ.
12-         ޑުރާމާގެ ސްޓައިލަށް ލިޔުއްވުމުގައި ދިވެހި އަދަބުގެ މިޒަމާން ފެށުނު ދުވަސްވަރުގެ ބޭފުޅެއްގެ ނަންފުޅު މިތަނުގައި ނަކަލު ކޮށްލާހިތްވެއެވެ. އެބޭފުޅަކީ އައްނަބީލު މަލިންމުޙައްމަދު ދީދީއެވެ.
13-         ނޫސްވެރިކަމުގެ ބިންގަލަކީ ސަރުކާރުގެ ޚަބަރު ކަމުގައި ދަންނަވަން ޖެހެވެ. އެއީ ރާއްޖޭގެ ފުރަތަމަ ނޫހެވެ. ޗާޕްކުރެވުނީ 400 ނޫނީ 500 ކޮޕީއެވެ. މިނޫސް ނުކުންނާންފެށީ 1943 ވަނައަހަރު ޖޫންމަހުގެ 5 ވަނަ ދުވަހުއެވެ.
14-         އެނޫހަކީ، ދިގުމަޒުމޫންތަކާ އިސިލްސިލާ ވާހަކަ ތަކާއި ކުޑަކުދިންގެ ސަފުހާއަކާއި ކުޅިވަރުގެ ޚަބަރުތަކާއި ދުނިޔޭގެ ޚަބަރުތަކާއި ކިޔުންތެރީން ފޮނުވާ ސިޓީވެސް ޖަހަމުންދިޔަ ނޫހެކެވެ. އެނޫހުގެ ކޮޕީތައް ބަލައިލުމުން ހުރިހައި ބާވަތެއްގެ ލިޔުންތައް މަސްހުނިކޮށް ހުރިކަން ފާހަގަ ކުރެވެއެވެ.
15-         މިތަނުގައި ނޫސްތަކުގައިޖަހާ ޚަބަރުތައް އޭރުހޯދާގޮތް ނޯޓް ކޮށްލަމެވެ. ސަރުކާރުގެ ޚަބަރު ނުކުތްއިރު ބޭރުގެޚަބަރު ނަންގަވަނީ މުލިޔާ ގޭގައިހުންނަ ރޭޑިޔޯއަކުން އަލްމަރުޙޫމް މުޙައްމަދު އިސްމާއީލް ދީދީއެވެ. ދުނިޔޭގައި އިގިރޭސިން ބެހެއްޓި ވަޔަރލެސް ސެޓް ބޭނުން ކުރައްވައިގެންވެސް ޅަބަރު ނެންގެވިއެވެ.
16-         1958 ހައި ތަނުގައިވެސް އަމިއްލަ ފަރާތްތަކުން ޗާރޕް ކޮށްގެ ނޫހެން ނެރުއްވިއެވެ. އެނޫހުގެ ނަމަކީ "މާލޭޓައިމުސް" އެވެ. 1958 ގެ ތެރޭގައި ނެރުނު މިނޫހުގެ އެޑިޓަރަކީ އަސްރުމާގޭ އަލްފާޟިލު އިސްމާއީލް އަބުދުއްއެވެ.
17-         ބޭރުބަހަކުން ފުރަތަމަ ނެރުނު ނޫހަކީ "ގާޑިޔަން" އެވެ. މިނޫސްފުރަތަމަ ނުކުތީ 1963 ވަނައަހަރުގެ ސެޕްޓެންބަރު މަހުގެ 6 ގައެވެ. އެޑިޓާރަކީ އޯކިޑްމާގޭ އަލްފާޟިލު އަޙުމަދު ޒަކީއެވެ.
18-         މިހާރު ނޫސްތަކަށް ބޭރުޚަބަރު އާއްމުކޮށް ނަންގަވަނީ ވަޔަރ ސަރވިސްތަކުންނެވެ. ރާއްޖޭގެ ފުރަތަމަ ރަޖިސްޓްރީކުރި ނޫސްއެޖެންސީއަކީ ހަނާ މޯލްޑިވުސް އެޖެންސީއެވެ. މައްސޫލުވެރިއަކީ އަލްއުސްތާޛު އިބުރާހިމްރަޝީދު މޫސާއެވެ.
19-         ރާއްޖޭގައި މިހާރު ނުކުންނަ ދުވަހު ނޫސްތަކަކީ، "ހަވީރު" އާއި "އާފަތިސް" އާއި "މިއަދު" އެވެ. ކުރިން ނުކުމެފައިވާ ދުވަހު ނޫސްތަކަކީ:
-          1956 ވިޔަފާރި މިއަދު
-          1958 ތަރި
-          1960 ފަތިސް
-          1963 މޯނިންގ ޕޯސްޓް
-          1970 އިވުނިންގ ނިއުސް
-          1971 މޫންލައިޓް
20-   "ގާޑިޔަން" ނޫސްފިޔަވައި އިގިރޭސިބަހުން ނުކުތް ނޫސްތަކަކީ:
-          1970 މޯނިންގސަން (ހަފްތާއެކު ދެފަހަރު) (އެޑިޓަރު އަލްފާޟިލު މުޙައްމަދު ޒާހިރު ނަސީރު)
-          1977 މޫންލައިޓް ވީކްލީ
21-          ނޫސްވެރިކަން މިޒަމާނުގެ ސްޓައިލަށް ބަދަލު ކޮށްލެއްވި ބޭފުޅެއްކަމަށް ބުނެވޭނީ އަލްފާޟިލު ސީނާ އަޙުމަދު ޒާހިރު ކަމަށެވެ. އެއީ އޭނާ ނެރުއްވި "ހަފްތާ" ނޫހެވެ.

މަސައްކަތް

މަތީގައިއެވާ ލިޔުން ފަރުވާތެރިކަމާއެކު ކިޔުމަށްފަހު އެލިޔުމުގައިވާ މަޢުލޫމާތު ތައް ބޭނުންހިފައިގައި، ތިރީގައިވާ ނުކުތާތަކަށް އިސްކަންދީގެން 800 ބަހާއި 1000 ބަހާއިދެމެދުގެ މަޒުމޫނެއް ލިޔާށެވެ.
-          އަލްއަމީރު މުޙައްމަދު އަމީންދީދީ ދިވެހި އަދަބަށް ކޮށްދެއްވި ޚިދުމަތްތައް.
-          މުޙައްމަދު އަމީންގެ ދައުރުގެ ލިޔުންތައް ހުރިގޮތުގެ ބައެއް މިސާލުތައް.
-          ރޭޑިޔޯ ސްޓޭޝަނަކާއި ޓީވީސްޓޭޝަނެއް ރާއްޖޭގައި ހުޅުވުމާއި ގުޅިގެން ބަހާއި އަދަބަށްލިބުނު ކުރިއެރުން.
-          ނޫސްވެރިކަން ރާއްޖޭގައި އުފެދި ތަރައްޤީވަމުންއައި ގޮތް އަދި މިމަޒުމޫނުގައިވާ ފޮޓޯތަކުގެ އެހީގައި ތަންކޮޅެއް އިހުގެ ނޫސްތަކާއި މިހާރުގެ ނޫސްތަކާއި ދެމެދުހުރި ތަފާތުތައް.
-          ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީމަރުކަޒު އުފެއްދެވުމާއި ގުޅިގެން އެމަރުކަޒުން ކުރައްވަން ފެއްޓެވި ބަހާއި އަދަބުގެ މަސައްކަތްތައް އަދި އެކަންކަމުގެ ސަބަބުން ބަހާއި އަދަބަށް ލިބެމުންދާ ކުރިއެރުމާއި ފައިދާތައް.

***************

No comments:

Post a Comment