Friday, March 7, 2014

Samaasa Adhabu (Nilandhoo Raaverin Hahjah dhiun)

ސަމާސާއަދަބު
ނިލަންދޫ ރާވެރިން ޙައްޖަށް ދިއުން
އިބުރާހީމް ޝަހީދު

މިއީ ގއ. ނިލަންދޫގައި ހިނގާފައިވާ ހަޤީޤީހާދިސާއެއް ކަމަށް ކާބަފައިންގެ ދޫދޫމަތިން ކިޔަމުން އައިސްފައިވާ ވާހަކައެކެވެ. މިވާހަކައަކީ ފުލޯކު ވާހަކަ އަކަށްވުންވެސް އެކަށީގެންވެއެވެ. އެނގޭހާވެސް ކަމަކީ އަޅުގަނޑުމެންނާ ހަމައަށް އައިއިރުވެސް "ނިލަންދޫ ރާވެރިން ޙައްޖައްދާން ނުކުތް ނެރު" މިނަންކިޔަމުން އަންނަ ނެރެއް ނިލަންދޫ އުތުރުފަރާތުގައި އޮންނަކަމެވެ. މިއަދާހަމައަށްވެސް އެނެރު އެބައޮތެވެ. އެހެންކަމުން މިއަދާހަމައަށްވެސް އަޅުގަނޑުމެން ޤަބޫލް ކުރަމުން އަންނަނީ މިއީ ޙަޤީޤީ ހާދިސާއެއް ކަމަށެވެ. ނަމަވެސް މިލިޔުމުގައި ލިޔެވިފައިވާ މީހުންގެ ނަންނަމަކީ ޙަޤީޤީ ނަންނަމެއް ނޫނެވެ.
******************************************************

ގއ. ނިލަންދޫއަކީ އަތޮޅުގެ ނިސްބަތުން ބިންބޮޑު އަދި އެހާމެ ޖަންގަލިވެސް ބޮޑު ރަށެކެވެ. މުޅިރަށުގައިވެސް މައިގަނޑުގޮތެއްގައި ހެދިފައިވަނީ ރުކެވެ. ޒަމާނުއްސުރެ ރާވެރިކަން ކުރަމުން އައިސްފައިވާ ކަމުގެ ނިޝާންތައް ފެންނަން އެބަހުއްޓެވެ. އެގޮތުން އެންމެބޮޑަށް ފާހަގަކޮށްލެވޭ އެއްތަނަކީ ރަށުގެ މީހުން ނޫޅޭ ސަރަހައްދު ދަރުމަކޮޅުގައި މިއަދާހަމައަށްވެސް ފެންނަންހުރި "ރާގޭވަޅު"ގެ ނަމުން މަޝްހޫރުވެފައިވާ ވަޅެވެ. އަދިހަމަ އެހެންމެ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރާވެރިކަން ކުރަން ދަންނަ އަދި މިހާރުވެސް ކުރަމުންދާ މީހުންތައް ނިލަންދޫގައި ގިނައަދަދަކަށް ތިބިކަމެވެ. އެހެންކަމުން ނިލަންދޫގައި ދިރިއުޅެފައިވާ އަދި ދިރިއުޅެމުންދާ ރައްޔިތުންތައް ދިވެހިރުކުގެ ބޭނުން ހިފާފައިވަނީ އަދި ހިފަމުންދަނީ އޭގެއެންމެ ފުރިހަމަ ނަފާލިބޭގޮތަށެވެ.

ދުވަސްވަރަކީ މުޅިރާއްޖޭގައިވެސް ތަރައްޤީގެ ކުނޑިފިކުއްގެ މިންވަރުވެސްނެތް ދުވަސްވަރެވެ. ދަތުރުފަތުރުކޮށް އުޅުނީވެސް އެހާދަތިހާލުގައި ރިޔާނެގި ބޮއްކުރާފަހަރުގައެވެ. ޚަބަރުލިބުމާއި ޚަބަރުފޮނުވުން ވެފައިވަނީ ހޯދަންދަތި ތަދުބޭހެއްކަމުގައެވެ. އިންޖީނުއެޅި ދޯންޏެއް ޚިޔާލަށްވެސް ގެނެސްގަތުމަކީ ދަތިކަމެކެވެ. ދަތުރުފަތުރު ކުރުމުގައި ނެވި ނިޔަމިކަމުގައި ބޭނުންކުރާ އެއްވެސް އާލާތެއްނެތް ދުވަސްވަރެކެވެ. ނަމަވެސް މި ދުވަސްވަރުގައިވެސް ދުނިޔޭގެ ތަފާތުތަންތަނަށް ދާންބޭނުންވާނެ މީހުން ތިބޭނެކަން ކަށަވަރެވެ. އަދި ބައެއްކަންތައްތައް ކުރަންބޭނުވެ އެކަންތައްތައް ނުކުރެވިވެސް ބަޔަކުވާނެކަން ކަށަވަރެވެ.

މިދުވަސްވަރު ނިލަންދޫގައި އުޅުނު މޫސާފުޅަކީ ރާވެރިކަމަށް މަޝްހޫރު މީހެކެވެ. ހީވާގިމުރާލި ފިރިހެންވަންތަ ފިރިހެނެކެވެ. ފަސްވަގުތު ނަމާދަށްގޮސްހަދާ ވަރަށް ދީންވެރި މީހެކެވެ. ތިންއިރު ހަމަޔަށް ރުކަށްދެއެވެ. އަދި ދުވާލަކު އެތައް އަޑުބައެއްގެ ރާ ގެއަށްވައްދައެވެ. އަންހެނުންނަށް ގޭތެރޭގައި އަތްގާތްކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އަވައްޓެރި އެކުވެރިއެއްގެ ބޮއްކުރާގައި ވަދުއަޅާލާ ކޫއްތާލާ ހަދާލުމަށް ކަނޑުމައްޗަށް ނުކުމެލުމަކީ މޫސާފުޅުގެ އުފަލެކެވެ. އެހެންކަމުން މޫސާފުޅަކީ ފަސްމީރު ކުރިރުކެކޭ ބުނާވަރުގެ މީހެކެވެ.

އާދައިގެމަތިން މޫސާފުޅު ވަދާނުކުމެ އުޅުނު ދުވަހެކެވެ. ނަލަވައިގާ ބޮއްކުރާ ކުރިއަށް ދެއެވެ. ބޮއްކުރާގެ ދެފަރާތުން މައްޔަލުން ކެފިގެން ދެފަރާތައްދާ ރާޅާއެކު މޫސާފުޅުގެ ޚިޔާލުވެސް އޭނާއާއި ދުރަށް މާދުރަށް ހިނގައްޖެއެވެ. މޫސާފުޅުގެ ހިތަށްއަރަމުންދިޔައެވެ. އުމުރުގެ މިހާހިސާބަށް އައިއިރު ޙައްޖަށްދިއުން ފިޔަވާ އެހެން ހުރިހާ އުއްމީދުތަކެއް މިވަނީ ފުރިހަމަވެފައެވެ. އެހެންކަމުން ކޮންމެވެސް ގޮތަކުން މިކަންހާޞިލުވޭތޯ ބެލުމަކީ އަހަންނަށް ކުރެވިދާނެކަމެކެވެ.

ދުވަސްތައް ފަށްފަށްވަމުންދާވަރަކަށް މޫސާފުޅުގެ ހިތުގައި މިކަމުގެ އެދުންވެރިކަން ދިޔައީ އިންތިހާއަށް ބޮޑުވަމުންނެވެ. އެހެންކަމުން މިވާހަކަ މޫސާފުޅުގެ އެކުވެރި އެހެން 2 ރައިވެރިއަކު ގާތުގައި ދައްކައިފިއެވެ. އެ ދެމީހުންވެސް މޫސާފުޅުގެ ޚިޔާލަށް އެއްބަސްވީ ހިތުންރުހުމުންނެވެ. އެއީ މިފަނާވަނިވި ދުނިޔެއާއި ވަކިވުމުގެ ކުރިން މިފަދަ ނަސީބެއް ލިބުމަކީ އެމީހުންވެސް އެދޭކަމަކަށް ވާތީއެވެ. ނަސީބަކީ ކަތީބަކުދޭ އެއްޗެއް ނޫންކަން އެމީހުން ޤަބޫލުކުރެއެވެ. ގިނަފަހަރަށް މީހާގެ ނަސީބު ކުރިމަތިވަނީވެސް އެކަމަށް އެދިގެން މަސައްކަތް ކުރީމަކަން އެމީހުން ދަނެވެ.

ތިންރައިވެރިން ވާހަކަދައްކާ ސައްލާކުރުމަށްފަހު ޖެހިގެންއައިދުވަހު ބޮއްކުރާއަށް ކާބޯތަކެއްޗާއި ފެންލާ ދަތުރަށް ރަނގަޅަށް ތައްޔާރު ކޮށްފިއެވެ. އަދި އެމީހުންގެ ރަޙުމަތްތެރިންނާއި ސަލާމްގަލާންކޮށް ދަތުރަށް ފުރުމަށްޓަކައި އަތިރިމައްޗަށް ނުކުމެއްޖެވެ. މި ތިންރައިވެރިންގެ ދަތުރު އެރެހެއްޓުމައްޓަކައި ރަށުގެ ވަރަށްގިނަބަޔަކު އަތިރިމައްޗަށް ނުކުތެވެ.

ދުވަސްވަރަކީ އިރުވައިމޫސުމުގެ ހިޔަނަކަތުގެ ދުވަސްވަރެއެވެ. އިރުދެކުނުފަރާތުން ހެޔޮވަރުވަރަކަށް ވައިޖެހެމުންދެއެވެ. ތިންރައިވެރިން ޙައްޖަށްދާން ފުރައިފިއެވެ. މާލިމީއަކަށް ހުންގާނުގައިހުރީ ރައިވެރި މޫސާފުޅެވެ. ބޮއްކުރާނައްޓާލުމާއެކު ތިންރައިވެރިން ވާހަކަ ދައްކަންފެށީ މައްކާއަށް ދާނެ މިސްރާބަކާއި ބެހޭގޮތުންނެވެ. ކުއްލިއަކަށް މޫސާފުޅުގެ ވިސްނުމަށްއައީ ރަށުގެ މިސްކިތުގެ ޤިބުލަ ހުންނަދިމާއަށް ބޮއްކުރާގެ މިސްރާބު ބެހެއްޓުމަށެވެ. އަނެއް ދެރައިވެރިންނަށްވެސް އެއީ ވަރަށްރަނގަޅު ގޮތެއްކަމަށް ފެނުނެވެ. އެއީ އެމީހުންނަށްވެސް އެނގިފައިވާގޮތުން ޤިބުލައަކަށްވަނީ މާތްވެގެންވާ ކައުބަތުﷲ ގެފުޅެވެ. އެމީހުންވެސް ދާން ބޭނުންވެގެން އެއުޅެނީ އެތަނަށެވެ. އެހެންކަމުން އެއީ އެމީހުންގެ މިސްރާބުކަމަށް އެމީހުންވެސް ނިންމީއެވެ. ކަނޑަށް ނުކުތުމަށްޓަކައި ރަށުގެ ފަރާހަމަޔަށް ދިޔަތަނުން އެނގުނީ އެވަގުތު ދިޔަވަރު އޮތްގޮތުން އެމީހުންނަށް ކަނޑަށް ނިކުމެވެން ނެތްކަމެވެ. ދިޔަވަރުއޮތީ މާބޮޑަށް ހިކިފައެވެ. ބަލާކަށްނުތިބެ ތިންރައިވެރިން މޫދަށްފައިބާ ބޮއްކުރާއަށް ނުކުމެވޭނެހެން ގާތައްނަގާ ނެރެއްހަދައިފިއެވެ. އެއަށްފަހު ކަނޑަށްނުކުމެ އެމީހުންދާން ބޭނުންވެފައިވާ މަންޒިލާދިމާއަށް މިސްރާބު ޖެހިއެވެ.

ފައްސިޔަވައިގާ ބޮއްކުރާއޮވެ ކުރިޔަށްދެއެވެ. ރޭގަނޑަށް އިރުއޮއްސިއްޖެއެވެ. މަޑުމަޑު މިލަހަނޑުވަރެއް އުނޑުމައްޗަށް ވެރިވެފައި ވެއެވެ. އުނޑުމަތީގައިވާ ތަރިތަކާއެކު ހަނދުވަރުން ދުނިޔެއަށްދޭ އަލިކަމަކީ ފަނޑުއައްޔެކޭ ނުބުނެވޭނެވެ. ކަނޑުގެ ރާޅުތަކާއި ކުޅެމުން ރީތިދުވެއްޔެއްގައި ބޮއްކުރާ ކުރިޔަށްދެއެވެ. ރޭގަނޑު ދެބަޔަށްދިޔަތަނާ އުދަރެހުން ޖެހެމުންދިޔަވައި އެއްކޮށް ހިނދިއްޖެވެ. ނަމަވެސް މޫސާފުޅުގެ ހިތުގެ މިސްރާބުގައި ބޮއްކުރާ ދުއްވަމުން ގެންދިޔައެވެ. މިގޮތުގައި ތިއްބާ އެނެއްދުވަހަށް އިރުއަރައިފިއެވެ. ވަށައިގެން އެއްވެސްރަށެއް ފެންނާކަށް ނެތެވެ. މިގޮތުގައި ދެރޭދެދުވާވީފަހުން އުދަރެހުން ހެޔޮވަރު ވަރަކަށް ވައިޖެހޭން ފަށައިފިއެއެވެ. މިހާރުވައިޖެހެނީ ކޮންދިމާއަކުންކަން މޫސާފުޅަށް ނޭގުނު ނަމަވެސް ފައްސިޔަވައިގައި ބޮއްކުރާ ދުއްވާލައިފިއެވެ.

އޭގެ 2 ދުވަސް ފަހެވެ. އިރުމަތިފަރާތުން ފާއްދާލި އިރުގެއަލިކަމާއެކު ކުރިމަތިން ރަށްތަކެއްގެ މަލަމަތި ދައްކާލައިފިއެވެ. ދެނެކާދެނެންނެތެވެ. ތިންރައިވެރިން ފޯރިނަގައިގަތެވެ. މައްކާކަމަށް ހީކޮށެވެ. ޙައްޖަށް ދެވުނީކަމަށް ހިތާފައެވެ. ރައިވެރި މޫސާފުޅުވެސް ދަމާއެއްރޮއްޖަކަށް ފޫގަޅައިގެންހުރެ ފޯރީގައި އެނާގެ ދެއެކުވެރިންނަށް ބުނަމުންދިޔައެވެ. އިރާދަކުރެއްވިއްޔާ އަހަރެމެންގެ ހިތުގެމުރާދު ހާޞިލުވެއްޖެއެވެ. މިހާރު ތިންރައިވެރިންވެސް ކެތްމަދުވެފައި އެތިބެނީ މައްކާއަށް ފޭބޭލެއް ލަސްވެފައެވެ. މާތްވެގެންވާ ގެފުޅު އަލްމަސްޖިދުލް ޙަރާމް ދެކޭހިތުން ކެތްމަދުވެފައެވެ. މިފަދަ ފޮނިއުންމީދު ތަކެއްގައި ތިއްބާ މެންދުރުވާއިރަށް އަނެއްކާވެސް އުޑުމަތިން ޖެހެމުންދިޔަވައި އެއްކޮށްކަހަލަ ގޮތަކަށް ހިނދިއްޖެއެވެ. ކެތްމަދުވެފައިވާ ތިންރައިވެރިން އަނެއްކާވެސް މާޔޫސްވާން ފަށައިފިއެވެ. ނަމަވެސް މޫސާފުޅު އޭނާގެ ހިތްވަރު ދެރައެއް ނުކުރިއެވެ. ކެތްތެރިކަމާއެކު ހިތްވަރު ކުރުމަށް އަނެއް ދެރައިވެރިންނަށް ނަސޭހަތްތެރިވަމުން ދިއައެވެ.

އޭގެއަނެއްދުވަހެވެ. ފަޖުރުގެ ފުރަތަމަގޮވި ހާލާއެކު ބޮއްކުރާ ގާތްކޮށްލީ ރަށެއްގެ ގޮނޑުދޮށަށެވެ. ބޮއްކުރާ ގޮނޑުދޮށުގައި ބީހުމާއެކު ރައިވެރިމޫސަ އެއްލިކަޅިއަކުން ފެނުނީ އަތިރިމަތީގައި ގޮނޑުދޮށާކައިރީގައި ހުދުހެދުމެއް ލައިގެންހުރި މީހެކެވެ. އެމީހާފެނުމާއެކު ރައިވެރިމޫސަ އޭނާގެ އަނެއް ދެރަޙުމަތްތެރިންނަށް މަޑުމަޑުން ބުންޏެއެވެ. ނިކަން ގޮނޑުދޮށަށް ބަލާލަބަލާށެވެ. އެހެރީ އަހަރެމެން ބަލާއައިސްހުރި މީހެކެވެ. މިއީ ޙައްޖުމޫސުންކަމުން އަހަރެމެންހެން މިހެން އަންނަ މީސްމީހުން ޙައްޖުވާތަނަށް ގެންދިޔުމަށް އައިސްހުރި މީހެކެވެ. އަނެއްދެއެކުވެރިން ބުންޏެއެވެ. ނިކަން އެނގޭގޮތަކަށް އޭނާއާއި ވާހަކަ ދައްކާލަބަލާށެވެ. ރައިވެރިމޫސަގެ ހިތަށްއެރިއެވެ. މިވީ އެމީހާއާއި ވާހަކަދައްކަންތާއެވެ.

މޫސާފުޅު މަޑުމަޑުންގޮސް ބޮއްކުރާގެ ދިރުބާކޮޅު މައްޔަލުގައި އެއްފައި އަޅާލުމަށްފަހު ގޮވާލިއެވެ. "ކޯނުކޮންޖީރާހޭ!" މިއަޑުހަމަ އިވުމާއެކު ގޮނޑުދޮށުގައިހުރިމީހާ ޖަވާބުގައި ގޮވާލިއެވެ. "ވޮޑަމުލުކާ ޖަޒީރާހޭ!" މިއަޑުހަމަ އިވުމާއެކު މޫސާފުޅު އޭނަގެ އެކުވެރިންނަށް ބުންޏެއެވެ. ކޮބާއެއީހަމަ އަރައްބެކެވެ. ވާހަކައެދައްކަނީވެސް އަރަބިބަހުންނެވެ. ބޮއްކުރާ އަޅާލުމަށްފަހު އެމީހުން ފައިބައިފިއެވެ. އެއިރު މަޑުމަޑުންދަނީ ބިންމަތި އަލިވަމުންނެވެ.

ރަށަށްފޭބުމަށްފަހު ގޮނޑުދޮށުގައި ހުރިމީހާއާއި ބައްދަލުވެ ކައިރިންފެނިލުމުން އެމީހުންނަށްލިބުނީ ވަރަށްބޮޑު ހައިރާންކަމެކެވެ. އަދިކިރިޔާ އެމީހުންނަށް އެ އެނގުނީ އެމީހުންނަށް އާދެވިފައި މިތިބީ ގއ. ވޮޑަމުލާއަށް ކަމެވެ. ގޮނޑުދޮށުން އެމީހުންނާއި ބައްދަލުކުރީ ވޮޑަމުލާއާއި އެއްފަޅެއްގައި އޮތް ދާންދޫއިން އެރަށަށް ރައިވެރިކަމު އައިސްހުރި ބެއްޔާފުތާއިކަމެވެ. މިދިމާވި ކަންތަކުގެ ސަބަބުން ބުނާނެއެއްޗެއް ނޭގިފައި އެކަކުއަނެކެއްގެ މޫނަށްބަލަބަލާ ތިބެންފަށައިފިއެވެ. އިރުކޮޅަކު މިހެންތިބެފައި ރައިވެރިމޫސަ ވަރަށް ހިތްވަރުކޮށްފައި އެމީހުންގެ ދަތުރާއިބެހޭ ހުރިހާވާހަކައެއް ބެއްޔާފުތައް ކިޔާދިނެއެވެ.

މޫސާފުޅުގެ ވާހަކަތައް އަޑުއިވުމުން ބެއްޔާފުތު ވަރަށްވިސްނާލާފައި ބުންޏެއެވެ. ދުވަސްކޮޅަކު މިރަށުގައި ތިބެލާފައި ރަށަށްދާނީއެވެ. އެއިރުން ރަށުގެމީހުނަށް ކަންތައް ހިނގާދިޔަގޮތެއް ނޭނގޭނެއެވެ. ބެއްޔާފުތުގެ މިވާހަކަ އަޑުއަހާފައި ތިންރައިވެރިންވެސް އެގޮތާއި އެއްބަސްވެއްޖެއެވެ. އަދި މިގޮތުގައި ވޮޑަމުލާގައި 10 ދުވަސްވަންދެން ތިބުމަށްފަހު ފުރައިގެން އެމީހުން ރަށަށްގޮސްފިއެވެ. އަދި ރަށަށް ދިޔުމަށްފަހު ޢަރަބިބަހާ ގުޅުންހުންނާނެހެން ބައެއްބަސްތައް ކިޔާއުޅުނު ކަމަށްވެއެވެ.
***************

No comments:

Post a Comment