Friday, March 7, 2014

Hamaekani Suhaa ahtakai (Kuruvaahaka)

ކުރުވާހަކަ
ހަމައެކަނި ސުހާއަށްޓަކައި
އިބުރާހިމް ޝަހީދު

ފުރަމެންދަމުގެ ހަމަހިމޭން ވަގުތެވެ. އާދައިގެމަތިން މިރޭވެސް މައިހާ އެއޮތީ ނުނިދިފައެވެ. ވޭތުވެދިޔަ ތިންމަހުގައިވެސް މައިހަގެ ޙާލަކީ މި އީއެވެ. ބަރުބާދު ވެފައިވާ އޭނާގެ އަމިއްލަ ޙަޔާތާއިމެދު ދެރަވެ ހިތާމަ ކުރުމެވެ. ތުއްތު ދަރިފުޅުގެ މުސްތަޤުބަލް އާރާސްތު ކުރާނެ ގޮތަކާއިމެދު ވިސްނުމެވެ. އެކަނިމާއެކަނި އެ މަޢުޞޫމް ދަރިފުޅުގެ މުސްތަޤުބަލް އާބާދު ކުރާނެ ގޮތަކާއިމެދު ޚިޔާލު ކުރުމެވެ. ކިތަންމެ ބޮޑު ގޮންޖެހުންތަކަކާ އެކުވެސް މައިހާގެ އުންމީދަކީ އެ ދެރިފުޅަކީ ޞާލިޙު ކިޔަމަންތެރި ދަރިއަކަށް ހެދުމެވެ. ބައްޕަގެ ލޯބިން މަޙުރޫމްވެފައި ވީނަމަވެސް ހެވެއެވެ. އެ މަޢުޞޫމް ފުރާނަޔަށްޓަކައި މައިހާގެ ފުރާނަވެސް ޤުރުބާން ކޮށްލަން މިއަދު މައިހާ އެހުރީ ތައްޔާރަށެވެ. އެހެނީ އުފާވެރި ބާއްޖަވެރި ދިރިއުޅުމަކަށްޓަކައި ކަމަރުބަތް ޙަޔާތް ވެއްޔާމޮޑެވިފައިވާތީއެވެ.

އެއީ މީގެ 8 އަހަރު ކުރިއެވެ. މައިހާގެވެސް ޒުވާންކަން އެންމެ ފައްކާވެފައިވާ ދުވަސްވަރެއެވެ. ރަށުގެ ނިސްބަތުން އެންމެ ރީތި ކުދިންގެ ތެރޭގައި ނުހިމެނުނުކަމުގައި ވިޔަސް މައިހާއަކީ  ހުތުރުކުއްޖެކޭ ނުބުނެވޭނެއެވެ. ރަށުމީހުންގެ ރުޙުމާއި ލޯބި މައިހާ ހޯދާފައިވަނީ އޭނާގެ މަޑުމައިތިރިކަމާއި ޚުލްޤުގެ ފުރިހަމަކަމާއި، ކެތްތެރިކަމާއި ނިޔަނެތިކަމުގެ އިތުރުން ރަށުގެ ހުރިހާ އެންމެންނަށް ޞިއްޙީގޮތުން އެހީތެރިކަންފޯރުކޮށްދޭ ރަށުގެ ޞިއްޙީ އެހީތެރިޔާގެ ގޮތުގައެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އެ މީހެއްގެ ސިއްރު ވާހަކަތަކަށްދާންދެން މައިހާއާއި ޙިއްޞާކުރަނީ ނުހަނު އިތުބާރާއެކުގައެވެ. ވާނީވެސް އެހެންނެއެވެ. އެބައިމީހުންގެ ވާހަކަތައް މައިހާ ސިއްރުކުރެއެވެ. އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔައީ ލިބިފައިވާ ޢިލްމެއްގެ ބެނުންކޮށްގެން ކެތްތެރިކަމާ އެކުގައެވެ. އެހެނީ އެދުވަސްވަރަކީ ރަށްފުށުގައި ޑޮކްޓަރުން މަސައްކަތް ކުރަމުންދިޔަ ދުވަސްވަރެއް ނުމެ ނޫންމެއެވެ. 

ޒަވާޖީޙަޔާތެއްގެ ފޮނި މީރުކަން އިޙުސާސްކުރަން ބޭނުންވެފައިވާ މައިހާ ކައިވެނީގެ ގޮތުން ފަޔާޒުއާއި ގުޅުނީ ވަރަށްފޮނި އުންމީދުތަކެއް ކޮށްގެންނެވެ. ދުވަހަކުވެސް ފަޔާޒާއި ވަކިނުވުމަށް ޢަޒުމް ކަނޑައަޅައިގެންނެވެ. މައިހާގެ މާޒީގައި އޭނާއަކީ ރަށުގެ އެހެންކުދިހެން ފިރިހެންކުދިންނާއި ހިތާވެގެން އެމީހުންގެ ފަހަތުން ދުވި ކުއްޖަކަށްނުވާތީ މައިހާ އާއިއެކު ޒަވާޖީ ޙަޔާތެއް ފެށުމުގައި ފަޔާޒު އެއްވެސް ފަސްޖެހުމެއްނެތެއެވެ. އެއީ ފަޔާޒަކީ ރަށުން ބޭރުގައި "ރިސޯޓުގައި" ވަޒީފާ އަދާކުރާ މީހަކަށްވެފައި އިތުބާރު ކުރެވޭ ވަފާތްތެރި އަނބަކު ފަޔާޒު ނުހަނު ބޭނުމެވެ.

މައިހާ އޭނަގެ ޒަވާޖިޙަތާތުގެ ވަރުގަދަގޮށް ފަޔާޒު އާއިއެކު ޖެހީ ފަޔާޒުއަށް ވަފާތްތެރިވާ ޙާލު ކިޔަމަންތެރި ގެވެހި އަނބެއްގެ ގޮތުގައެވެ. ދެމީހުން ކިތަންމެ ދުރުގައި ތިބެންޖެހުނަސް އެކަކު އަނެކަކަށް ވަފާތްތެރިވުމަށް ވަޢުދުވަމުންނެއެވެ. އެކަކު އަނެކަކަށް އުފަލާއި ހިތާމަ ހިއްސާކުރުމަށް ނިންމައިގެންނެއެވެ. ދިރިއުޅުމުގައި ދޮގުހެދުމާއި މަކަރުހެދުން އެއީ އެދެމީހުންގެ ޙަޔާތުގައި ދުވަހަކުވެސް އައިސްގެން ނުވާނެ ކަމެއްކަމަށް ނިންމައިގެންނެއެވެ. މައިހާ ފަޔާޒަށް ނުހަނު އިތުބާރު ކުރެއެވެ. ދުވަހަކުވެސް އަންހެނަކު ފިރިހެނަކަށް އިތުބާރު ނުކުރާވަރަށެވެ. އެހެން ނުވާންވީ ސަބަބެއްނެތެއެވެ. ފިރިހެނެއްގެ އޯގާތެރިކަމާއި ފިރުމުންތަކާއި ޖިސްމުގެ ހޫނުކަން އޭގެ ނިހާޔަތައް މައިހާ ބޭނުންވެފައިހުއްޓާ އެ ހުރިހާ އުފަލަކާއި ލައްޒަތެއް އޭނާއަށް ހޯދައިދިނީ ފަޔާޒެވެ.
ދުވަސްތައް މާޒީއާއި އެކުވަމުންދެއެވެ. ފަޔާޒުވެސް އޭނާ މަސައްކަތް ކުރަމުންދާ ރިސޯޓް ގައި އަވަދިނެތި ބުރަކޮށް މަސައްކަތް ކުރަމުންދެއެވެ. މައިހާވެސް އަވަދިނެތި އިންސާނިއްޔަތައް ޚިދުމަތްކުރުމުގައި (އޭނާގެ މަސައްކަތުގައި) އަވަދިނެތި އުޅެމުންދެއެވެ. ފަޔާޒަށް ރިސޯޓުން ކިރިޔާ ޗުއްޓީއެއް ލިބުނަސް އަވަސްވެގަންނަނީ މައިހާގެ ގާތަށް އައުމަށެވެ. އެހެނީ މައިހާ އުފާކޮށްދިނުމަކީ މިއަދު ފަޔާޒަށްލިބޭ އެންމެ ބޮޑުއުފާ ކަމުގައި އޭނާ ޤަބޫލުކުރެއެވެ. ދެމީހުންގެ އުފާ އެކަކުއަނެކަކާ ޙިއްސާކުރަމުންދަނީ އޭގެ ނިހާޔަތަށެވެ. އެހެންކަމުން ފަޔާޒު އިތުރަށް އުފާކޮށްދިނުމަށްޓަކައި މައިހާ ބޭނުންވަނީ އެ ޢާއިލާއަށް އިތުރު މެމްބަރަކު ގެނައުމަށެވެ. ލޯބިލޯބި ތުއްތު ދަރިއަކު ހޯދުމަށެވެ. އެއީ މައިހާގެވެސް ހުވަފެނަކަށް ވާތީއެވެ.  
އެފަހަރުގެ ޗުއްޓީ ނިންމާލުމަށްފަހު ފަޔާޒު ރަށުންފުރިފަހުން މައިހާއަށް ބުނަންނޭގޭ އިޙުސާސްތަކެއް ކުރެވެއެވެ. އަދި އާދަޔާޚިލާފު ގޮތްތަކެއްވެސް ވާންފަށައިފިއެވެ. އެހެންކަމުން މައިހާ ނިންމީ އޭނަ ބަނޑުބޮޑުތޯ ޓެސްޓްކުރުމަށެވެ. މައިހާކުރި ޓެސްޓުން ދެއްކީ އޭނަ ބަނޑުބޮޑު ކަމަށެވެ. މިކަމާ މައިހާ އިންތިހާއަށް އުފާވިއެވެ. އެހެނީ މައިހާ އެންމެ ލޯބިވާ އޭނަގެ ފިރިމީހާގެ ދަރިއަކަށް ބަލިވެއިނީތީއެވެ. ހަމަމިއާއެކު މިފަދަ ދުވަހަކަށް މައިހާ ވެސް އިންތިޒާރު ކުރަމުން ދާތީއެވެ. މި އުފާވެރިޚަބަރު މައިހާ ފަޔާޒަށް ވެސް ދިނެއެވެ. އަދި މިކަމާ ފަޔާޒު ވެސް ހުރީ ނުހަނު އުފަލުންނެވެ. ދެމީހުންނަށް ލިބެންއުޅޭ ދަރިފުޅަށްޓަކައި ފޮނި އުންމީދުތައް ދެމީހުންނަށްވެސް ކުރެވެން ފެށިއެވެ. އެކަމަކު މައިހާގެ ހިތުގައި މި އުފާ އެތައްގުނައަކަށް ވަނީ އިތުރުވެފައެވެ.

މައިހާގެ ބަނޑުގައި އެ ތުއްތުތުއްތު ފުރާނަ ގަރުބަ ގަތީއްސުރެ ފަޔާޒަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނަކަށް މައިހާއަށް ފާހަނގަ ކުރެވެން ފެށިއެވެ. ނަމަވެސް އެކަމުގައި މައިހާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އެއީ ފަޔާޒު ރިސޯޓްގައި އުޅޭލެއް ބުރަކަމުންނާއި އަދި މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތު ގިނަކަމުން ކަމުގައި މައިހާ ޤަބޫލުކުރެއެވެ. އެހެން ނޫނަސް މައިހާގެ އަމިއްލަ ނަފްސަށް އިތުބާރު ނުކުރާވަރަށް ފަޔާޒަށް މައިހާ އިތުބާރު ކުރެއެވެ. އަދި މިއާއެކު ކަންކަމާ ޝަކުވާކޮށް ބޮޑާހާކާ ހެދުމަކި މައިހާ އެއްގޮތަކަށް ވެސް ކުރާހިތްވާ ކަމެއްނޫނެއެވެ. ފަޔާޒު ބުނާ ކޮންމެ ވާހަކައަކީ މައިހާދެކޭގޮތުގައި ތެދެއެވެ. އެހެންކަމުން ދުވަހުގެ ޔައުމިއްޔާ ފަޔާޒު ގާތުން އެހުމާއި، މައިހާ ގުޅާވަގުތު ފަޔާޒުގެ ފޯނުން އެހެންމީހަކަށް ގުޅައިގެން ހުރިކަން އެގުން، މައިހާގެ ޙާލުބެލުން މަދުވަމުންދިއުން ކަހަލަ ކަންތައްތައް ފަޔާޒުގެ ފުށުން ފެންނަމުން ދިޔަޔަސް އެއިން އެއްވެސްކަމަކާ މައިހާ މާބޮޑު އަޅާލުމެއް ނުބަހައްޓައެވެ. ޝަކުވާކޮށް ސުވާލުކޮށް ނުހަދައެވެ.

ދުވަސްތައް މާޒީއާއި އެކުވަމުންގޮސް މައިހާ ވިހާދުވަސް ކައިރިވެއްޖެއެވެ. ރަށުގައި ވިހެއުމުގެ ރަނގަޅު ވަޞީލަތްތަކާއި އަދި ޑޮކްޓަރަކުވެސް ނެތުމުން މައިހާ ވިހެއުމަށްޓަކައި މާލެ އަތުވެއްޖެއެވެ. މައިހާ މާލެ އައިފަހުން އެއްހަފްތާ ފާއިތުވެގެންދިޔަ އިރުވެސް ފަޔާޒުގެ ޚަބަރެއްނުވެއެވެ. އެހެންކަމުން ވިހެއުމަށްޓަކައި ބޭނުންވާ އެންމެހާ ތަކެތި ގަތުމުގައި މައިހާގެ ޢާއިލާގެ އެހީތެރިކަން ހޯދިއެވެ. މައިހާ މާލެ އައިތާ ދެވަނައަށްވީ ހަފްތާގައި ވިހެއުމަށްޓަކައި އަޖީ އެމް އެޗަށް ގެންދެވުނެއެވެ. އަދި ޖެހިގެންއައި ދުވަހު މައިހާ ވިހެއުމަށްޓަކައި ވިއްސާ ކޮޓަރިއަށް ވެއްދުނެއެވެ. މިހިސާބަށް ދިޔައިރު ވެސް ފަޔާޒުގެ އެއްވެސް ޚަބަރެއް ނުވެއެވެ. ވިއްސާ ކޮޓަރިއަށް މައިހާ ވެއްދިތާ 2 ގަޑިއިރުފަހުން ހޮސްޕިޓަލުގެ އޮފިހުން މައިހާގެ ފިރިމީހާ އައުމަށް އެންގިއެވެ. ޢާއިލާގެ ހުރިހާ އެންމެން އަވަސްވެގަތީ ފަޔާޒަށް ގުޅުމަށެވެ. ނަމަވެސް ޢާއިލާގެ މިހުން ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެއެވެ. އެހެންކަމުން ޢާއިލާގެ ފަރާތުން މައިހާގެ ފިރިމީހާއާއި ދިމާނުވި ވާހަކަ ހޮސްޕިޓަލަށް އެންގުމުން، އިތުރަށް ލަސްކުރަން ވެއްޖެނަމަ މައިހާއާއި މައިހާގެ ބަނޑުގައިވާ ދަރިފުޅުވެސް ސަލާމަތް ނުކުރެވޭނެ ކަމުގައި ޑޮކްޓަރު އެންގިއެވެ. އަދި ވީހާއަވަހަކަށް މައިހާ އޮޕަރޭޝަން ކުރަންޖެހޭކަމުގައި އެމީހުން ލަފާދިނެއެވެ. މިހާހިސާބަށް ކަންތައްދިއުމުން އެވަގުތު މައިހާގެ ޢާއިލާގެ އެންމެ އިސްކޮށް އެތަނުގައި ހުރި މީހާގެ އެދުމާއެކު މައިހާގެ އޮޕަރޭޝަން ކުރެވިއްޖެއެވެ. ކާމިޔާބު އޮޕަރޭޝަނަކަށްފަހު ލޯބިލޯބި އަންހެންކުއްޖެއް ތިއޭޓަރުން ނެރެ ޢާއިލާ އާއި ޙަވާލުކޮށްފިއެވެ. އޭގެ މާގިނަ ވަގުތުތަކެއްނުވެ މައިހާވެސް ނެރެވިއްޖެއެވެ. ދެމައިންގެ ޙާލުވެސް ހަމަ ރަނގަޅެއެވެ.

މައިހާގެ ވިހެއުމުގެ އޮޕަރޭޝަނަށްފަހު އޭނާއަށް ރަނގަޅަށް ހޭވެރިކަންވީ އޭގެ އަނެއްދުވަހުއެވެ. މައިހާއަށް ހޭވެރިކަން ވާއިރަށް ފަޔާޒަށް ގުޅޭތޯ މަސައްކަތް ފަށައިފިއެވެ. ނަމަވެސް ފަޔާޒުގެ އެއްވެސް ޚަބަރެއްނުވެއެވެ. ފޯނު ރިންގުވެއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. ދެތިންފަހަރަކު މައިހާ ފަޔާޒުގެ ފޯނަށް ގުޅުމަށްފަހު ފޯނު ނުނެގުމުން ގުޅުން ހުއްޓާލައިފިއެވެ. އަދި ފަޔާޒަށް އައި ބޮޑު ބަދަލު ޢާއިލާގެ މީހުންނަށް ކިޔާދިނެއެވެ. ޢާއިލާގެ ފަރާތުން މައިހާއަށް ހިތްވަރުދެމުން ގެންދިޔައެވެ. އޭގެ ކުޑައިރުކޮޅެއްފަހެވެ. މައިހާގެ ފޯނަށްއައީ އެސް އެމް އެސް އެކެވެ. މައިހާ ބަލާލިއެވެ. ފަޔާޒުގެ އެސް އެމް އެސް އެއްކަން އެނގުމުން މައިހާ ވަރަށް އުފާވިއެވެ. އަވަސް އަވަހަށް އެ މެސެޖު ކިޔާލިއެވެ. އޭގައި ލިޔެފައިވަނީ މިހެންނެވެ. "މި މެސެޖުލިބޭ ވަގުތުންފެށިގެން މައިހާއަކީ އަހަރެންގެ އަނބެންނޫން". މައިހާއަށް ލިބުނީ ކުއްލި ސިހުމެކެވެ. މައިހާއަށް މިކަން ޤަބޫލް ނުކުރެވުނެއެވެ. އަވަހަށް ފަޔާޒަށް ގުޅިއެވެ. ފަޔާޒު ފޯނު ނަގައިފިއެވެ. އަދި ރުޅިވެރިކަމާއެކު ބުންޏެވެ. "މިއަދުންފެށިގެން މައިހާ އަހަންނަށް ގުޅުމަށް މަސައްކަތް ނުކުރާތި! މައިހާއަކީ މިހާރު އަހަރެންގެ އަނބެންނޫ!"

އެއްވެސް ހިފެހެއްޓުމެއްނެތި މައިހާއަށް ބާރަށް ރޮއިގަނެވުނެއެވެ. އެންމެ އުފާވާންވީދުވަހު މައިހާއަށް ކުރިމަތިލާން މި ޖެހުނީ ކޮންފަދަ ބޮޑު ހިތާމަޔަކާ ހެއްޔެވެ. ކަންމިހެން ވުމުން މެދުކެނޑުމެއްނެތި ޢާއިލާގެ ފަރާތުން މައިހާއަށް ހިތްވަރުދެމުން ގެންދިޔައެވެ. ކުއްލިޔަކަށް މައިހާމެންތިބި ކޮޓަރިއަށް ނުދަންނަ މީހަކު ވަދެއްޖެއެވެ. އަދި މައިހާއާއި ސަލާމްކުރުމަށްފަހު އޭނައަކީ ފަޔާޒުގެ ރަޙުމަތްތެރިއެއްކަމުގައި ބުންޏެއެވެ. އަދި ފަޔާޒު އެންމެ ފަހުން ރަށުގައި އުޅެފަ ރިސޯޓަށް އައިތަނާ އެރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް ދެދުވަހަށް އައި އައްޑޫ އަންހެނަކާއި ހިތާވެގެން މިހާރު ފަޔާޒު ހުރީ އައްޑޫގައިކަން ވެސް ކިޔާދިނެއެވެ. މިކަމުގައި ފަޔާޒުގެ ރަޙުމަތްތެރިންގެ ގޮތުގައިތިބެ އެމީހުން ފަޔާޒަށް ވަރަށް ވިސްނުވައިދީ ނަސޭޙަތްދިން ކަމާއި ނަމަވެސް ފަޔާޒުވަނީ އެ އަންހެންމީހާގެ އަވައިގައި ވަރަށްބޮޑަށް ޖެހުފައި ކަމަށްވެސް އެމީހާ ކިޔާދިނެއެވެ. ފަޔާޒަށް އައި އެންމެ ބޮޑު ބަދަލީ އެއީކަމާއި، އެނބުރި ފަޔާޒު މައިހާ ގާތަށް ނާންނާނެ ވާހަކައާއި، އަދި ދަރިފުޅު ދެކެންވެސް ބޭނުން ނޫން ވާހަކަ އެމީހާ ކިޔާދިނެއެވެ. އަދިވެސް އިތުރަށް އެމީހާ ކިޔާދިނެއެވެ. ފަޔާޒަކީ ތެދުވެރި ވަފާތްތެރި އެއް ނޫންކަމާއި، އަބަދުވެސް ފަޔާޒު ހިތާވެގެން އުޅޭ އަންހެން ކުއްޖަކު ހުންނަ ކަމާއި، ދޭތެރެ ދޭތެރެއިން އެކުދިންގެ ރަށްރަށަށް ވެސް ދާކަން އެމީހާ ކިޔާދިނެއެވެ.
މައިހާއަށް މި އިވުނު ވާހަކަތަކާއި ހުރެ މައިހާގެ ހަތަރު އުދަރެސް ފެނު ޖެހުނެއެވެ. ނަމަވެސް ޢާއިލާގެ އެހީތެރިކަމާއެކު އާހިތްވަރެއްކޮށް ލިބިފައިވާ ދަރިފުޅުގެ މުސްތަޤުބަލަށްޓަކައި މަސައްކަތް ކުރުމަށް މައިހާ ޢަޒުމް ކަނޑައެޅިއެވެ. އެދުވަހުންފެށިގެން މިއަދާހަމައަށްވެސް މައިހާ ކެތްތެރިކަމާއެކު މިންނެތް ކުރަމުން އެދަނީ ހަމަ އެކަނި އެތުއްތު ސުހާއަށްޓައެވެ.  
  

No comments:

Post a Comment