ރީތި ޖުމުލަ
ރީތިކޮށް ޖުމުލަ އެކުލަވާލަށް
އެނގުމަކީ ލިޔުންތެރި ކަމުގެ ފަންނުގެ އެއްމެބޮޑު އެއްބައެވެ. ކޮންމެ އަދަބީ
ލިޔުމަކީވެސް ޖުމުލަ ތަކެއްގެ މައްޗަށް އެކުލެވިގެންވާ އެއްޗެކެވެ. އެލިޔުމަކީ،
މަޒުމޫނެއްކަމުގައި ވިޔަސް އެލިޔުމަކަށް ސިފަގެނެސްދޭ އެއްޗަކީ އެލިޔުމުގައި
ހިމެނޭ ޖުމްލަތަކެވެ. އެހެންކަމުން ކޮންމެ ލިޔުމަކަށްވެސް ރީތިކަމާއި ފުރިހަމަކަން
އެއްމެބޮޑަށް ގެނެސްދޭ އެއްކަމަކަށްވާނީ އެލިޔުމުގައި ހިމެނޭ ޖުމުލަތަކުގެ
ރީތިކަމާއި ފުރިހަމަކަންކަން ކަށަވަރެވެ. ހަމައެފަދައިން ޖުމުލަތައް ހުތުރުވެއްޖެ
ނަމަ މުޅިލިޔުންވެސް ހުތުރުވާނެ ކަމާއިމެދު ޝައްކެންނެތެވެ.
މިތާގައި ޖުމްލައިގެ ރީތިކަމޭ މިދަންނަވަނީ
އަކުރުތަކުގެ ރީތިކަމަކަށް ނޫނެވެ. ބުނަންބޭނުންވާ އެއްޗެއް ސާފުކޮށް،
ފުރިހަމަކޮށް، އަދިއޭގައި އެކުލެވިގެންވާ ޚިޔާލާއި ޝުޢޫރު އަސަރުގަދަކޮށް ދޭހަވާގޮތަށް
ޖުމުލައިގައި ބަސްތައް އަތުރާލެވޭ އަތުރާލުމަށެވެ.
ވީމާ، ކޮންމެ ލުމުލައެއްވެސް
ލިޔަންފެށުމުގެ ކުރިން އެއްމެ ފުރަތަމަ ވިސްނާލަންވީ ކަމަކީ، ބުނަންބޭނުންވަނީ
ކީކޭތޯއެވެ. ޖުމްލަލިޔަން ފެށުމުގެ ކުރިން ބުނަންބޭނުންވާ އެއްޗެއް ލިޔާމީހާގެ
ހިތުގައި ސާފުވެފައި އޮތުންކޮންމެހެން ބޭނުމެވެ. ދެންވިސްނާލަންވީ އެދޭހަކޮށްދޭން
ބޭނުންވާ މާނައޮޅުމެންނެތި ސާފުކޮށްއަދި ރީތިކޮށް ދޭހަކޮށްދެވޭނީ ކޮންކޮށް
ލަފުޒުތަކެއް ބޭނުންކޮށްގެން ތޯއެވެ. އަދި އެމާނައެންމެ ބާރުގަދަގޮތަކަށް ނުވަތަ
އެންމެއަސަރު ހުރިގޮތަކަށް ދޭހަކޮށްދެވޭނީ ކޮންތަރުތީބަކުން އެލަފުޒުތައް
ރާވާލިއްޔާތޯއެވެ.
ޖުމްލައިގައި ބޭނުންކުރާނޭ ލަފުޒުތައް
އިޚުތިޔާރު ކުރުމަކީ ވަރައްބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. އެހެނީ
އެއްވެސްލަފުޒެއް އެލަފުޒެއް ބޭނުންކުރަންވީ މަޤާމުގައި ނޫންގޮތެއްގައި ބޭނުން
ކުރެވިއްޖެނަމަ ބުނަންގަސްތުކުރި މާނަ ދޭހަނިވުމުގެ އިތުރަށް އެޖުމުލައަކީ
މާނަހަމަނުޖެހޭ ނުވަތަ ހެއްވާ ޖުމުލައަކަށްވެދާނެވެ. ހަމައެފަދައިން ޖުމުލައިގައި ބަސްތައްރޭވިފައި
ހުންނަތަރުތީބަށްވެސް ސަމާލުކަން ދޭންވާނެވެ. ޚާއްޞަކޮށް ދިވެހިބަހުގައި މިކަމުގެ
މުޙިއްމުކަން ބޮޑެވެ. މިނުކުތާއަށް ސަމާލުކަން ނުދެވިއްޖެނަމަ
"ތިންމަސްބާނާދޮށި" "ފަސްއަތްގަނޑުލީގޮނޑި" ފަދަޢިބާރާތް
ބޭނުންކުރެވޭގޮތް ވުމަކީ ދުރުގައިއޮންނަ ކަމަކަށް ނުވާނެވެ.
މިދެންނެވި ކަންތައްތައް މިހެންހުރުމާއެކު
ދިވެހިބަހުގެ ހަމަތައް ނިޔާކުރާ ގޮތުގެމަތިން ރީތިކޮށް ޖުމުލައެކުލަވާލުމަށް
ލިޔުންތެރިކަމުގެ ދާއިރާއަށް އަލަށްވަންނަ ޒުވާނުން އެކަށީގެންވާ ސަމާލުކަމެއް
ދެއްވުން ކޮންމެހެން ބޭނުމެވެ.
...................................
ފަހުބަސް / އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމް
No comments:
Post a Comment