Friday, March 7, 2014

Adhabuge Thaarafuge Therein

h

އަދަބުގެ ތަޢާރަފުގެ ތެރެއިން

ބަސް
     ބަހަކީ އިންސާނެއްގެ ހިތަށްއަރާ ކަންތައްތަކާއި އޭނާއަށް ބޭނުންވާ ކަންތައްތައް، އަނެއް އިންސާނަކަށް ފައުޅުކޮށް އަނަގައި ދިނުމަށްޓަކައި ބޭނުންކުރާ އަޑުތަކެކެވެ. ބަހަކީ އިންސާނާ ފުރަތަމަ ދުނިޔެއަށް އައީއްސުރެ، އެންމެހައި އިންސާނުން ދުނިޔެއިން ނެތި ހިގައްޖައުމަށް ދާންދެން އިންސާނީ ދިރިއުޅުމާއި ގުޅިފައިވާ އެއްޗެކެވެ.
      ބަހަކީ ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމުން، އިންސާނާއަށް ދެއްވާފައިވާ ދެއްވުމުގެ ނަތީޖާއެއްގެ ގޮޔުން އުފެދުނު އެއްޗެކެވެ.

ބަސް، އަހަރެމެންނާއި ހަމައަށް އައިގޮތް
      އިންސާނާއަށް އެނގޭ އެގުންތައް އެނގުމަށް އޮތި ދެގޮތެކެވެ. އެއްގޮތަކީ ތަޖުރިބާއެވެ. އަނެއްގޮތަކީ ނަކަލު ކުރުމެވެ. ނަކަލު ކުރުމޭ ބުނެވެނީ އިވުމާއި، ބުނުމާއި، އަދި ލިޔުމާއި ކިޔުމެވެ. ބަހުގެ އެނގުންތައް އެނގެމުންދިޔައީ އަދި ދަނީވެސް، ދާނީވެސް މިނަކަލު ކުރުމުގެ މަގުންނެވެ. އެއީ، ތަޖުރިބާއަކުން އެނގޭ އެނގުމެއް ނޫނެވެ. މިސާލަކަށް އެކިއެކި މާނަދޭހަވާ ބަސްތައް، އެބަސްތަކުގެ އަކުރުތަކާއި ފިލިތަކުން، އެމާނަ ދޭހަވާގޮތަށް ބޭނުންކުރަމުން ގެންދަނީ އަކީ، ތަޖުރިބާ އެއްގެ ނަތީޖާއަކުން ނުވަތަ ވިސްނުމާ ބުއްދީގެ ހަމައަކުން ނޫނެވެ. ނަކަލުކުރުމުގެ ގޮތްމަތީންނެވެ. އެމާނައޮގައި އަކުރުތަކާއި އެފިލިތައް ފުރަތަމަ ބޭނުންކުރި މީހެއްގެ ކިބައިން، އިވުމާއި، ބުނުން ނަކަލުވެވެމުން އައީއެވެ. ލިޔެކިޔުމުގެ ޒަމާނާ ހަމައަށް އައުމުން ލިޔެވެމުން ކިޔެވެމުން ދިޔައީއެވެ.

ދިވެހިބަސް ލިޔުން
      ދިވެހިބަހުން ފެންނާން އޮތް އެންމެ މުސްކުޅި ލިޔުންވަނީ އެވޭލާ އަކުރުންނެވެ. އެއަށްފަހު އުފެދިގެން ދިޔައީ، ދިވެސް އަކުރެވެ. އެއަކުރުން ލިޔެފައި ހުންނަ ލިޔުންތައް ފެންނާން ހުރެވެ. މިދެބާވަތުގެ އަކުރަކީވެސް ހިންދީ އަކުރު ފަދައިން، ވައަތުން ކަނައަތަށް ލިޔާއަކުރެވެ.
      ދިވެސް އަކުރަށްފަހު އުފެދުނީ، ތާނައަކުރެވެ. އެއަކުރު އުފެދުނު ވަކިޒަމާނެއް، އުފެއްދި ބައެއް އެނގޭކަން ނެތެވެ. ތާނައަކުރުން ލިޔެވި ފެންނާންހުރި އެންމެ އިހުގެ އަކުރާއި، މިހާރު ލިޔެވެމުންދާ އަކުރާއި ވަރަށް ބޮޑަށް ސިފަތަފާތު ވެފައިވެއެވެ.
      ދިވެހިބަހުގެ ލިޔުން ތާނައަކުރަށް ބަދަލުވުމަށް ދެތިންސަބަބެއް މެދުވެރި ވެފައިވާ ކަމަށް ފެނެއެވެ. އެއްސަބަބަކީ، ދިވެސްއަކުރު ލިޔާން އުދަގޫ ކަމެވެ. ދެވަނަ ސަބަބަކީ ދިވެހީން ދީނެވެ. ދިވެހިންނަކީ މުސްލިމުން ކަމަށް ވުމާއެކު، އިސްލާމީ ތަހުޛީބާއި ކައިރިވަމުން ދިޔަދިއުމެވެ. ތިންވަނަ ސަބަބަކީ، ހިންދީންނާއި ދުރަށްޖެހެމުން ދިޔަދިއުމެވެ. ތާނައަކުރުން ލިޔެފައިވާ އެންމެ މުސްކުޅި ލިއުމަކީ، ހިޖުރައިން 1008ހ. ވަނައަހަރު މީލާދީން 1600މ. ވަނައަހަރު ލިޔުމެކެވެ.

އަދަބުގެ ބައިތައް
      އަދަބުގެ ތެރެއިން ހިމެނޭ ދެބާވަތެއް ވެއެވެ. އެއްބާވަތަކީ، އުފެދިގެން އައިއަދަބެވެ. އެއީ އިންޝާއީ އަދަބެވެ. ޅެންވެރިއަކު ނުވަތަ ލިޔުންތެރިޔަކު ނުވަތަ ބަސްމޮށުންތެރި އެއްގެ ފަރާތުން އުފެދިގެން އައިއަދަބެވެ. އަނެއްބާވަތަކީ ސިފަކުރުމުގެ އަދަބެވެ. ވަޞްފީ އަދަބެވެ. އިންޝާއީ އަދަބެއް ސިފަކުރުމުގެ ގޮތުން އުފެދޭ އަދަބެވެ.
      އަދީބެއްގެ ހިތުގައި އުފެދޭ ޝުޢޫރުތަކާއި ޚިޔާލު ތަކަކަށް ބަސްތަކެއްގެ ސިފަ ގެނެސް ޅެންބަހުން ނުވަތަ ޅެންނޫން ބަހުން އުފައްދަމުން ގެންދާ އެއްޗަކަށް ލިޔައިއުޅެނީ އިންޝާއީ އަދަބެވެ. އުފެދިގެން އައި އަދަބެވެ. މީގެ މަޢުޟޫއަކީ މުޅިން އިންސާނީ ޙަޔާތެވެ. ޤުދުރަތީ މަންޒަރުތަކާއި ކަންތަކެވެ.
      އިންޝާއީ އަދަބާއި މެދު ވިސްނުން ހިންގައި، ފާޑުކިޔުމުގެ ގޮތުން ރީތިޢިބަރާތް ތަކާއި ފަށުއި ބަސްތަކުގެ ބޭނުން ކޮށްގެން ދެކެވެމުން ނުވަތަ ލިޔެވެމުން ދާ ވާހަކައަކީ ސިފަކުރުމުގެ އަދަބެވެ. ނުވަތަ ވަޞްފީ އަދަބެވެ. ވީމާ، ވަޞްފީ އަދަބުގެ މަޢުޟޫއަކީ އިންޝާއީ އަދަބެވެ.

އަދީބުންގެ ޚިދުމަތް
އަލްވަޒީރު، އެދުރު ޢުމަރު މާފަތްކަލޭފާނު
      މީނާއަކީ ހިޖުރައިން ބާރަވަނަ ޤަރުނު ތެރޭގައި އުޅުއްވި، ޢިލްމު ވެރިއެކެވެ. މީނާއަކީ ޅެންވެރިއެކެވެ. މީނާގެ ޚިދުމަތްތައް ފެންނާންއޮތީ "ބޮޑުތާހީދު" (ތައުޙީދު) ނަމަކަށްކިޔާ ރައިވަރު ފޮތެއްގެ ސިފައިގައެވެ.
      ތިންބަސް ރައިވަރާއި ހަބަސްރައިވަރުގެ ގޮތުގައި ރައިވަރުގެ ހަމަ ހިފެހެއްޓެވީ އެދުރު ޢުމަރު މާފަތްކަލޭގެ ފާނެވެ. އޭގެކުރިން ރައިވަރުގެ ބަސްތަކުގެ ވަކިއަދަދެއް ނޯވެއެވެ. ކާފިޔާ ހަމަކުރުމަށް މާބޮޑު ބެލުމެއް ނުހުރެވެ. އެދުރު ޢުމަރު މާފަތް ކަލޭގެފާން ލިޔުއްވި ބޮޑުތާހީދުގައި 398 ރައިވަރު ވެއެވެ. މީގައިވަނީ އިސްލާމްދީނުގެ އަޤީދާ ތަކާއި، ހެޔޮނަސޭހަތާއި، ނަބީންނާއި އަސްހާބުންގެ ބައެއް ޚަބަރުތަކާއި އާކިރަތްދުވަހުގެ ބައެއް ވާހަކަތަކެވެ.

ބަޑޭރި ހަސަންމަނިކުފާން
      ބަޑޭރި ހަސަން މަނިކުފާނަކީ މީލާދީން 1800 ވަނައަހަރާއި 1801 ވަނަ އަހަރާއި ދެމެދު ރަސްކަން ކުރެއްވި އިސްދޫ އަލިރަސްގެފާނުގެ އަލިމަނިކުފާނުގެ ޙަސަންމަނިކުފާނެވެ. މީނާއަކީ ސ. ހިތަދޫ އުފަން ބޭފުޅެކެވެ.
      ޙަސަންމަނިކުފާން މާލޭގައި އުޅުއްވީ ރަދުންގެ ޚާއްސުންގެ ތެރޭގައެވެ. އެއީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (އަލްއައްވަލް) ގެ ރަސްކަމުގައެވެ. އެދުވަސްވަރު މަތިގެ ހެއްދެވިއިރު މަތިގޭ ބަނޑޭރި ކަމުގައެވެ.
      ޙަސަންމަނިކުފާނަކީ، ބަހަށް ކުޅަދާނަ، ވިސްނުން ތޫނު، ހަރުދަނާ ޅެންވެރިއެކެވެ. އޭނާގެ ޚިދުމަތުގެ ތެރެއިން މިޒަމާނާހަމައަށް އައިއިރު ފެންނަން އޮތީ ދިޔޯގެ ރައިވަރު ފޮތާއި، އަރިއަތޮޅު އަރުމާދު ރައިވަރު ފޮތާދެފޮތެވެ. އަރުމާދު ރައިވަރު ފޮތުގައިވަނީ 169 ރައިވަރެވެ. ދިޔޯގެ ރައިވަރު ފޮތުގައި 331 ރައިވަރު ވެއެވެ.
      ނައިބުތުއްތު ވިދާޅުވާގޮތުގައި، މިއަރުމާދު ރައިވަރު ފޮތަކީ، އެއާއި ގާތްކުރެވޭ ވަރަކަށް ދިވެހި ޅެންވެރިއަކަށް މީގެކުރިން އަދި ޅެންބަހެއް ކިއިފައި ނެއްފަދަ މޮޅުފޮތެކެވެ.

ނައިބު ތުއްތު
      ނައިބު ތުއްތުގެ ފުރިހަމަ ނަމަކީ އައްޝައިޚުލް ފަޤީޙް މުޙައްމަދު ޖަމާލުއްދީން ބުނި އައްނާއިބު އީސަލް މުލަކީއެވެ. މީނާގެ ބައްޕައަކީ ޏ. މުލަކު އެޅަތޮށިގޭ މުޙައްމަދު ތަކުރުފާނުގެ އީސާނާއިބު ތަކުރުފާނެވެ. މައިކަނބަލަކީ މާލޭ ފުއްލާގޭ މަރިޔަމް ފުޅެވެ.
      ނާއިބު ތުއްތު އަކީ ވަރަށް ރަނގަޅަށް އަރަބި ތަޢުލީމް ޙާސިލް ކުރައްވައިގެން ހުންނެވި ޢިލްމުވެރިއަދީބެކެވެ. ސިލޯނުންނާއި، އަރަބި ކަރައިން ތަޢުލީމް ހާސިލް ކުިރެއްވިއެވެ.
       ނާއިބު ތުއްތުގެ ޚިދުމަތުގެ ތެރެގައި " ސުއްކަތުރާ ޚަބަރު ނުވަތަ ހަބަރުފޮތް " ހިމެނެވެ. މިފޮތަކީ 1308ހ. ވަނައަހަރު ފެހެންދުއަށް ފޮނުވާ ލައްވާފައި ހުންނަވަނިކޮށް ލިޔުއްވި ފޮތެކެވެ. އޭރުގެ ހިތްދަތި ހިތާމަވެރި ހާލު އެފޮތުގައި ވަރަށްރަނގަޅަށް ބަޔާންކުރައްވާފައި ވެއެވެ. " ސިއްކަމޮހޮރީ" މިފޮތަކީވެސް ހަމައެދުވަސްވަރު ލިޔުއްވި ފޮތެކެވެ. މިގައިވަނީ، އޭރުހުންނެވި ރަދުންނަށް، ކިޔުއްވާފައިވާ ތާރީފުގެ ބަސްތަކާއި އަދި މާފަށް އެދިލެއްވުމެކެވެ. "ތަޤުވީމުއް ލިސާން" މިއީވެސް ހަމައެދުވަސްވަރު ލިޔުއްވި ފޮތެކެވެ. މިފޮތުގައިވަނީ ދިވެހި ބަހުގެ ޤަވާއިދެވެ. "އަފުލާޠޫނު ފޮތް"، "ސުވޭހު ހަކުރު" ފަދަ ކިތަންމެ ފޮތެއް ތުއްތު ހައްދަވާފައި ވެއެވެ. މިތަކެތި ހައްދަވާފައި ވަނީ ޅެންބަހުންނެވެ. ނައިބު ތުއްތު، ޅެންނޫން ގޮތަކަށް ލިޔުއްވާފައި ވާތީ ފެންނާން އޮތީ، ބަނޑޭރި ހަސަންމަނިކުފާނުގެ ދިޔޯގެ ރައިވަރާމެދު ލިޔުއްވާފައިވާ ޝަރަޙަ އަކާއި، ފެހެންދޫގައި ހުންނެވި ދުވަސްވަރު "ތާނަލިޔުމުގެ ޤަވާއިދު" މިނަމުގައި ލިޔުއްވި ކުޑަ ކުޑަ ފޮތެކެވެ. މިދެލިޔުންވެސް ވަނީ ޝާއިއު  ވެފައެވެ. ތުއްތުއަކީ ދިވެހި އަދަބަށް ވަރަށްބޮޑަށް ޚިދުމަތްކުރެއްވި ޢިލްމުވެރި އަދީބެކެވެ.

ހުތްއަލިދީދީ
      މީނާއަކީ ފަޟީލަތުއްޝައިޚު ޢަބުދުﷲ ފަހުމީ ދީދީގެ ބައްޕައެވެ. އުތުރުކަރައިން ދީނީ ތަޢުލީމު ޙާޞިލް ކުރައްވައިގެން ހުންނެވި އާލިމެކެވެ. ދީނީ ނަސޭހަތް ދެއްވާ ވާއިޡެކެވެ.
      ރައިވަރުގެ ދައުރުގައިވެސް އަލިދީދީއަކީ މޮޅު ޅެންވެރިއެކެވެ. ރައިވަރުގެ ވަޒަނުންނެއްޓި، މިހާރުގެ ޅެންތައް ހުންނަވަޒަނަށް، ދިވެހިބަހުން ފުރަތަމަ ޅެންހައްދަވަން ފެއްޓެވި އަދީބަކީ އައްޝައިޚު ހުތްއަލިދީދީއެވެ.

ޙުސެން ޞަލާޙުއްދީން
      ފަޟީލަތުއްޝައިޚުލް ޙާއްޖުލް މަރުޙޫމް ޙުސައިން ޞަލާޙުއްދީނަކީ މާލޭ ބޮޑުގަލުގޭ އަލްފާޟިލު މޫސާ ދީދީގެ ދޮށީ ދަރިކަލުން ދަރަވަންދޫގޭ ޙުސައިން ދީދީއެވެ. މަންމައަކީ ދަރަވަންދޫގޭ އަލްމުޙުތަރަމާ ތުއްތު މަނިކެވެ. ޞަލާޙުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 15 ޖުމާދުލް އާޚިރާ 1298ހ. ( 11 މޭ 1881 ) ގައި ފުރަމާލޭގައެވެ.
      ޙުސައިން ޞަލާޙުއްދީނުގެ ތަޢާރަފުގައި އެމަނިކުފާނުގެ އިސްދަރި ވަރެއްކަމުގައިވި ފަޟީލަތުއްޝައިޚު އަބުދުﷲ ޖަލާލުއްދީން (ޝައިޚުލް އިސްލާމް) އުއްތަމަ ފަޑިޔާރު މަނިކުފާނު ލިޔުއްވާފައިވެއެވެ.
      " އަޅުގަނޑުގެ އުސްތާޛު ފަޟީލަތުއް ޝައިޚުލް މަރުޙޫމް ޙުސައިން ޞަލާޙުއްދީނަކީ ދިވެހި ތަޢުލީމުގެ ދުނިޔޭގައި ވަރަށް ފުންނާބުއުސް އެދުރު ބޭކަލެކެވެ. އެމަނިކުފާނުގެ ދިރާސީ ޚިދުމަތުގެ ކުރީގައި ދިވެހި އެދުރުން ޢިލަމަށް ޚިދުމަތްތަކެއް ނުކުރައްވައެއް ނޫނެވެ. ނަމަވެސް އެދެވޭ ރޮނގު ރޮނގުން ފައިދާ އާއްމުވާފަދަ ޚިދުމަތެއް ކުރެއްވުމަކަށް އެބޭކަލުންނަކަށް ޡަރުފު ތަނެން ނުދެވެ. ޒަމާން އެހީއެއް ނުވެއެވެ. ގަލަމެއްވެސް މުސާޢިދާއެއް ނުކުރެވެ.
      ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ދިވެހި އުންމަތަށް ޚިދުމަތްދާރު ވެވަޑައިގަތީ އަލްމުލްކު ވައްދީނު ތަޥްއަމާނީ މިޚަބަރު ހަނދާން ކޮށްދެމުންނެވެ. ދަޢުލަތުގެ ޝަރުޢީ މަޤާމްތައް ފުރުއްވީ ކުޅަދާނަ ޣާޒީއެއްގެ ގޮތުގައެވެ. ރާއްޖޭގައި ދީނީ ޚިދުމަތްތައް އަދާކުރެއްވި އެކަޝޭނަ މުރުޝިދެއްގެ ގޮތުންނެވެ. ހީރަހުން ކެނޑިގެން ގަނޑުތައް އޮޅިލިއުމުން ކުށްވެފައިވާ މުސްކުޅި ފޮތްތައް އަލީއެދުރުގެ ބޮޑުތަރުތީބުފަދަ ޙާޖީ އެދުރު ކަލޭފާނުގެ ތުޙުފަތުލް އުލާތު ފަދަފޮތްތައް އިސްލާޙު ކުރެއްވިއެވެ.
      ބޭނުންތެރި ފަންނުތަކުގައި އިތުރު ފޮތްތައް ތަސްނީފު ކުރެއްވިއެވެ. ދިވެހި އަދަބަށާއި ޅެންވެރިކަމަށް އެދެވޭ ޚިދުމަތްތަކެއް ކުރެއްވިއެވެ. ކިޔެވުމުގެ ޤަދަރުވެރިކަން އާއްމު ދިވެހި ހިތްތަކަށް ވައްދައި ދެއްވިއެވެ. ވަރަށްގިނަ ޠާލިބުން ތަކަކަށް ޢިލްމުގެ ފަންނުތައް ކިޔަވައި ދެއްވިއެވެ. 

No comments:

Post a Comment