Sunday, March 9, 2014
Friday, March 7, 2014
Hamaekani Suhaa ahtakai (Kuruvaahaka)
ކުރުވާހަކަ
ހަމައެކަނި ސުހާއަށްޓަކައި
އިބުރާހިމް ޝަހީދު
ފުރަމެންދަމުގެ ހަމަހިމޭން ވަގުތެވެ.
އާދައިގެމަތިން މިރޭވެސް މައިހާ އެއޮތީ ނުނިދިފައެވެ. ވޭތުވެދިޔަ ތިންމަހުގައިވެސް
މައިހަގެ ޙާލަކީ މި އީއެވެ. ބަރުބާދު ވެފައިވާ އޭނާގެ އަމިއްލަ ޙަޔާތާއިމެދު
ދެރަވެ ހިތާމަ ކުރުމެވެ. ތުއްތު ދަރިފުޅުގެ މުސްތަޤުބަލް އާރާސްތު ކުރާނެ
ގޮތަކާއިމެދު ވިސްނުމެވެ. އެކަނިމާއެކަނި އެ މަޢުޞޫމް ދަރިފުޅުގެ މުސްތަޤުބަލް
އާބާދު ކުރާނެ ގޮތަކާއިމެދު ޚިޔާލު ކުރުމެވެ. ކިތަންމެ ބޮޑު ގޮންޖެހުންތަކަކާ
އެކުވެސް މައިހާގެ އުންމީދަކީ އެ ދެރިފުޅަކީ ޞާލިޙު ކިޔަމަންތެރި ދަރިއަކަށް ހެދުމެވެ.
ބައްޕަގެ ލޯބިން މަޙުރޫމްވެފައި ވީނަމަވެސް ހެވެއެވެ. އެ މަޢުޞޫމް
ފުރާނަޔަށްޓަކައި މައިހާގެ ފުރާނަވެސް ޤުރުބާން ކޮށްލަން މިއަދު މައިހާ އެހުރީ
ތައްޔާރަށެވެ. އެހެނީ އުފާވެރި ބާއްޖަވެރި ދިރިއުޅުމަކަށްޓަކައި ކަމަރުބަތް ޙަޔާތް
ވެއްޔާމޮޑެވިފައިވާތީއެވެ.
އެއީ މީގެ 8 އަހަރު ކުރިއެވެ. މައިހާގެވެސް
ޒުވާންކަން އެންމެ ފައްކާވެފައިވާ ދުވަސްވަރެއެވެ. ރަށުގެ ނިސްބަތުން އެންމެ ރީތި
ކުދިންގެ ތެރޭގައި ނުހިމެނުނުކަމުގައި ވިޔަސް މައިހާއަކީ ހުތުރުކުއްޖެކޭ ނުބުނެވޭނެއެވެ. ރަށުމީހުންގެ
ރުޙުމާއި ލޯބި މައިހާ ހޯދާފައިވަނީ އޭނާގެ މަޑުމައިތިރިކަމާއި ޚުލްޤުގެ
ފުރިހަމަކަމާއި، ކެތްތެރިކަމާއި ނިޔަނެތިކަމުގެ އިތުރުން ރަށުގެ ހުރިހާ އެންމެންނަށް
ޞިއްޙީގޮތުން އެހީތެރިކަންފޯރުކޮށްދޭ ރަށުގެ ޞިއްޙީ އެހީތެރިޔާގެ ގޮތުގައެވެ. އެހެންކަމުން
ކޮންމެ މީހަކުވެސް އެ މީހެއްގެ ސިއްރު ވާހަކަތަކަށްދާންދެން މައިހާއާއި ޙިއްޞާކުރަނީ
ނުހަނު އިތުބާރާއެކުގައެވެ. ވާނީވެސް އެހެންނެއެވެ. އެބައިމީހުންގެ ވާހަކަތައް
މައިހާ ސިއްރުކުރެއެވެ. އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔައީ
ލިބިފައިވާ ޢިލްމެއްގެ ބެނުންކޮށްގެން ކެތްތެރިކަމާ އެކުގައެވެ. އެހެނީ
އެދުވަސްވަރަކީ ރަށްފުށުގައި ޑޮކްޓަރުން މަސައްކަތް ކުރަމުންދިޔަ ދުވަސްވަރެއް ނުމެ
ނޫންމެއެވެ.
ޒަވާޖީޙަޔާތެއްގެ ފޮނި މީރުކަން އިޙުސާސްކުރަން
ބޭނުންވެފައިވާ މައިހާ ކައިވެނީގެ ގޮތުން ފަޔާޒުއާއި ގުޅުނީ ވަރަށްފޮނި
އުންމީދުތަކެއް ކޮށްގެންނެވެ. ދުވަހަކުވެސް ފަޔާޒާއި ވަކިނުވުމަށް ޢަޒުމް
ކަނޑައަޅައިގެންނެވެ. މައިހާގެ މާޒީގައި އޭނާއަކީ ރަށުގެ އެހެންކުދިހެން
ފިރިހެންކުދިންނާއި ހިތާވެގެން އެމީހުންގެ ފަހަތުން ދުވި ކުއްޖަކަށްނުވާތީ މައިހާ
އާއިއެކު ޒަވާޖީ ޙަޔާތެއް ފެށުމުގައި ފަޔާޒު އެއްވެސް ފަސްޖެހުމެއްނެތެއެވެ. އެއީ
ފަޔާޒަކީ ރަށުން ބޭރުގައި "ރިސޯޓުގައި" ވަޒީފާ އަދާކުރާ މީހަކަށްވެފައި
އިތުބާރު ކުރެވޭ ވަފާތްތެރި އަނބަކު ފަޔާޒު ނުހަނު ބޭނުމެވެ.
މައިހާ އޭނަގެ ޒަވާޖިޙަތާތުގެ ވަރުގަދަގޮށް ފަޔާޒު
އާއިއެކު ޖެހީ ފަޔާޒުއަށް ވަފާތްތެރިވާ ޙާލު ކިޔަމަންތެރި ގެވެހި އަނބެއްގެ
ގޮތުގައެވެ. ދެމީހުން ކިތަންމެ ދުރުގައި ތިބެންޖެހުނަސް އެކަކު އަނެކަކަށް ވަފާތްތެރިވުމަށް
ވަޢުދުވަމުންނެއެވެ. އެކަކު އަނެކަކަށް އުފަލާއި ހިތާމަ ހިއްސާކުރުމަށް
ނިންމައިގެންނެއެވެ. ދިރިއުޅުމުގައި ދޮގުހެދުމާއި މަކަރުހެދުން އެއީ އެދެމީހުންގެ
ޙަޔާތުގައި ދުވަހަކުވެސް އައިސްގެން ނުވާނެ ކަމެއްކަމަށް ނިންމައިގެންނެއެވެ. މައިހާ
ފަޔާޒަށް ނުހަނު އިތުބާރު ކުރެއެވެ. ދުވަހަކުވެސް އަންހެނަކު ފިރިހެނަކަށް
އިތުބާރު ނުކުރާވަރަށެވެ. އެހެން ނުވާންވީ ސަބަބެއްނެތެއެވެ. ފިރިހެނެއްގެ އޯގާތެރިކަމާއި
ފިރުމުންތަކާއި ޖިސްމުގެ ހޫނުކަން އޭގެ ނިހާޔަތައް މައިހާ ބޭނުންވެފައިހުއްޓާ އެ
ހުރިހާ އުފަލަކާއި ލައްޒަތެއް އޭނާއަށް ހޯދައިދިނީ ފަޔާޒެވެ.
ދުވަސްތައް މާޒީއާއި އެކުވަމުންދެއެވެ. ފަޔާޒުވެސް
އޭނާ މަސައްކަތް ކުރަމުންދާ ރިސޯޓް ގައި އަވަދިނެތި ބުރަކޮށް މަސައްކަތް
ކުރަމުންދެއެވެ. މައިހާވެސް އަވަދިނެތި އިންސާނިއްޔަތައް ޚިދުމަތްކުރުމުގައި
(އޭނާގެ މަސައްކަތުގައި) އަވަދިނެތި އުޅެމުންދެއެވެ. ފަޔާޒަށް ރިސޯޓުން ކިރިޔާ
ޗުއްޓީއެއް ލިބުނަސް އަވަސްވެގަންނަނީ މައިހާގެ ގާތަށް އައުމަށެވެ. އެހެނީ މައިހާ
އުފާކޮށްދިނުމަކީ މިއަދު ފަޔާޒަށްލިބޭ އެންމެ ބޮޑުއުފާ ކަމުގައި އޭނާ
ޤަބޫލުކުރެއެވެ. ދެމީހުންގެ އުފާ އެކަކުއަނެކަކާ ޙިއްސާކުރަމުންދަނީ އޭގެ
ނިހާޔަތަށެވެ. އެހެންކަމުން ފަޔާޒު އިތުރަށް އުފާކޮށްދިނުމަށްޓަކައި މައިހާ
ބޭނުންވަނީ އެ ޢާއިލާއަށް އިތުރު މެމްބަރަކު ގެނައުމަށެވެ. ލޯބިލޯބި ތުއްތު
ދަރިއަކު ހޯދުމަށެވެ. އެއީ މައިހާގެވެސް ހުވަފެނަކަށް ވާތީއެވެ.
އެފަހަރުގެ ޗުއްޓީ ނިންމާލުމަށްފަހު ފަޔާޒު ރަށުންފުރިފަހުން
މައިހާއަށް ބުނަންނޭގޭ އިޙުސާސްތަކެއް ކުރެވެއެވެ. އަދި އާދަޔާޚިލާފު
ގޮތްތަކެއްވެސް ވާންފަށައިފިއެވެ. އެހެންކަމުން މައިހާ ނިންމީ އޭނަ ބަނޑުބޮޑުތޯ ޓެސްޓްކުރުމަށެވެ.
މައިހާކުރި ޓެސްޓުން ދެއްކީ އޭނަ ބަނޑުބޮޑު ކަމަށެވެ. މިކަމާ މައިހާ އިންތިހާއަށް
އުފާވިއެވެ. އެހެނީ މައިހާ އެންމެ ލޯބިވާ އޭނަގެ ފިރިމީހާގެ ދަރިއަކަށް
ބަލިވެއިނީތީއެވެ. ހަމަމިއާއެކު މިފަދަ ދުވަހަކަށް މައިހާ ވެސް އިންތިޒާރު
ކުރަމުން ދާތީއެވެ. މި އުފާވެރިޚަބަރު މައިހާ ފަޔާޒަށް ވެސް ދިނެއެވެ. އަދި މިކަމާ
ފަޔާޒު ވެސް ހުރީ ނުހަނު އުފަލުންނެވެ. ދެމީހުންނަށް ލިބެންއުޅޭ ދަރިފުޅަށްޓަކައި
ފޮނި އުންމީދުތައް ދެމީހުންނަށްވެސް ކުރެވެން ފެށިއެވެ. އެކަމަކު މައިހާގެ
ހިތުގައި މި އުފާ އެތައްގުނައަކަށް ވަނީ އިތުރުވެފައެވެ.
މައިހާގެ ބަނޑުގައި އެ ތުއްތުތުއްތު ފުރާނަ ގަރުބަ
ގަތީއްސުރެ ފަޔާޒަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނަކަށް މައިހާއަށް
ފާހަނގަ ކުރެވެން ފެށިއެވެ. ނަމަވެސް އެކަމުގައި މައިހާ އެއްވެސް ޝަކުވާއެއް
ނުކުރެއެވެ. އެއީ ފަޔާޒު ރިސޯޓްގައި އުޅޭލެއް ބުރަކަމުންނާއި އަދި މަސައްކަތުގައި
ހޭދަކުރަންޖެހޭ ވަގުތު ގިނަކަމުން ކަމުގައި މައިހާ ޤަބޫލުކުރެއެވެ. އެހެން ނޫނަސް
މައިހާގެ އަމިއްލަ ނަފްސަށް އިތުބާރު ނުކުރާވަރަށް ފަޔާޒަށް މައިހާ އިތުބާރު
ކުރެއެވެ. އަދި މިއާއެކު ކަންކަމާ ޝަކުވާކޮށް ބޮޑާހާކާ ހެދުމަކި މައިހާ
އެއްގޮތަކަށް ވެސް ކުރާހިތްވާ ކަމެއްނޫނެއެވެ. ފަޔާޒު ބުނާ ކޮންމެ ވާހަކައަކީ
މައިހާދެކޭގޮތުގައި ތެދެއެވެ. އެހެންކަމުން ދުވަހުގެ ޔައުމިއްޔާ ފަޔާޒު ގާތުން އެހުމާއި،
މައިހާ ގުޅާވަގުތު ފަޔާޒުގެ ފޯނުން އެހެންމީހަކަށް ގުޅައިގެން ހުރިކަން އެގުން،
މައިހާގެ ޙާލުބެލުން މަދުވަމުންދިއުން ކަހަލަ ކަންތައްތައް ފަޔާޒުގެ ފުށުން
ފެންނަމުން ދިޔަޔަސް އެއިން އެއްވެސްކަމަކާ މައިހާ މާބޮޑު އަޅާލުމެއް
ނުބަހައްޓައެވެ. ޝަކުވާކޮށް ސުވާލުކޮށް ނުހަދައެވެ.
ދުވަސްތައް މާޒީއާއި އެކުވަމުންގޮސް މައިހާ
ވިހާދުވަސް ކައިރިވެއްޖެއެވެ. ރަށުގައި ވިހެއުމުގެ ރަނގަޅު ވަޞީލަތްތަކާއި އަދި
ޑޮކްޓަރަކުވެސް ނެތުމުން މައިހާ ވިހެއުމަށްޓަކައި މާލެ އަތުވެއްޖެއެވެ. މައިހާ މާލެ
އައިފަހުން އެއްހަފްތާ ފާއިތުވެގެންދިޔަ އިރުވެސް ފަޔާޒުގެ ޚަބަރެއްނުވެއެވެ.
އެހެންކަމުން ވިހެއުމަށްޓަކައި ބޭނުންވާ އެންމެހާ ތަކެތި ގަތުމުގައި މައިހާގެ ޢާއިލާގެ
އެހީތެރިކަން ހޯދިއެވެ. މައިހާ މާލެ އައިތާ ދެވަނައަށްވީ ހަފްތާގައި ވިހެއުމަށްޓަކައި
އަޖީ އެމް އެޗަށް ގެންދެވުނެއެވެ. އަދި ޖެހިގެންއައި ދުވަހު މައިހާ ވިހެއުމަށްޓަކައި
ވިއްސާ ކޮޓަރިއަށް ވެއްދުނެއެވެ. މިހިސާބަށް ދިޔައިރު ވެސް ފަޔާޒުގެ އެއްވެސް
ޚަބަރެއް ނުވެއެވެ. ވިއްސާ ކޮޓަރިއަށް މައިހާ ވެއްދިތާ 2 ގަޑިއިރުފަހުން
ހޮސްޕިޓަލުގެ އޮފިހުން މައިހާގެ ފިރިމީހާ އައުމަށް އެންގިއެވެ. ޢާއިލާގެ ހުރިހާ
އެންމެން އަވަސްވެގަތީ ފަޔާޒަށް ގުޅުމަށެވެ. ނަމަވެސް ޢާއިލާގެ މިހުން ކުރި ހުރިހާ
މަސައްކަތެއްވީ ބޭކާރެއެވެ. އެހެންކަމުން ޢާއިލާގެ ފަރާތުން މައިހާގެ ފިރިމީހާއާއި
ދިމާނުވި ވާހަކަ ހޮސްޕިޓަލަށް އެންގުމުން، އިތުރަށް ލަސްކުރަން ވެއްޖެނަމަ
މައިހާއާއި މައިހާގެ ބަނޑުގައިވާ ދަރިފުޅުވެސް ސަލާމަތް ނުކުރެވޭނެ ކަމުގައި ޑޮކްޓަރު
އެންގިއެވެ. އަދި ވީހާއަވަހަކަށް މައިހާ އޮޕަރޭޝަން ކުރަންޖެހޭކަމުގައި އެމީހުން
ލަފާދިނެއެވެ. މިހާހިސާބަށް ކަންތައްދިއުމުން އެވަގުތު މައިހާގެ ޢާއިލާގެ އެންމެ
އިސްކޮށް އެތަނުގައި ހުރި މީހާގެ އެދުމާއެކު މައިހާގެ އޮޕަރޭޝަން ކުރެވިއްޖެއެވެ. ކާމިޔާބު
އޮޕަރޭޝަނަކަށްފަހު ލޯބިލޯބި އަންހެންކުއްޖެއް ތިއޭޓަރުން ނެރެ ޢާއިލާ އާއި ޙަވާލުކޮށްފިއެވެ.
އޭގެ މާގިނަ ވަގުތުތަކެއްނުވެ މައިހާވެސް ނެރެވިއްޖެއެވެ. ދެމައިންގެ ޙާލުވެސް
ހަމަ ރަނގަޅެއެވެ.
މައިހާގެ ވިހެއުމުގެ އޮޕަރޭޝަނަށްފަހު އޭނާއަށް ރަނގަޅަށް
ހޭވެރިކަންވީ އޭގެ އަނެއްދުވަހުއެވެ. މައިހާއަށް ހޭވެރިކަން ވާއިރަށް ފަޔާޒަށް
ގުޅޭތޯ މަސައްކަތް ފަށައިފިއެވެ. ނަމަވެސް ފަޔާޒުގެ އެއްވެސް ޚަބަރެއްނުވެއެވެ.
ފޯނު ރިންގުވެއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. ދެތިންފަހަރަކު މައިހާ ފަޔާޒުގެ
ފޯނަށް ގުޅުމަށްފަހު ފޯނު ނުނެގުމުން ގުޅުން ހުއްޓާލައިފިއެވެ. އަދި ފަޔާޒަށް އައި
ބޮޑު ބަދަލު ޢާއިލާގެ މީހުންނަށް ކިޔާދިނެއެވެ. ޢާއިލާގެ ފަރާތުން މައިހާއަށް
ހިތްވަރުދެމުން ގެންދިޔައެވެ. އޭގެ ކުޑައިރުކޮޅެއްފަހެވެ. މައިހާގެ ފޯނަށްއައީ
އެސް އެމް އެސް އެކެވެ. މައިހާ ބަލާލިއެވެ. ފަޔާޒުގެ އެސް އެމް އެސް އެއްކަން އެނގުމުން
މައިހާ ވަރަށް އުފާވިއެވެ. އަވަސް އަވަހަށް އެ މެސެޖު ކިޔާލިއެވެ. އޭގައި
ލިޔެފައިވަނީ މިހެންނެވެ. "މި މެސެޖުލިބޭ ވަގުތުންފެށިގެން މައިހާއަކީ
އަހަރެންގެ އަނބެންނޫން". މައިހާއަށް ލިބުނީ ކުއްލި ސިހުމެކެވެ. މައިހާއަށް
މިކަން ޤަބޫލް ނުކުރެވުނެއެވެ. އަވަހަށް ފަޔާޒަށް ގުޅިއެވެ. ފަޔާޒު ފޯނު
ނަގައިފިއެވެ. އަދި ރުޅިވެރިކަމާއެކު ބުންޏެވެ. "މިއަދުންފެށިގެން މައިހާ
އަހަންނަށް ގުޅުމަށް މަސައްކަތް ނުކުރާތި! މައިހާއަކީ މިހާރު އަހަރެންގެ އަނބެންނޫ!"
އެއްވެސް ހިފެހެއްޓުމެއްނެތި މައިހާއަށް ބާރަށް
ރޮއިގަނެވުނެއެވެ. އެންމެ އުފާވާންވީދުވަހު މައިހާއަށް ކުރިމަތިލާން މި ޖެހުނީ ކޮންފަދަ
ބޮޑު ހިތާމަޔަކާ ހެއްޔެވެ. ކަންމިހެން ވުމުން މެދުކެނޑުމެއްނެތި ޢާއިލާގެ ފަރާތުން
މައިހާއަށް ހިތްވަރުދެމުން ގެންދިޔައެވެ. ކުއްލިޔަކަށް މައިހާމެންތިބި ކޮޓަރިއަށް
ނުދަންނަ މީހަކު ވަދެއްޖެއެވެ. އަދި މައިހާއާއި ސަލާމްކުރުމަށްފަހު އޭނައަކީ
ފަޔާޒުގެ ރަޙުމަތްތެރިއެއްކަމުގައި ބުންޏެއެވެ. އަދި ފަޔާޒު އެންމެ ފަހުން
ރަށުގައި އުޅެފަ ރިސޯޓަށް އައިތަނާ އެރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް ދެދުވަހަށް
އައި އައްޑޫ އަންހެނަކާއި ހިތާވެގެން މިހާރު ފަޔާޒު ހުރީ އައްޑޫގައިކަން ވެސް
ކިޔާދިނެއެވެ. މިކަމުގައި ފަޔާޒުގެ ރަޙުމަތްތެރިންގެ ގޮތުގައިތިބެ އެމީހުން
ފަޔާޒަށް ވަރަށް ވިސްނުވައިދީ ނަސޭޙަތްދިން ކަމާއި ނަމަވެސް ފަޔާޒުވަނީ އެ
އަންހެންމީހާގެ އަވައިގައި ވަރަށްބޮޑަށް ޖެހުފައި ކަމަށްވެސް އެމީހާ ކިޔާދިނެއެވެ.
ފަޔާޒަށް އައި އެންމެ ބޮޑު ބަދަލީ އެއީކަމާއި، އެނބުރި ފަޔާޒު މައިހާ ގާތަށް
ނާންނާނެ ވާހަކައާއި، އަދި ދަރިފުޅު ދެކެންވެސް ބޭނުން ނޫން ވާހަކަ އެމީހާ
ކިޔާދިނެއެވެ. އަދިވެސް އިތުރަށް އެމީހާ ކިޔާދިނެއެވެ. ފަޔާޒަކީ ތެދުވެރި
ވަފާތްތެރި އެއް ނޫންކަމާއި، އަބަދުވެސް ފަޔާޒު ހިތާވެގެން އުޅޭ އަންހެން ކުއްޖަކު
ހުންނަ ކަމާއި، ދޭތެރެ ދޭތެރެއިން އެކުދިންގެ ރަށްރަށަށް ވެސް ދާކަން އެމީހާ
ކިޔާދިނެއެވެ.
މައިހާއަށް މި އިވުނު ވާހަކަތަކާއި ހުރެ މައިހާގެ
ހަތަރު އުދަރެސް ފެނު ޖެހުނެއެވެ. ނަމަވެސް ޢާއިލާގެ އެހީތެރިކަމާއެކު
އާހިތްވަރެއްކޮށް ލިބިފައިވާ ދަރިފުޅުގެ މުސްތަޤުބަލަށްޓަކައި މަސައްކަތް ކުރުމަށް
މައިހާ ޢަޒުމް ކަނޑައެޅިއެވެ. އެދުވަހުންފެށިގެން މިއަދާހަމައަށްވެސް މައިހާ
ކެތްތެރިކަމާއެކު މިންނެތް ކުރަމުން އެދަނީ ހަމަ އެކަނި އެތުއްތު ސުހާއަށްޓައެވެ.
Samaasa Adhabu (Nilandhoo Raaverin Hahjah dhiun)
ސަމާސާއަދަބު
ނިލަންދޫ ރާވެރިން ޙައްޖަށް ދިއުން
އިބުރާހީމް ޝަހީދު
މިއީ ގއ. ނިލަންދޫގައި ހިނގާފައިވާ ހަޤީޤީހާދިސާއެއް ކަމަށް ކާބަފައިންގެ ދޫދޫމަތިން ކިޔަމުން އައިސްފައިވާ ވާހަކައެކެވެ. މިވާހަކައަކީ ފުލޯކު ވާހަކަ އަކަށްވުންވެސް
އެކަށީގެންވެއެވެ. އެނގޭހާވެސް ކަމަކީ އަޅުގަނޑުމެންނާ ހަމައަށް އައިއިރުވެސް
"ނިލަންދޫ ރާވެރިން ޙައްޖައްދާން ނުކުތް ނެރު" މިނަންކިޔަމުން އަންނަ ނެރެއް
ނިލަންދޫ އުތުރުފަރާތުގައި އޮންނަކަމެވެ. މިއަދާހަމައަށްވެސް އެނެރު އެބައޮތެވެ.
އެހެންކަމުން މިއަދާހަމައަށްވެސް އަޅުގަނޑުމެން ޤަބޫލް ކުރަމުން އަންނަނީ މިއީ
ޙަޤީޤީ ހާދިސާއެއް ކަމަށެވެ. ނަމަވެސް މިލިޔުމުގައި ލިޔެވިފައިވާ މީހުންގެ
ނަންނަމަކީ ޙަޤީޤީ ނަންނަމެއް ނޫނެވެ.
******************************************************
ގއ. ނިލަންދޫއަކީ އަތޮޅުގެ ނިސްބަތުން ބިންބޮޑު އަދި އެހާމެ ޖަންގަލިވެސް ބޮޑު ރަށެކެވެ. މުޅިރަށުގައިވެސް މައިގަނޑުގޮތެއްގައި ހެދިފައިވަނީ ރުކެވެ. ޒަމާނުއްސުރެ ރާވެރިކަން ކުރަމުން އައިސްފައިވާ ކަމުގެ ނިޝާންތައް ފެންނަން އެބަހުއްޓެވެ. އެގޮތުން އެންމެބޮޑަށް ފާހަގަކޮށްލެވޭ އެއްތަނަކީ ރަށުގެ މީހުން ނޫޅޭ ސަރަހައްދު ދަރުމަކޮޅުގައި މިއަދާހަމައަށްވެސް ފެންނަންހުރި "ރާގޭވަޅު"ގެ ނަމުން މަޝްހޫރުވެފައިވާ ވަޅެވެ. އަދިހަމަ އެހެންމެ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރާވެރިކަން ކުރަން ދަންނަ އަދި މިހާރުވެސް ކުރަމުންދާ މީހުންތައް ނިލަންދޫގައި ގިނައަދަދަކަށް ތިބިކަމެވެ. އެހެންކަމުން ނިލަންދޫގައި ދިރިއުޅެފައިވާ އަދި ދިރިއުޅެމުންދާ ރައްޔިތުންތައް ދިވެހިރުކުގެ ބޭނުން ހިފާފައިވަނީ އަދި ހިފަމުންދަނީ އޭގެއެންމެ ފުރިހަމަ ނަފާލިބޭގޮތަށެވެ.
ދުވަސްވަރަކީ
މުޅިރާއްޖޭގައިވެސް ތަރައްޤީގެ ކުނޑިފިކުއްގެ މިންވަރުވެސްނެތް ދުވަސްވަރެވެ. ދަތުރުފަތުރުކޮށް
އުޅުނީވެސް އެހާދަތިހާލުގައި ރިޔާނެގި ބޮއްކުރާފަހަރުގައެވެ. ޚަބަރުލިބުމާއި ޚަބަރުފޮނުވުން
ވެފައިވަނީ ހޯދަންދަތި ތަދުބޭހެއްކަމުގައެވެ. އިންޖީނުއެޅި ދޯންޏެއް ޚިޔާލަށްވެސް
ގެނެސްގަތުމަކީ ދަތިކަމެކެވެ. ދަތުރުފަތުރު ކުރުމުގައި ނެވި ނިޔަމިކަމުގައި
ބޭނުންކުރާ އެއްވެސް އާލާތެއްނެތް ދުވަސްވަރެކެވެ. ނަމަވެސް މި ދުވަސްވަރުގައިވެސް
ދުނިޔޭގެ ތަފާތުތަންތަނަށް ދާންބޭނުންވާނެ މީހުން ތިބޭނެކަން ކަށަވަރެވެ. އަދި
ބައެއްކަންތައްތައް ކުރަންބޭނުވެ އެކަންތައްތައް ނުކުރެވިވެސް ބަޔަކުވާނެކަން
ކަށަވަރެވެ.
މިދުވަސްވަރު
ނިލަންދޫގައި އުޅުނު މޫސާފުޅަކީ ރާވެރިކަމަށް މަޝްހޫރު މީހެކެވެ. ހީވާގިމުރާލި
ފިރިހެންވަންތަ ފިރިހެނެކެވެ. ފަސްވަގުތު ނަމާދަށްގޮސްހަދާ ވަރަށް ދީންވެރި
މީހެކެވެ. ތިންއިރު ހަމަޔަށް ރުކަށްދެއެވެ. އަދި ދުވާލަކު އެތައް އަޑުބައެއްގެ ރާ
ގެއަށްވައްދައެވެ. އަންހެނުންނަށް ގޭތެރޭގައި އަތްގާތްކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ
އިތުރުން އަވައްޓެރި އެކުވެރިއެއްގެ ބޮއްކުރާގައި ވަދުއަޅާލާ ކޫއްތާލާ ހަދާލުމަށް
ކަނޑުމައްޗަށް ނުކުމެލުމަކީ މޫސާފުޅުގެ އުފަލެކެވެ. އެހެންކަމުން މޫސާފުޅަކީ
ފަސްމީރު ކުރިރުކެކޭ ބުނާވަރުގެ މީހެކެވެ.
އާދައިގެމަތިން
މޫސާފުޅު ވަދާނުކުމެ އުޅުނު ދުވަހެކެވެ. ނަލަވައިގާ ބޮއްކުރާ ކުރިއަށް ދެއެވެ.
ބޮއްކުރާގެ ދެފަރާތުން މައްޔަލުން ކެފިގެން ދެފަރާތައްދާ ރާޅާއެކު މޫސާފުޅުގެ
ޚިޔާލުވެސް އޭނާއާއި ދުރަށް މާދުރަށް ހިނގައްޖެއެވެ. މޫސާފުޅުގެ ހިތަށްއަރަމުންދިޔައެވެ.
އުމުރުގެ މިހާހިސާބަށް އައިއިރު ޙައްޖަށްދިއުން ފިޔަވާ އެހެން ހުރިހާ އުއްމީދުތަކެއް
މިވަނީ ފުރިހަމަވެފައެވެ. އެހެންކަމުން ކޮންމެވެސް ގޮތަކުން މިކަންހާޞިލުވޭތޯ
ބެލުމަކީ އަހަންނަށް ކުރެވިދާނެކަމެކެވެ.
ދުވަސްތައް
ފަށްފަށްވަމުންދާވަރަކަށް މޫސާފުޅުގެ ހިތުގައި މިކަމުގެ އެދުންވެރިކަން ދިޔައީ އިންތިހާއަށް
ބޮޑުވަމުންނެވެ. އެހެންކަމުން މިވާހަކަ މޫސާފުޅުގެ އެކުވެރި އެހެން 2 ރައިވެރިއަކު
ގާތުގައި ދައްކައިފިއެވެ. އެ ދެމީހުންވެސް މޫސާފުޅުގެ ޚިޔާލަށް އެއްބަސްވީ ހިތުންރުހުމުންނެވެ.
އެއީ މިފަނާވަނިވި ދުނިޔެއާއި ވަކިވުމުގެ ކުރިން މިފަދަ ނަސީބެއް ލިބުމަކީ
އެމީހުންވެސް އެދޭކަމަކަށް ވާތީއެވެ. ނަސީބަކީ ކަތީބަކުދޭ އެއްޗެއް ނޫންކަން އެމީހުން
ޤަބޫލުކުރެއެވެ. ގިނަފަހަރަށް މީހާގެ ނަސީބު ކުރިމަތިވަނީވެސް އެކަމަށް އެދިގެން
މަސައްކަތް ކުރީމަކަން އެމީހުން ދަނެވެ.
ތިންރައިވެރިން
ވާހަކަދައްކާ ސައްލާކުރުމަށްފަހު ޖެހިގެންއައިދުވަހު ބޮއްކުރާއަށް ކާބޯތަކެއްޗާއި
ފެންލާ ދަތުރަށް ރަނގަޅަށް ތައްޔާރު ކޮށްފިއެވެ. އަދި އެމީހުންގެ ރަޙުމަތްތެރިންނާއި
ސަލާމްގަލާންކޮށް ދަތުރަށް ފުރުމަށްޓަކައި އަތިރިމައްޗަށް ނުކުމެއްޖެވެ. މި
ތިންރައިވެރިންގެ ދަތުރު އެރެހެއްޓުމައްޓަކައި ރަށުގެ ވަރަށްގިނަބަޔަކު
އަތިރިމައްޗަށް ނުކުތެވެ.
ދުވަސްވަރަކީ
އިރުވައިމޫސުމުގެ ހިޔަނަކަތުގެ ދުވަސްވަރެއެވެ. އިރުދެކުނުފަރާތުން
ހެޔޮވަރުވަރަކަށް ވައިޖެހެމުންދެއެވެ. ތިންރައިވެރިން ޙައްޖަށްދާން ފުރައިފިއެވެ.
މާލިމީއަކަށް ހުންގާނުގައިހުރީ ރައިވެރި މޫސާފުޅެވެ. ބޮއްކުރާނައްޓާލުމާއެކު
ތިންރައިވެރިން ވާހަކަ ދައްކަންފެށީ މައްކާއަށް ދާނެ މިސްރާބަކާއި ބެހޭގޮތުންނެވެ.
ކުއްލިއަކަށް މޫސާފުޅުގެ ވިސްނުމަށްއައީ ރަށުގެ މިސްކިތުގެ ޤިބުލަ ހުންނަދިމާއަށް
ބޮއްކުރާގެ މިސްރާބު ބެހެއްޓުމަށެވެ. އަނެއް ދެރައިވެރިންނަށްވެސް އެއީ
ވަރަށްރަނގަޅު ގޮތެއްކަމަށް ފެނުނެވެ. އެއީ އެމީހުންނަށްވެސް އެނގިފައިވާގޮތުން ޤިބުލައަކަށްވަނީ
މާތްވެގެންވާ ކައުބަތުﷲ ގެފުޅެވެ. އެމީހުންވެސް ދާން ބޭނުންވެގެން އެއުޅެނީ
އެތަނަށެވެ. އެހެންކަމުން އެއީ އެމީހުންގެ މިސްރާބުކަމަށް އެމީހުންވެސް
ނިންމީއެވެ. ކަނޑަށް ނުކުތުމަށްޓަކައި ރަށުގެ ފަރާހަމަޔަށް ދިޔަތަނުން އެނގުނީ
އެވަގުތު ދިޔަވަރު އޮތްގޮތުން އެމީހުންނަށް ކަނޑަށް ނިކުމެވެން ނެތްކަމެވެ. ދިޔަވަރުއޮތީ
މާބޮޑަށް ހިކިފައެވެ. ބަލާކަށްނުތިބެ ތިންރައިވެރިން މޫދަށްފައިބާ ބޮއްކުރާއަށް
ނުކުމެވޭނެހެން ގާތައްނަގާ ނެރެއްހަދައިފިއެވެ. އެއަށްފަހު ކަނޑަށްނުކުމެ އެމީހުންދާން
ބޭނުންވެފައިވާ މަންޒިލާދިމާއަށް މިސްރާބު ޖެހިއެވެ.
ފައްސިޔަވައިގާ
ބޮއްކުރާއޮވެ ކުރިޔަށްދެއެވެ. ރޭގަނޑަށް އިރުއޮއްސިއްޖެއެވެ. މަޑުމަޑު
މިލަހަނޑުވަރެއް އުނޑުމައްޗަށް ވެރިވެފައި ވެއެވެ. އުނޑުމަތީގައިވާ ތަރިތަކާއެކު
ހަނދުވަރުން ދުނިޔެއަށްދޭ އަލިކަމަކީ ފަނޑުއައްޔެކޭ ނުބުނެވޭނެވެ. ކަނޑުގެ
ރާޅުތަކާއި ކުޅެމުން ރީތިދުވެއްޔެއްގައި ބޮއްކުރާ ކުރިޔަށްދެއެވެ. ރޭގަނޑު
ދެބަޔަށްދިޔަތަނާ އުދަރެހުން ޖެހެމުންދިޔަވައި އެއްކޮށް ހިނދިއްޖެވެ. ނަމަވެސް
މޫސާފުޅުގެ ހިތުގެ މިސްރާބުގައި ބޮއްކުރާ ދުއްވަމުން ގެންދިޔައެވެ. މިގޮތުގައި
ތިއްބާ އެނެއްދުވަހަށް އިރުއަރައިފިއެވެ. ވަށައިގެން އެއްވެސްރަށެއް ފެންނާކަށް
ނެތެވެ. މިގޮތުގައި ދެރޭދެދުވާވީފަހުން އުދަރެހުން ހެޔޮވަރު ވަރަކަށް ވައިޖެހޭން
ފަށައިފިއެއެވެ. މިހާރުވައިޖެހެނީ ކޮންދިމާއަކުންކަން މޫސާފުޅަށް ނޭގުނު ނަމަވެސް
ފައްސިޔަވައިގައި ބޮއްކުރާ ދުއްވާލައިފިއެވެ.
އޭގެ 2 ދުވަސް
ފަހެވެ. އިރުމަތިފަރާތުން ފާއްދާލި އިރުގެއަލިކަމާއެކު ކުރިމަތިން ރަށްތަކެއްގެ
މަލަމަތި ދައްކާލައިފިއެވެ. ދެނެކާދެނެންނެތެވެ. ތިންރައިވެރިން ފޯރިނަގައިގަތެވެ.
މައްކާކަމަށް ހީކޮށެވެ. ޙައްޖަށް ދެވުނީކަމަށް ހިތާފައެވެ. ރައިވެރި މޫސާފުޅުވެސް
ދަމާއެއްރޮއްޖަކަށް ފޫގަޅައިގެންހުރެ ފޯރީގައި އެނާގެ ދެއެކުވެރިންނަށް
ބުނަމުންދިޔައެވެ. އިރާދަކުރެއްވިއްޔާ އަހަރެމެންގެ ހިތުގެމުރާދު
ހާޞިލުވެއްޖެއެވެ. މިހާރު ތިންރައިވެރިންވެސް ކެތްމަދުވެފައި އެތިބެނީ މައްކާއަށް
ފޭބޭލެއް ލަސްވެފައެވެ. މާތްވެގެންވާ ގެފުޅު އަލްމަސްޖިދުލް ޙަރާމް ދެކޭހިތުން
ކެތްމަދުވެފައެވެ. މިފަދަ ފޮނިއުންމީދު ތަކެއްގައި ތިއްބާ މެންދުރުވާއިރަށް
އަނެއްކާވެސް އުޑުމަތިން ޖެހެމުންދިޔަވައި އެއްކޮށްކަހަލަ ގޮތަކަށް ހިނދިއްޖެއެވެ.
ކެތްމަދުވެފައިވާ ތިންރައިވެރިން އަނެއްކާވެސް މާޔޫސްވާން ފަށައިފިއެވެ. ނަމަވެސް
މޫސާފުޅު އޭނާގެ ހިތްވަރު ދެރައެއް ނުކުރިއެވެ. ކެތްތެރިކަމާއެކު ހިތްވަރު
ކުރުމަށް އަނެއް ދެރައިވެރިންނަށް ނަސޭހަތްތެރިވަމުން ދިއައެވެ.
އޭގެއަނެއްދުވަހެވެ.
ފަޖުރުގެ ފުރަތަމަގޮވި ހާލާއެކު ބޮއްކުރާ ގާތްކޮށްލީ ރަށެއްގެ ގޮނޑުދޮށަށެވެ.
ބޮއްކުރާ ގޮނޑުދޮށުގައި ބީހުމާއެކު ރައިވެރިމޫސަ އެއްލިކަޅިއަކުން ފެނުނީ
އަތިރިމަތީގައި ގޮނޑުދޮށާކައިރީގައި ހުދުހެދުމެއް ލައިގެންހުރި މީހެކެވެ.
އެމީހާފެނުމާއެކު ރައިވެރިމޫސަ އޭނާގެ އަނެއް ދެރަޙުމަތްތެރިންނަށް މަޑުމަޑުން
ބުންޏެއެވެ. ނިކަން ގޮނޑުދޮށަށް ބަލާލަބަލާށެވެ. އެހެރީ އަހަރެމެން ބަލާއައިސްހުރި
މީހެކެވެ. މިއީ ޙައްޖުމޫސުންކަމުން އަހަރެމެންހެން މިހެން އަންނަ މީސްމީހުން
ޙައްޖުވާތަނަށް ގެންދިޔުމަށް އައިސްހުރި މީހެކެވެ. އަނެއްދެއެކުވެރިން ބުންޏެއެވެ.
ނިކަން އެނގޭގޮތަކަށް އޭނާއާއި ވާހަކަ ދައްކާލަބަލާށެވެ. ރައިވެރިމޫސަގެ
ހިތަށްއެރިއެވެ. މިވީ އެމީހާއާއި ވާހަކަދައްކަންތާއެވެ.
މޫސާފުޅު
މަޑުމަޑުންގޮސް ބޮއްކުރާގެ ދިރުބާކޮޅު މައްޔަލުގައި އެއްފައި އަޅާލުމަށްފަހު
ގޮވާލިއެވެ. "ކޯނުކޮންޖީރާހޭ!" މިއަޑުހަމަ އިވުމާއެކު
ގޮނޑުދޮށުގައިހުރިމީހާ ޖަވާބުގައި ގޮވާލިއެވެ. "ވޮޑަމުލުކާ ޖަޒީރާހޭ!"
މިއަޑުހަމަ އިވުމާއެކު މޫސާފުޅު އޭނަގެ އެކުވެރިންނަށް ބުންޏެއެވެ. ކޮބާއެއީހަމަ
އަރައްބެކެވެ. ވާހަކައެދައްކަނީވެސް އަރަބިބަހުންނެވެ. ބޮއްކުރާ އަޅާލުމަށްފަހު
އެމީހުން ފައިބައިފިއެވެ. އެއިރު މަޑުމަޑުންދަނީ ބިންމަތި އަލިވަމުންނެވެ.
ރަށަށްފޭބުމަށްފަހު
ގޮނޑުދޮށުގައި ހުރިމީހާއާއި ބައްދަލުވެ ކައިރިންފެނިލުމުން އެމީހުންނަށްލިބުނީ
ވަރަށްބޮޑު ހައިރާންކަމެކެވެ. އަދިކިރިޔާ އެމީހުންނަށް އެ އެނގުނީ އެމީހުންނަށް
އާދެވިފައި މިތިބީ ގއ. ވޮޑަމުލާއަށް ކަމެވެ. ގޮނޑުދޮށުން އެމީހުންނާއި
ބައްދަލުކުރީ ވޮޑަމުލާއާއި އެއްފަޅެއްގައި އޮތް ދާންދޫއިން އެރަށަށް ރައިވެރިކަމު
އައިސްހުރި ބެއްޔާފުތާއިކަމެވެ. މިދިމާވި ކަންތަކުގެ ސަބަބުން ބުނާނެއެއްޗެއް
ނޭގިފައި އެކަކުއަނެކެއްގެ މޫނަށްބަލަބަލާ ތިބެންފަށައިފިއެވެ. އިރުކޮޅަކު
މިހެންތިބެފައި ރައިވެރިމޫސަ ވަރަށް ހިތްވަރުކޮށްފައި އެމީހުންގެ ދަތުރާއިބެހޭ
ހުރިހާވާހަކައެއް ބެއްޔާފުތައް ކިޔާދިނެއެވެ.
މޫސާފުޅުގެ
ވާހަކަތައް އަޑުއިވުމުން ބެއްޔާފުތު ވަރަށްވިސްނާލާފައި ބުންޏެއެވެ. ދުވަސްކޮޅަކު
މިރަށުގައި ތިބެލާފައި ރަށަށްދާނީއެވެ. އެއިރުން ރަށުގެމީހުނަށް ކަންތައް ހިނގާދިޔަގޮތެއް
ނޭނގޭނެއެވެ. ބެއްޔާފުތުގެ މިވާހަކަ އަޑުއަހާފައި ތިންރައިވެރިންވެސް އެގޮތާއި
އެއްބަސްވެއްޖެއެވެ. އަދި މިގޮތުގައި ވޮޑަމުލާގައި 10 ދުވަސްވަންދެން ތިބުމަށްފަހު
ފުރައިގެން އެމީހުން ރަށަށްގޮސްފިއެވެ. އަދި ރަށަށް ދިޔުމަށްފަހު ޢަރަބިބަހާ
ގުޅުންހުންނާނެހެން ބައެއްބަސްތައް ކިޔާއުޅުނު ކަމަށްވެއެވެ.
***************
Rythi Jumla
ރީތި ޖުމުލަ
ރީތިކޮށް ޖުމުލަ އެކުލަވާލަށް
އެނގުމަކީ ލިޔުންތެރި ކަމުގެ ފަންނުގެ އެއްމެބޮޑު އެއްބައެވެ. ކޮންމެ އަދަބީ
ލިޔުމަކީވެސް ޖުމުލަ ތަކެއްގެ މައްޗަށް އެކުލެވިގެންވާ އެއްޗެކެވެ. އެލިޔުމަކީ،
މަޒުމޫނެއްކަމުގައި ވިޔަސް އެލިޔުމަކަށް ސިފަގެނެސްދޭ އެއްޗަކީ އެލިޔުމުގައި
ހިމެނޭ ޖުމްލަތަކެވެ. އެހެންކަމުން ކޮންމެ ލިޔުމަކަށްވެސް ރީތިކަމާއި ފުރިހަމަކަން
އެއްމެބޮޑަށް ގެނެސްދޭ އެއްކަމަކަށްވާނީ އެލިޔުމުގައި ހިމެނޭ ޖުމުލަތަކުގެ
ރީތިކަމާއި ފުރިހަމަކަންކަން ކަށަވަރެވެ. ހަމައެފަދައިން ޖުމުލަތައް ހުތުރުވެއްޖެ
ނަމަ މުޅިލިޔުންވެސް ހުތުރުވާނެ ކަމާއިމެދު ޝައްކެންނެތެވެ.
މިތާގައި ޖުމްލައިގެ ރީތިކަމޭ މިދަންނަވަނީ
އަކުރުތަކުގެ ރީތިކަމަކަށް ނޫނެވެ. ބުނަންބޭނުންވާ އެއްޗެއް ސާފުކޮށް،
ފުރިހަމަކޮށް، އަދިއޭގައި އެކުލެވިގެންވާ ޚިޔާލާއި ޝުޢޫރު އަސަރުގަދަކޮށް ދޭހަވާގޮތަށް
ޖުމުލައިގައި ބަސްތައް އަތުރާލެވޭ އަތުރާލުމަށެވެ.
ވީމާ، ކޮންމެ ލުމުލައެއްވެސް
ލިޔަންފެށުމުގެ ކުރިން އެއްމެ ފުރަތަމަ ވިސްނާލަންވީ ކަމަކީ، ބުނަންބޭނުންވަނީ
ކީކޭތޯއެވެ. ޖުމްލަލިޔަން ފެށުމުގެ ކުރިން ބުނަންބޭނުންވާ އެއްޗެއް ލިޔާމީހާގެ
ހިތުގައި ސާފުވެފައި އޮތުންކޮންމެހެން ބޭނުމެވެ. ދެންވިސްނާލަންވީ އެދޭހަކޮށްދޭން
ބޭނުންވާ މާނައޮޅުމެންނެތި ސާފުކޮށްއަދި ރީތިކޮށް ދޭހަކޮށްދެވޭނީ ކޮންކޮށް
ލަފުޒުތަކެއް ބޭނުންކޮށްގެން ތޯއެވެ. އަދި އެމާނައެންމެ ބާރުގަދަގޮތަކަށް ނުވަތަ
އެންމެއަސަރު ހުރިގޮތަކަށް ދޭހަކޮށްދެވޭނީ ކޮންތަރުތީބަކުން އެލަފުޒުތައް
ރާވާލިއްޔާތޯއެވެ.
ޖުމްލައިގައި ބޭނުންކުރާނޭ ލަފުޒުތައް
އިޚުތިޔާރު ކުރުމަކީ ވަރައްބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. އެހެނީ
އެއްވެސްލަފުޒެއް އެލަފުޒެއް ބޭނުންކުރަންވީ މަޤާމުގައި ނޫންގޮތެއްގައި ބޭނުން
ކުރެވިއްޖެނަމަ ބުނަންގަސްތުކުރި މާނަ ދޭހަނިވުމުގެ އިތުރަށް އެޖުމުލައަކީ
މާނަހަމަނުޖެހޭ ނުވަތަ ހެއްވާ ޖުމުލައަކަށްވެދާނެވެ. ހަމައެފަދައިން ޖުމުލައިގައި ބަސްތައްރޭވިފައި
ހުންނަތަރުތީބަށްވެސް ސަމާލުކަން ދޭންވާނެވެ. ޚާއްޞަކޮށް ދިވެހިބަހުގައި މިކަމުގެ
މުޙިއްމުކަން ބޮޑެވެ. މިނުކުތާއަށް ސަމާލުކަން ނުދެވިއްޖެނަމަ
"ތިންމަސްބާނާދޮށި" "ފަސްއަތްގަނޑުލީގޮނޑި" ފަދަޢިބާރާތް
ބޭނުންކުރެވޭގޮތް ވުމަކީ ދުރުގައިއޮންނަ ކަމަކަށް ނުވާނެވެ.
މިދެންނެވި ކަންތައްތައް މިހެންހުރުމާއެކު
ދިވެހިބަހުގެ ހަމަތައް ނިޔާކުރާ ގޮތުގެމަތިން ރީތިކޮށް ޖުމުލައެކުލަވާލުމަށް
ލިޔުންތެރިކަމުގެ ދާއިރާއަށް އަލަށްވަންނަ ޒުވާނުން އެކަށީގެންވާ ސަމާލުކަމެއް
ދެއްވުން ކޮންމެހެން ބޭނުމެވެ.
...................................
ފަހުބަސް / އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމް
Aamukoh baynun kurevay baeh bassthakaai ayge maana
އާއްމުކޮށް ބޭނުންކުރެވޭ ބައެއްބަސްބަހާއި އޭގެމާނަ
ދިވެހިބަހުގެ ޤަވާޢިދު ފޮތް
އެބަހީ
މިއީ، ކުރިންބުނި އެއްޗެއް ތަފުޞީލުކޮށް
ދިނުމުގެ ކުރީގައި ބޭނުންކުރެވޭ އެއްޗެކެވެ.
މިސާލު: މިނިވަންދުވަހުގެ މުނާސަބަތުގައި ޤައުމުގެ
އަބުޠާލުންގެ އެބަހީ، ޤައުމަށް މަތިވެރި ޚިދުމަތްތައް ކުރައްވާފައިވާ
ޒަޢީމުންގެ ޒިކުރާ އައުކުރަންވާނެވެ.
ނަމަވެސް، އެހެނަސް، އެހެނެއްކަމަކު
މިތިންލަފުޒު ބޭނުންކުރެވެނީ، ކުރިންބުނިބުނުމާ،
ތަފާތު މަޤުޞަދެއް ދޭހަކޮށްދިނުމުގެ ގޮތުންނެވެ.
މިސާލު: 1- އަޅުގަނޑު މިއުޅެނީ ކުޑަކޮށް ބަލިވެއެވެ. ނަމަވެސް،
ދެވޭތޯ ބަލާނަމެވެ.
2- ރާފިއު މިހާރުވެސް އައިސް އެބައުޅެވެ. އެހެނަސް،
މިދަތުރަކު އަދި ބައްދަލެއް ނުވެއެވެ.
3- މުބާރާތް އަދިކައިރިއެއް ނުވެއެވެ. އެހެނެއްކަމަކު،
ވަރަށްފޯރިއާއެކު، ފަރިތަކުރަމުން އެބަގެންދެއެވެ.
މިތިންލަފުޒުގެ މާނައިގައި
"މާތުރަ" މިލަފުޒުވެސް ބޭނުންކުރެވެއެވެ. ނަމަވެސް، މިހާރަކު
ބޭނުންކުރެވިފައި ހުއްޓައެއް ނުފެނެވެ.
އަދިކިއެއްތަ
މިއީ ކުރިންބުނި ބުނުމެއް އެއަށްވުރެ
ގަދަކޮށް އަލުންބުނުމުގައި ބޭނުންކުރާ އެއްޗެކެވެ.
މިސާލު: ރައިވަރަކީ، ހަމައެކަނި ދިވެހި އަދަބިއްޔާތުގެ
ޚަޒާނާއެއްނޫނެވެ. އަދިކިއެއްތަ އެއީ، ދިވެހި ޅެންވެރިކަމުގެ ފުރާނައެވެ.
ދޯ؟
މިއީ، އަނެކެއްގެ ތާއީދު ހޯދުމުގެގޮތުން
ބޭނުންކުރެވޭ ބަހެކެވެ. މާތްކޮށްވާހަކަ ދައްކާއިރު މިބަސްބުނަނީ
"ދޮގެއްތޯ" މިހެންނެވެ.
މިސާލު: 1-
ސުކޫލުތައް ޗުއްޓީއަށްފަހު ހުޅުވިއްޖެދޯ؟
2- ސުކޫލުތައް ޗުއްޓީއަށްފަހު ހުޅުވިއްޖެ ދޮގެއްތޯ؟
އާނދޮގޭ! ހަމަހިލާ
މިއީ، ވާދައިގެ ގޮތުގައި ބޭނުންކުރާ
ދެޢިބާރާތެކެވެ.
މިސާލު: އާނދޮގޭ
ހަމަހިލާވެސް ތިޔަހެނެއް ވިޔަކަ ނުދޭނަން!
ތޯއްޗެއް
މިއީ، ފޫހިވުމުގެ މާނައިގައި، ނުވަތަ
އެދުންފާޅުކުރުމުގެ މާނައިގައި، ބޭނުންކުރެވޭ ބަހެކެވެ.
މިސާލު: މިހާރު އެމީހުން ފުރީވެސް ތޯއްޗެއް!
ދަންނައެ
މިލަފުޒު ބޭނުންކުރެވެނީ، ބުނަންއުޅޭ
އެއްޗެއްގެ މައްޗަށް ޚާއްޞަ ސަމާލުކަމަށް ގޮވާލުމަށެވެ.
މިސާލު: ދަންނައެ، ރޯދަހިފުމަކީ، ކޮންމެ
މުސްލިމެއްގެ މައްޗަށް ފަރުޟުވެގެންވާ ކަމެކެވެ.
އެހެނީ
މިއީ ސަބަބު ބަޔާންކުރުމަށް ބޭނުންކުރާ
ލަފުޒެކެވެ.
މިސާލު: ހާރޫނު އިމްތިހާނުން ފާހެއް ނުވާނެވެ. އެހެނީ،
އޭނާފުދޭވަރަކަށް މަސައްކަތެއް ނުކުރެއެވެ.
މާތްކަލާކޯ!
މިއީ އަސްލުގައި މާތްﷲ އަށް
ނިސްބަތްވާގޮތަށް ބުނެވޭ ބަހެކެވެ. ނަމަވެސް، ވާހަކަދެއްކުމުގައި ހައިރާންވުން،
ސިއްސައިގެން ދިއުން، އަޖައިބުވުން، މިފަދަކަންކަމާގުޅިގެން މިބަސްބޭނުން
ކުރެވެއެވެ.
މިސާލު: މާާތްކަލާކޯ! އެއޮއް ގަޑިޖެހެނީ!
އަމައްޔާތް
މިއީބިރު ގަތުމުގެ ގޮތުން ބޭނުންކުރެވޭ
ބަހެކެވެ. ގިނައިން ބޭނުންކުރަނީ އަންހެނުންނަށެވެ.
މިސާލު: އަމައްޔާތް! ތިއޮތީ ބިޗުލެއް!
ދެންފަހެ
މިއީ "އެހެންވީ ހިނދު"
މިމާނައިގައި ބޭނުންކުރެވޭ ޢިބާރާތެކެވެ.
މިސާލު: ދެންފަހެ، އެރަސްގެފާނު ވިދާޅުވިއެވެ.
އައްދޯއި! (އައްދިއްޔޯއި)!
މިއީތަދުވެގެން ބުނެވޭ ބަހެކެވެ.
މިސާލު: އައްދޯތް! ތިޔައެރީ އަހަރެންގެ
ރިހޭފަޔަށް!
އައްދިއްޔޯތް! ސަމާސަޔަށްވެސް
ތިޔަވަރަށް ވިކައިގަންނާކަށް ނުވާނެއްެނު.
ވާ ވާ!
މިއީ، އިސްތިޙުސާންގެ ގޮތުން ބުނެވޭ
ބަހެކެވެ.
މިސާލު: ވާ ވާ! އެއިވެނީ، އެއްކަލަ
ރީތިލަވައެވެ.
ކޮބާ!
މިއީ، ދެރަކޮށްލުމުގެ ގޮތުންވެސް
ބޭނުންކުރެވޭ ބަހެކެވެ.
މިސާލު: ކޮބާ! އަހަރެން ބުނީމެއް ނޫންތަ!
އަމަށަކު
މިއީ، ބައެއްކަންކަމުގައި، ކަމުގެ ބޮޑުކަން
ދޭހަކޮށް ދިނުމަށް ބޭނުންކުރާ ލަފުޒެކެވެ. އަދި ބޭނުންކުރެވިފައި ހުންނަނީ ނަފީގެ
ޖުމުލައިގައެވެ.
މިސާލު: އަހަރެންގަތީ، އަމަށަކު
ބިރެންނޫނެވެ.
އަސްތާ!
މިއީ، ހައިރާންވުން، ދެރަވުން، އުފާވުން،
މިފަދަ އަސަރެއް ކުއްލިއަކަށް މެދުވެރިވާ ވަގުތުގައި ބޭނުންކުރެވޭ ލަފުޒެކެވެ.
މިސާލު: އަސްތާ! އެތެޅުނީ އަޅުގަނޑުގެ އައިނެވެ.
އެހެންޏާ
މިބަސް ދެގޮތަކަށް ބޭނުން ކުރެވެއެވެ.
އެއްގޮތަކީ، "އެހެން ފަހަރުފަހަރަށް" މިމާނައިގައި ބޭނުންކުރުމެވެ.
މިސާލު: އެހެންޏާވެސް ކުރާގޮތަކަށް ކުރާށެވެ.
އަނެއްގޮތަކީ، ޔަޤީންކަމާއި ހިންހަމަޖެހުން
ހާމަކޮށްދިނުމަށް ޓަކައި ބޭނުންކުރާގޮތެވެ.
މިސާލު: "މިއަދުގެ މެޗުންވެސް މޮޅުވާނެތަ؟"
އާނ، އެހެންޏާ!
އައްދޭ
މިއީ، ހީކުރިގޮތާއި ތަފާތުގޮތަކަށް
ކަމެއްވުމުން ނުވަތަ އެއްޗެއް ފެނުމުން ބުނެއުޅޭ ބަހެކެވެ.
މިސާލު: އައްދޭ! ޒަކަރިއްޔާ މިހާރު ބޯޓަކަށް
އެރީތަ؟
ބައެއްފަހަރަށް މަލާމާތުގެ ގޮތުން ނުވަތަ
ނުރުހުންވުމުގެ ގޮތުންވެސް މިބަސް ބޭނުންކުރެވެއެވެ.
މިސާލު: އައްދޭ! މިހާރުހީވަނީ، ފިލްމްސްޓަރ
އެއްހެން.
ނިކަން
މިލަފުޒު ތަފާތު މާނައިގައި
ބޭނުންކުރެވެއެވެ. އެއްމާނައަކީ، "ވަރަށް" މިއެވެ.
މިސާލު: ނިކަން އަވަހަށް އަންނާތީ.
ވާދަކުރުމުގެ ގޮތުން، އިންޒާރުގެ ގޮތުން
ނުވަތަ ސަމާލުކަމަށް ގޮވައިލުމުގެ ގޮތުންވެސް މިބަސް ބޭނުން ކުރެވެއެވެ.
މިސާލު: 1- ނިކަން ޖަހާބަލާށެވެ!
2- ނިކަންހުރެ ބަލާށެވެ. ވާގޮތް
އެނގޭނެވެ!
3- ނިކަން ވިސްނަވަ ބައްލަވާށެވެ!
ކަމެއްވީގޮތެއް ބަލަން ބުނެލާ
ބުނުމުގައިވެސް މިބަސްބޭނުން ކުރެވެއެވެ.
މިސާލު: ނިކަން އިސްމާއީލު ކުރެން އަހައި ބަލާށެވެ.
ފާނެ، ދާނެ
މިބަސް ބޭނުން ކުރެވެނީ، އަންނަން އޮތް
ޒަމާނުގައި ކަމެއް ހިނގައިފާނެ ކަންއަންގައި ދިނުމައްޓަކައި،
"ވާނޭކަމުގެ" ފަހަތައް އިތުރު ކޮށްގެންނެވެ.
"ފާނެ" އިތުރުކުރެވިފައި
ހުންނަނީ، ނިމުނު ކަން ދޭހަކޮށްދިނުމުގެ ގޮތުން "ފި" އަށް ނިމޭބަސް
ބަހުގެ ފަހަތަށެވެ.
މިސާލު: ކުޅެފި- ކުޅެފާނެ؛ ލިޔެފި- ލިޔެފާނެ.
"ދާނެ" މިބަސް އިތުރުކުރެވެނީ،
ނިމުނުކަން ދޭހަކޮށްދިނުމުގެ ގޮތުން "ޖެ" އަށް ނިމޭބަސްބަހުގެ
ފަހަތަށެވެ.
މިސާލު:
ފެނިއްޖެ- ފެނިދާނެ؛ އެނގިއްޖެ- އެނގިދާނެ.
މަސައްކަތް
1- ތިރީގައިވާ ކޮންމެބަހަކަށް ޖުމުލައެއް ހަދާށެވެ. ތަމްރީނުހަދާނީ
ތަމްރީނުހަދާ ފޮތުގައެވެ.
ދޯ، އާނދޮގޭ، ތޯއްޗެއް،
ދަންނައެ، އެހެނީޯ، އަމައްޔާތް،
ކޮބާ، އަސްތާ، އެހެންޏާ،
2- މާތްކަލާކޯ، އަދިކިއެއްތަ، ވާވާ! ދެންފަހެ، މިޢިބާރާތްތައް ބޭނުންކޮށްގެން
އެއިންކޮންމެ ޢިބާރާތަކަށް ފުރިހަމަ ޖުމުލައެއް ހަދާށެވެ.
3- ނަމަވެސް، އެހެނަސް، އަމަށަކު،
ނިކަން، މިއިންކޮންމެ ބަހެއް ބޭނުންކޮށްގެން
ތިރީގައިވާ ޖުމުލަތައް ފުރިހަމަ ކުރާށެވެ.
1-
މިއަދު ވަރަށް
މަސައްކަތް ބޮޑެވެ. ............. ހަވީރުކޮޅުން ދެވޭތޯ ބަލާނަމެވެ.
2-
އޭނާއުޅެނީ
ބަލިވެއެވެ. ......... އަދި އޮފީހަށް އާދެވެ.
3- ............ މަށެއް ދެރައްނޔވޭ.
4-
ދެންމެ ތިޔަބުނީ
ކީކޭ؟ ........... އަދިއެއްފަހަރު ބުނެބަލަ!
5- "ފާނެ" ، "ދާނެ" މިދެބަސް ބޭނުންކުރެވޭގޮތް
މިސާލާއެކު ބަޔާންކުރާށެވެ.
********************
Adhabuge Thaarafuge Therein
h
އަދަބުގެ ތަޢާރަފުގެ ތެރެއިން
ބަސް
ބަހަކީ އިންސާނެއްގެ ހިތަށްއަރާ ކަންތައްތަކާއި
އޭނާއަށް ބޭނުންވާ ކަންތައްތައް، އަނެއް އިންސާނަކަށް ފައުޅުކޮށް އަނަގައި
ދިނުމަށްޓަކައި ބޭނުންކުރާ އަޑުތަކެކެވެ. ބަހަކީ އިންސާނާ ފުރަތަމަ ދުނިޔެއަށް
އައީއްސުރެ، އެންމެހައި އިންސާނުން ދުނިޔެއިން ނެތި ހިގައްޖައުމަށް ދާންދެން
އިންސާނީ ދިރިއުޅުމާއި ގުޅިފައިވާ އެއްޗެކެވެ.
ބަހަކީ ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމުން،
އިންސާނާއަށް ދެއްވާފައިވާ ދެއްވުމުގެ ނަތީޖާއެއްގެ ގޮޔުން އުފެދުނު އެއްޗެކެވެ.
ބަސް،
އަހަރެމެންނާއި ހަމައަށް އައިގޮތް
އިންސާނާއަށް އެނގޭ އެގުންތައް އެނގުމަށް
އޮތި ދެގޮތެކެވެ. އެއްގޮތަކީ ތަޖުރިބާއެވެ. އަނެއްގޮތަކީ ނަކަލު ކުރުމެވެ. ނަކަލު
ކުރުމޭ ބުނެވެނީ އިވުމާއި، ބުނުމާއި، އަދި ލިޔުމާއި ކިޔުމެވެ. ބަހުގެ އެނގުންތައް
އެނގެމުންދިޔައީ އަދި ދަނީވެސް، ދާނީވެސް މިނަކަލު ކުރުމުގެ މަގުންނެވެ. އެއީ،
ތަޖުރިބާއަކުން އެނގޭ އެނގުމެއް ނޫނެވެ. މިސާލަކަށް އެކިއެކި މާނަދޭހަވާ ބަސްތައް،
އެބަސްތަކުގެ އަކުރުތަކާއި ފިލިތަކުން، އެމާނަ ދޭހަވާގޮތަށް ބޭނުންކުރަމުން ގެންދަނީ
އަކީ، ތަޖުރިބާ އެއްގެ ނަތީޖާއަކުން ނުވަތަ ވިސްނުމާ ބުއްދީގެ ހަމައަކުން ނޫނެވެ.
ނަކަލުކުރުމުގެ ގޮތްމަތީންނެވެ. އެމާނައޮގައި އަކުރުތަކާއި އެފިލިތައް ފުރަތަމަ
ބޭނުންކުރި މީހެއްގެ ކިބައިން، އިވުމާއި، ބުނުން ނަކަލުވެވެމުން އައީއެވެ.
ލިޔެކިޔުމުގެ ޒަމާނާ ހަމައަށް އައުމުން ލިޔެވެމުން ކިޔެވެމުން ދިޔައީއެވެ.
ދިވެހިބަސް
ލިޔުން
ދިވެހިބަހުން ފެންނާން އޮތް އެންމެ މުސްކުޅި
ލިޔުންވަނީ އެވޭލާ އަކުރުންނެވެ. އެއަށްފަހު އުފެދިގެން ދިޔައީ، ދިވެސް އަކުރެވެ.
އެއަކުރުން ލިޔެފައި ހުންނަ ލިޔުންތައް ފެންނާން ހުރެވެ. މިދެބާވަތުގެ
އަކުރަކީވެސް ހިންދީ އަކުރު ފަދައިން، ވައަތުން ކަނައަތަށް ލިޔާއަކުރެވެ.
ދިވެސް އަކުރަށްފަހު އުފެދުނީ،
ތާނައަކުރެވެ. އެއަކުރު އުފެދުނު ވަކިޒަމާނެއް، އުފެއްދި ބައެއް އެނގޭކަން ނެތެވެ.
ތާނައަކުރުން ލިޔެވި ފެންނާންހުރި އެންމެ އިހުގެ އަކުރާއި، މިހާރު ލިޔެވެމުންދާ
އަކުރާއި ވަރަށް ބޮޑަށް ސިފަތަފާތު ވެފައިވެއެވެ.
ދިވެހިބަހުގެ ލިޔުން ތާނައަކުރަށް
ބަދަލުވުމަށް ދެތިންސަބަބެއް މެދުވެރި ވެފައިވާ ކަމަށް ފެނެއެވެ. އެއްސަބަބަކީ،
ދިވެސްއަކުރު ލިޔާން އުދަގޫ ކަމެވެ. ދެވަނަ ސަބަބަކީ ދިވެހީން ދީނެވެ.
ދިވެހިންނަކީ މުސްލިމުން ކަމަށް ވުމާއެކު، އިސްލާމީ ތަހުޛީބާއި ކައިރިވަމުން
ދިޔަދިއުމެވެ. ތިންވަނަ ސަބަބަކީ، ހިންދީންނާއި ދުރަށްޖެހެމުން ދިޔަދިއުމެވެ.
ތާނައަކުރުން ލިޔެފައިވާ އެންމެ މުސްކުޅި ލިއުމަކީ، ހިޖުރައިން 1008ހ. ވަނައަހަރު
މީލާދީން 1600މ. ވަނައަހަރު ލިޔުމެކެވެ.
އަދަބުގެ
ބައިތައް
އަދަބުގެ ތެރެއިން ހިމެނޭ ދެބާވަތެއް
ވެއެވެ. އެއްބާވަތަކީ، އުފެދިގެން އައިއަދަބެވެ. އެއީ އިންޝާއީ އަދަބެވެ.
ޅެންވެރިއަކު ނުވަތަ ލިޔުންތެރިޔަކު ނުވަތަ ބަސްމޮށުންތެރި އެއްގެ ފަރާތުން
އުފެދިގެން އައިއަދަބެވެ. އަނެއްބާވަތަކީ ސިފަކުރުމުގެ އަދަބެވެ. ވަޞްފީ އަދަބެވެ.
އިންޝާއީ އަދަބެއް ސިފަކުރުމުގެ ގޮތުން އުފެދޭ އަދަބެވެ.
އަދީބެއްގެ ހިތުގައި އުފެދޭ ޝުޢޫރުތަކާއި
ޚިޔާލު ތަކަކަށް ބަސްތަކެއްގެ ސިފަ ގެނެސް ޅެންބަހުން ނުވަތަ ޅެންނޫން ބަހުން
އުފައްދަމުން ގެންދާ އެއްޗަކަށް ލިޔައިއުޅެނީ އިންޝާއީ އަދަބެވެ. އުފެދިގެން އައި
އަދަބެވެ. މީގެ މަޢުޟޫއަކީ މުޅިން އިންސާނީ ޙަޔާތެވެ. ޤުދުރަތީ މަންޒަރުތަކާއި
ކަންތަކެވެ.
އިންޝާއީ އަދަބާއި މެދު ވިސްނުން ހިންގައި،
ފާޑުކިޔުމުގެ ގޮތުން ރީތިޢިބަރާތް ތަކާއި ފަށުއި ބަސްތަކުގެ ބޭނުން ކޮށްގެން
ދެކެވެމުން ނުވަތަ ލިޔެވެމުން ދާ ވާހަކައަކީ ސިފަކުރުމުގެ އަދަބެވެ. ނުވަތަ ވަޞްފީ
އަދަބެވެ. ވީމާ، ވަޞްފީ އަދަބުގެ މަޢުޟޫއަކީ އިންޝާއީ އަދަބެވެ.
އަދީބުންގެ ޚިދުމަތް
އަލްވަޒީރު،
އެދުރު ޢުމަރު މާފަތްކަލޭފާނު
މީނާއަކީ ހިޖުރައިން ބާރަވަނަ ޤަރުނު
ތެރޭގައި އުޅުއްވި، ޢިލްމު ވެރިއެކެވެ. މީނާއަކީ ޅެންވެރިއެކެވެ. މީނާގެ
ޚިދުމަތްތައް ފެންނާންއޮތީ "ބޮޑުތާހީދު" (ތައުޙީދު) ނަމަކަށްކިޔާ
ރައިވަރު ފޮތެއްގެ ސިފައިގައެވެ.
ތިންބަސް ރައިވަރާއި ހަބަސްރައިވަރުގެ
ގޮތުގައި ރައިވަރުގެ ހަމަ ހިފެހެއްޓެވީ އެދުރު ޢުމަރު މާފަތްކަލޭގެ ފާނެވެ.
އޭގެކުރިން ރައިވަރުގެ ބަސްތަކުގެ ވަކިއަދަދެއް ނޯވެއެވެ. ކާފިޔާ ހަމަކުރުމަށް
މާބޮޑު ބެލުމެއް ނުހުރެވެ. އެދުރު ޢުމަރު މާފަތް ކަލޭގެފާން ލިޔުއްވި
ބޮޑުތާހީދުގައި 398 ރައިވަރު ވެއެވެ. މީގައިވަނީ އިސްލާމްދީނުގެ އަޤީދާ ތަކާއި،
ހެޔޮނަސޭހަތާއި، ނަބީންނާއި އަސްހާބުންގެ ބައެއް ޚަބަރުތަކާއި އާކިރަތްދުވަހުގެ
ބައެއް ވާހަކަތަކެވެ.
ބަޑޭރި
ހަސަންމަނިކުފާން
ބަޑޭރި ހަސަން މަނިކުފާނަކީ މީލާދީން 1800
ވަނައަހަރާއި 1801 ވަނަ އަހަރާއި ދެމެދު ރަސްކަން ކުރެއްވި އިސްދޫ
އަލިރަސްގެފާނުގެ އަލިމަނިކުފާނުގެ ޙަސަންމަނިކުފާނެވެ. މީނާއަކީ ސ. ހިތަދޫ އުފަން
ބޭފުޅެކެވެ.
ޙަސަންމަނިކުފާން މާލޭގައި އުޅުއްވީ
ރަދުންގެ ޚާއްސުންގެ ތެރޭގައެވެ. އެއީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީން
(އަލްއައްވަލް) ގެ ރަސްކަމުގައެވެ. އެދުވަސްވަރު މަތިގެ ހެއްދެވިއިރު މަތިގޭ
ބަނޑޭރި ކަމުގައެވެ.
ޙަސަންމަނިކުފާނަކީ، ބަހަށް ކުޅަދާނަ، ވިސްނުން
ތޫނު، ހަރުދަނާ ޅެންވެރިއެކެވެ. އޭނާގެ ޚިދުމަތުގެ ތެރެއިން މިޒަމާނާހަމައަށް
އައިއިރު ފެންނަން އޮތީ ދިޔޯގެ ރައިވަރު ފޮތާއި، އަރިއަތޮޅު އަރުމާދު ރައިވަރު
ފޮތާދެފޮތެވެ. އަރުމާދު ރައިވަރު ފޮތުގައިވަނީ 169 ރައިވަރެވެ. ދިޔޯގެ ރައިވަރު
ފޮތުގައި 331 ރައިވަރު ވެއެވެ.
ނައިބުތުއްތު ވިދާޅުވާގޮތުގައި، މިއަރުމާދު
ރައިވަރު ފޮތަކީ، އެއާއި ގާތްކުރެވޭ ވަރަކަށް ދިވެހި ޅެންވެރިއަކަށް މީގެކުރިން
އަދި ޅެންބަހެއް ކިއިފައި ނެއްފަދަ މޮޅުފޮތެކެވެ.
ނައިބު
ތުއްތު
ނައިބު ތުއްތުގެ ފުރިހަމަ ނަމަކީ
އައްޝައިޚުލް ފަޤީޙް މުޙައްމަދު ޖަމާލުއްދީން ބުނި އައްނާއިބު އީސަލް މުލަކީއެވެ.
މީނާގެ ބައްޕައަކީ ޏ. މުލަކު އެޅަތޮށިގޭ މުޙައްމަދު ތަކުރުފާނުގެ އީސާނާއިބު
ތަކުރުފާނެވެ. މައިކަނބަލަކީ މާލޭ ފުއްލާގޭ މަރިޔަމް ފުޅެވެ.
ނާއިބު ތުއްތު އަކީ ވަރަށް ރަނގަޅަށް އަރަބި
ތަޢުލީމް ޙާސިލް ކުރައްވައިގެން ހުންނެވި ޢިލްމުވެރިއަދީބެކެވެ. ސިލޯނުންނާއި،
އަރަބި ކަރައިން ތަޢުލީމް ހާސިލް ކުިރެއްވިއެވެ.
ނާއިބު ތުއްތުގެ ޚިދުމަތުގެ ތެރެގައި "
ސުއްކަތުރާ ޚަބަރު ނުވަތަ ހަބަރުފޮތް " ހިމެނެވެ. މިފޮތަކީ 1308ހ. ވަނައަހަރު
ފެހެންދުއަށް ފޮނުވާ ލައްވާފައި ހުންނަވަނިކޮށް ލިޔުއްވި ފޮތެކެވެ. އޭރުގެ
ހިތްދަތި ހިތާމަވެރި ހާލު އެފޮތުގައި ވަރަށްރަނގަޅަށް ބަޔާންކުރައްވާފައި ވެއެވެ.
" ސިއްކަމޮހޮރީ" މިފޮތަކީވެސް ހަމައެދުވަސްވަރު ލިޔުއްވި ފޮތެކެވެ. މިގައިވަނީ،
އޭރުހުންނެވި ރަދުންނަށް، ކިޔުއްވާފައިވާ ތާރީފުގެ ބަސްތަކާއި އަދި މާފަށް އެދިލެއްވުމެކެވެ.
"ތަޤުވީމުއް ލިސާން" މިއީވެސް ހަމައެދުވަސްވަރު ލިޔުއްވި ފޮތެކެވެ.
މިފޮތުގައިވަނީ ދިވެހި ބަހުގެ ޤަވާއިދެވެ. "އަފުލާޠޫނު ފޮތް"،
"ސުވޭހު ހަކުރު" ފަދަ ކިތަންމެ ފޮތެއް ތުއްތު ހައްދަވާފައި ވެއެވެ.
މިތަކެތި ހައްދަވާފައި ވަނީ ޅެންބަހުންނެވެ. ނައިބު ތުއްތު، ޅެންނޫން ގޮތަކަށް
ލިޔުއްވާފައި ވާތީ ފެންނާން އޮތީ، ބަނޑޭރި ހަސަންމަނިކުފާނުގެ ދިޔޯގެ ރައިވަރާމެދު
ލިޔުއްވާފައިވާ ޝަރަޙަ އަކާއި، ފެހެންދޫގައި ހުންނެވި ދުވަސްވަރު
"ތާނަލިޔުމުގެ ޤަވާއިދު" މިނަމުގައި ލިޔުއްވި ކުޑަ ކުޑަ ފޮތެކެވެ.
މިދެލިޔުންވެސް ވަނީ ޝާއިއު ވެފައެވެ.
ތުއްތުއަކީ ދިވެހި އަދަބަށް ވަރަށްބޮޑަށް ޚިދުމަތްކުރެއްވި ޢިލްމުވެރި އަދީބެކެވެ.
ހުތްއަލިދީދީ
މީނާއަކީ ފަޟީލަތުއްޝައިޚު ޢަބުދުﷲ ފަހުމީ
ދީދީގެ ބައްޕައެވެ. އުތުރުކަރައިން ދީނީ ތަޢުލީމު ޙާޞިލް ކުރައްވައިގެން ހުންނެވި
އާލިމެކެވެ. ދީނީ ނަސޭހަތް ދެއްވާ ވާއިޡެކެވެ.
ރައިވަރުގެ ދައުރުގައިވެސް އަލިދީދީއަކީ
މޮޅު ޅެންވެރިއެކެވެ. ރައިވަރުގެ ވަޒަނުންނެއްޓި، މިހާރުގެ ޅެންތައް
ހުންނަވަޒަނަށް، ދިވެހިބަހުން ފުރަތަމަ ޅެންހައްދަވަން ފެއްޓެވި އަދީބަކީ
އައްޝައިޚު ހުތްއަލިދީދީއެވެ.
ޙުސެން
ޞަލާޙުއްދީން
ފަޟީލަތުއްޝައިޚުލް ޙާއްޖުލް މަރުޙޫމް
ޙުސައިން ޞަލާޙުއްދީނަކީ މާލޭ ބޮޑުގަލުގޭ އަލްފާޟިލު މޫސާ ދީދީގެ ދޮށީ ދަރިކަލުން
ދަރަވަންދޫގޭ ޙުސައިން ދީދީއެވެ. މަންމައަކީ ދަރަވަންދޫގޭ އަލްމުޙުތަރަމާ ތުއްތު
މަނިކެވެ. ޞަލާޙުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 15 ޖުމާދުލް އާޚިރާ
1298ހ. ( 11 މޭ 1881 ) ގައި ފުރަމާލޭގައެވެ.
ޙުސައިން ޞަލާޙުއްދީނުގެ ތަޢާރަފުގައި
އެމަނިކުފާނުގެ އިސްދަރި ވަރެއްކަމުގައިވި ފަޟީލަތުއްޝައިޚު އަބުދުﷲ ޖަލާލުއްދީން
(ޝައިޚުލް އިސްލާމް) އުއްތަމަ ފަޑިޔާރު މަނިކުފާނު ލިޔުއްވާފައިވެއެވެ.
" އަޅުގަނޑުގެ އުސްތާޛު ފަޟީލަތުއް
ޝައިޚުލް މަރުޙޫމް ޙުސައިން ޞަލާޙުއްދީނަކީ ދިވެހި ތަޢުލީމުގެ ދުނިޔޭގައި ވަރަށް
ފުންނާބުއުސް އެދުރު ބޭކަލެކެވެ. އެމަނިކުފާނުގެ ދިރާސީ ޚިދުމަތުގެ ކުރީގައި
ދިވެހި އެދުރުން ޢިލަމަށް ޚިދުމަތްތަކެއް ނުކުރައްވައެއް ނޫނެވެ. ނަމަވެސް އެދެވޭ
ރޮނގު ރޮނގުން ފައިދާ އާއްމުވާފަދަ ޚިދުމަތެއް ކުރެއްވުމަކަށް އެބޭކަލުންނަކަށް
ޡަރުފު ތަނެން ނުދެވެ. ޒަމާން އެހީއެއް ނުވެއެވެ. ގަލަމެއްވެސް މުސާޢިދާއެއް
ނުކުރެވެ.
ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން
ދިވެހި އުންމަތަށް ޚިދުމަތްދާރު ވެވަޑައިގަތީ އަލްމުލްކު ވައްދީނު ތަޥްއަމާނީ
މިޚަބަރު ހަނދާން ކޮށްދެމުންނެވެ. ދަޢުލަތުގެ ޝަރުޢީ މަޤާމްތައް ފުރުއްވީ ކުޅަދާނަ
ޣާޒީއެއްގެ ގޮތުގައެވެ. ރާއްޖޭގައި ދީނީ ޚިދުމަތްތައް އަދާކުރެއްވި އެކަޝޭނަ
މުރުޝިދެއްގެ ގޮތުންނެވެ. ހީރަހުން ކެނޑިގެން ގަނޑުތައް އޮޅިލިއުމުން ކުށްވެފައިވާ
މުސްކުޅި ފޮތްތައް އަލީއެދުރުގެ ބޮޑުތަރުތީބުފަދަ ޙާޖީ އެދުރު ކަލޭފާނުގެ
ތުޙުފަތުލް އުލާތު ފަދަފޮތްތައް އިސްލާޙު ކުރެއްވިއެވެ.
ބޭނުންތެރި ފަންނުތަކުގައި އިތުރު ފޮތްތައް
ތަސްނީފު ކުރެއްވިއެވެ. ދިވެހި އަދަބަށާއި ޅެންވެރިކަމަށް އެދެވޭ ޚިދުމަތްތަކެއް
ކުރެއްވިއެވެ. ކިޔެވުމުގެ ޤަދަރުވެރިކަން އާއްމު ދިވެހި ހިތްތަކަށް ވައްދައި
ދެއްވިއެވެ. ވަރަށްގިނަ ޠާލިބުން ތަކަކަށް ޢިލްމުގެ ފަންނުތައް ކިޔަވައި
ދެއްވިއެވެ.
Dhivehibahuge Mizamaan
ދިވެހިބަހުގެ މިޒަމާން
ގުރޭޑް 10
1-
ދިވެހިއަދަބުގެ މިޒަމާނުގެ ފެށުމަކީ އަލްއަމީރު މުޙައްމަދު އަމީންދީދީ ފެއްޓެވި އަދަބީ ޙަރަކާތް ތަކެކެވެ. އެއީ އެކަކުވެސް ދެބަސްވާނޭ ޙަޤީޤަތެއް ނޫންކަމަށް އަޅުގަނޑު ޤަބޫލް ކުރަމެވެ. އެމަނިކުފާން ފެއްޓެވި ވާހަކަ ކޮމިޓީގެ ޙަރަކާތް ތަކުގެ ސަބަބުން ލިޔުންތެރި ކަމަށާއި އުފެއްދުންތެރި ލިޔުންތައް ދިވެހި އަދަބިއްޔާތަށް އިތުރުވުމަށް މަގުފަހިވެގެން ދިޔައެވެ.
2-
އަދި ނެރުއްވަން ފެއްޓެވި "އައްރަފީޤު" މަޖައްލާ އަކީ، ޚިޔާލުކުރުމަށާއި ޚިޔާލު އުފެއްދުމުގެ ބާރަކަށް ވެގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މިމަޖައްލާ މެދުވެރިވެގެން ދިވެހިބަހުގެ މުއްސަނދި ކަމާއި، ފަށުއިކަމާއި ލިޔުންތެރިކަމުގެ ތަފާތު ގޮތްތަކާއި ބަހުގެ ހަމަތަކާއި ޤަވާއިދުތައް ދިވެހި ޅެންވެރިންގެ ޝުޢޫރުތައް ހުށަހެޅިގެން ދާންފެށިއެވެ. 1943 ގައި ނުކުތް މިމަޖައްލާ އަކީ އަތުން ލިޔުއްވައިގެން ނެރުއްވި މަޖައްލާ އެކެވެ. އަދަބިއްޔާތެއް ކުރިއަރާނީ، މީހުންގެ ހިތުގައިއުފެދޭ ޝުޢޫރުތައް ހާމަކޮށް ޢާއްމުކުރެވޭނެ ގޮތެއްވެސް އޮވެގެންނެވެ.
3-
ވާހަކަ ކޮމިޓީ އުފެއްދެވުމާއި އައްރަފީޤު އަތުން ލިޔުއްވައިގެން ނަމަވެސް ނެރުއްވުމާއި ދިވެހި ބަސްފޮތެއް އެކުލަވައި ލެއްވުމުގެ މަސައްކަތްވެސް ހަމައެދުވަސް ވަރުވެސް ފެއްޓެވިއެވެ.
4-
އަލްއަމީރު މުޙައްމަދު އަމީން ގެންނެވި އަދަބީ އައު ރޫޙާގުޅިގެން ލިޔެވިފައިހުރި އޭރުގެ ލިޔުންތަކުގެ މައްޗަށް، ފާޑުކިޔުމުގެ ނަޒަރަކުން ދެއެއްޗެއް ދަންނަވާ ލެއްވިޔަ ދެއްވާށެވެ.
-
އެދުވަސްވަރުގެ ލިޔުންތަކުގައި ހުސްނޫނު ބޭނުން ކުރެއްވުން މަދެވެ. އެއްގޮތަކަށްވެސް ހުސްނޫނު ނެތޭ ދެންނެވިދާނެވެ.
-
ޢިބާރާތް ވަކިވަރަކަށް ގެންދަވައިފައި ......... ތިކިތަކެއް ޖައްސަވައިފައި ކިޔާމީހަގެ ވިސްނުމަށް ނުވަތަ ޚިޔާލަށް ދޫކޮސްލައްވައިފައި ހުންނަ ތަންތަން ފާހަގަ ކޮށްލެވޭހައި ގިނައެވެ.
-
ލިޔުނަތައް ދިވެހީންގެ ސިނކުޑިއާ ގުޅޭގޮތަށް، ދިވެހި ވެއްޓަށް ފެތޭގޮތަށް ގެންނަވައިފައި ހުރެވެ. އޭގެ މިސާލެއް އަލްއަމީރު މުޙައްމަދު އަމީނުގެ ލިޔުއްވުމަކުން ނަކަލު ކޮށްލަމެވެ. 2 ވަނަ ބޮޑުހަނގުރާމަ ފެށުނު ގޮތުގެވާހަކަ ގެންނަވައިފައިވަނީ މިދަންނަވާ ގޮތަށެވެ.
" ....... ދުނިޔެއަށް ހޭލެވުނީ ވާނެއެއްޗެއް ވީފަހުންނެވެ. ކުރާނޭބޭހެއް ހަދާނޭ ފަންޑިތައެއް އަޅާނޭ ފިލާގަނޑެއް ނެތިއްޖެއުމަށް ފަހުގައެވެ."
-
މިއަދުގެ އަދަބީ ސިކުނޑިތައް ބޭކާރުވުމަށް، ނޫނީ ފޫހިކަމަށް، ނޫނީ ވަގުތު ނަގައިލުމަށް ކަމަށް ހީވެދާނޭ ކަހަލަ ގޮތްގޮތަށްވެސް ޢިބާރާތްތައް ހުރެވެ. އެހެންމިސާލެކެވެ.
" ގަޑީގެ ކަށި ހުރެގެން އެބުރެވެ. ސިކުންތަކަށްފަހު ސިކުންތެއް، މިނިޓަކަށްފަހު މިނިޓެއް، ގަޑިއަކަށްފަހު ގަޑިއެއް ވެއަތުވެދެވެ. ޓިން ..... ޓިން ..... ނުވައެއް ޖަހައިފިއެވެ." އެހެން މިސާލެކެވެ.
" ގަޑިންޖެހި އަށްފަހަރާ އެކުވެގެން ތަންކޮޅެއް ދުރުންއެއިވުނީ ފުޅިދޮށު އަށީގެލޯގަނޑުން ޖެހިޖެހުމެވެ. ....... ބިސްމިﷲ ........ މަޖިލިސްފެށުނީ! ....... ރައްޔިތުންގެ މަޖުލިސްގެ ޚާއްޞަ ޖަލްސާއެއް ފެށުނީއެވެ."
މިއީ ލިޔުންތެރިކަމުގެ ތަފާތު އިސްޓައިލު ތައްތޯ، ނޫނީމިއީ، އަސަރުތަކާއި، އިޙުސާސްތަކެއް ކިޔާމީހާގެ ހިތަށް ވެރިކުރުވާ ގޮތެއްތޯ ބައްލަވައި ލެއްވުމަށް "ދިވެހިރާއްޖެ ހަނގުރާމައެއްގެ ވިލާގަނޑެއްގެ ދަށުގައި ........." މިފޮތް ބައްލަވައި ލެއްވުން ކީއްތޯއެވެ.
5-
ދިވެހި އަދަބުގެ މިޒަމާނުގެ ފެށުންކަމުގައި މިދަންނަވާ ދުވަސްވަރު ލިޔެފައި ހުންނަ ލިޔުންތަކުގައި ބޭނުންކުރާ ޢަރަބި ލަފުޒުތައް ލިޔެފައި ހުންނަނީ، އެލަފުޒުތައް ޢަރަބިން ލިޔާގޮތަށެވެ. އެހެންކަމުން އެދުވަސްވަރުގެ ލިޔުމެއް ބައްލަވައި ލެއްވުމުން ތާނަލިޔުމުގެ ތަރުތީބަށް، ދޭތެރެދޭތެރެއިން ހުރަސްއަޅާފައި ހުންނަ ޢަރަބި ލަފުޒުތައް ފާހަގަ ކުރެވެއެވެ.
6-
މިކަން ޙައްލަކަން އައީ، 1957 ވަނައަހަރު މާޗްމަހުން 16 ވަނަދުވަހު އޭރުގެ ވުޒާރަތުލް މަޢާރިފުން ކުރެއްވި އިޢުލާނަކާ ގުޅިގެންނެވެ. އޭގައިވަނީ ތާނަލިޔުމުގެ ތެރޭގައި ބޭނުންކުރެވޭ ޢަރަބި އަކުރުގެ ބަދަލުގައި ބޭނުން ކުރާނޭ ތާނައަކުރު ތަކެއް ކަނޑައަޅުވައި ފައިވާ ކަމުގައެވެ. މިއީ، ތާނަލިޔުމަށް އައިބޮޑު ބަދަލެއްކަމަށް ފާހަގަ ކުރަމެވެ.
-
ދިވެހިބަހުގެ މިޒަމާނުގެ އަޅުގަނޑުމެން މިދެކޭ، އައު ފަތިހަށް ހޭލެވުނީ، ލެޓިން އަކުރުން ތާނަލިޔަން ޖެހިގެން އުޅެނިކޮށެވެ. އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމް ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާކަމާ ޙަވާލުވެ ވަޑައިގަތުމާއެކު ދެ މަޖިލީހެއް އުފެއްދެވުމާ ގުޅިގެންނެވެ.
7- 1979 ވަނަ އަހަރު ޖަނަވަރީ 28 ގައި އުފެއްދެވީ ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހެކެވެ.
8- 1979 ވަނަ އަހަރު ފެބުރުއަރީ 15 ގައި އުފެއްދެވީ ދިވެހި ތާރީޚާއި ޘަޤާފަތަށް ޚިދުމަތްކުރާ މަޖިލީހެކެވެ.
9-
މިދެމަޖިލީސް ވަކިވަކީން ހިގަމުންދަނިކޮށް 1982 ވަނައަހަރު ނޮވެމްބަރ 10 ވަނަދުވަހު ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު އުފެއްދެވިއެވެ. އަދި ކުރިން ދެންނެވި ދެމަޖިލިހުން ކުރަމުން އައި ކަންތައްތައް ޤައުމީ މަރުކަޒުން ކުރައްވާ ގޮތަށް ހަމަޖެއްސެވީ އެވެ. އެމަރުކަޒުން ކުރައްވާ އަދަބިއްޔާތާއިބެހެ ކަންތައްތަކަކީ:
-
ދިވެހިބަހާ ބެހޭގޮތުން އެކިއެކި ހޯދުންތައް ހޯދައި، ދިވެހިބަހާ އަދަބިއްޔާތު ކުރިއެރުވުމަށް މަސައްކަތް ކުރުމާއި ދިވެހި އަދަބީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުން.
-
ދިވެހިބަހުގެ ރަދީފު އެކުލަވާލައި ޝާއިއު ކުރުން.
-
ހިވެހިބަސް ބޭނުންކުރަންޖެހޭ ހަމަތަކާއި އުޞޫލުތައް ކަނޑައަޅައި ބަހުގެ ޤަވާއިދު އެކުލަވާލައި މިކަންކަން އާއްމުކޮށް ފެތުރުމާއެކު އަދި މިއުޞޫލުތަކާއި ހަމަތަކުގެ މަތިން ބަސްބޭނުން ކުރަމުން ގެންދޭތޯ ބެލުން.
-
ދިވެހިބަހާ ތާރީޚާބެހޭ ދިރާސާތައް ކުރަން އެދޭފަރާތްތަކަށް ކަނޑައެޅިފައިވާ ޤަވާއިދެއްގެ މަތިން އެކަންތައްތައް ކުރެވޭނެމަގު ތަނަވަސްކޮށްދީ އެހީވެދިނުން.
-
ދިވެހިބަހާ ތާރީޚުގެ ރޮގުން މަތީތަޢުލީމު ދިނުމުގެ މަގު ތަނަވަސްކޮށްދިނުމަށް ބޭނުންވާ ތައްޔާރީތައް ކުރުން.
10-
މިކަންތައް ތަކަށް ޢަމަލީ ސިފައެއް ގެނެވޭތޯ ބަހުގެ ކޯސްތައް ހިންގަވައި އަދަބީ މުބާރާތްތައް ރާއްވަވައި ހިންގަވައެވެ. އަދި އަދަބީ މަޖައްލާއެއް މަހަކު އެއްފަހަރު ޝާއިރު ކުރައްވައި އަދަބީ ފޮތްފޮތާއި އަދީބުންނާއި ޝާއިރުންގެ މަސައްކަތް ތައް ޗާޕް ކުރައްވައިގެން ނެރުއްވައި ރަދީފާއިބެހޭ މަސައްކަތް ކުރައްވައެވެ.
11-
1962 ވަނަ އަހަރު ދިވެހިރާއްޖޭގެ ރޭޑިޔޯ ސްޓޭޝަން ހުޅުވުމާއި 1978 ވަނަ އަހަރު ދިވެހިރާއްޖޭގެ ޓީވީ ސްޓޭޝަން ހުޅުއްވެވުމަކީ، ލިޔުންތެރިކަމުގެ އައު ދައުރެއް ފެށުނު ދެކަމެއް ކަމަށް ދެކެމެވެ. ރޭޑިޔޯ ޑްރާމާތަކާއި ޓީވީ ފިލްމުތައް އުފެއްދުމަށްޓަކައި އައު ލިޔުންތެރިންތަކެއް އުފެދިގެން އައެވެ. މިގޮތުން އަޅުގަނޑު ފާހަގަ ކޮށްލާނީ
-
އަލްފާޟިލު އަބުދުއްނަސީރު
-
އަލްފާޟިލު ސައިކުރާ އިބުރާހިމް ނައީމް
-
އަލްފާޟިލު ޔޫސުފު ރިޔާޒު
-
އަލްފާޟިލު ހުސައިން މުޙައްމަދު
-
އަލްފާޟިލު ހުސައިން ޝިހާބު
-
އަލްފާޟިލު ކަޝިމާ އަޙުމަދު ޝާކިރު އާއި
ދިވެހިރާއްޖޭގެ އަޑުގެ އިސް އެނައުންސަރުންގެ ޓީމެވެ. މިރޮގުން އަލްއުސްތާޛު އަލްމަރުޙޫމް މުޙައްމަދު ޖަމީލް ލިޔުއްވި ރޭޑިޔޯ ތަމްސީލުތައް އަޅުގަނޑު ފާހަގަ ކުރަމެވެ. ތަމްސީލު ލިޔުމުގެ ރޮގުން އަލްފާޟިލު ކޮޕީ މުޙައްމަދު ރަޝީދާއި އަލްފާޟިލު މުޙައްމަދު ޝާހިދު ޙަލީމްވެސް މިތަނުގައި ނަކަލްކޮށްލަމެވެ.
12-
ޑުރާމާގެ ސްޓައިލަށް ލިޔުއްވުމުގައި ދިވެހި އަދަބުގެ މިޒަމާން ފެށުނު ދުވަސްވަރުގެ ބޭފުޅެއްގެ ނަންފުޅު މިތަނުގައި ނަކަލު ކޮށްލާހިތްވެއެވެ. އެބޭފުޅަކީ އައްނަބީލު މަލިންމުޙައްމަދު ދީދީއެވެ.
13-
ނޫސްވެރިކަމުގެ ބިންގަލަކީ ސަރުކާރުގެ ޚަބަރު ކަމުގައި ދަންނަވަން ޖެހެވެ. އެއީ ރާއްޖޭގެ ފުރަތަމަ ނޫހެވެ. ޗާޕްކުރެވުނީ 400 ނޫނީ 500 ކޮޕީއެވެ. މިނޫސް ނުކުންނާންފެށީ 1943 ވަނައަހަރު ޖޫންމަހުގެ 5 ވަނަ ދުވަހުއެވެ.
14-
އެނޫހަކީ، ދިގުމަޒުމޫންތަކާ އިސިލްސިލާ ވާހަކަ ތަކާއި ކުޑަކުދިންގެ ސަފުހާއަކާއި ކުޅިވަރުގެ ޚަބަރުތަކާއި ދުނިޔޭގެ ޚަބަރުތަކާއި ކިޔުންތެރީން ފޮނުވާ ސިޓީވެސް ޖަހަމުންދިޔަ ނޫހެކެވެ. އެނޫހުގެ ކޮޕީތައް ބަލައިލުމުން ހުރިހައި ބާވަތެއްގެ ލިޔުންތައް މަސްހުނިކޮށް ހުރިކަން ފާހަގަ ކުރެވެއެވެ.
15-
މިތަނުގައި ނޫސްތަކުގައިޖަހާ ޚަބަރުތައް އޭރުހޯދާގޮތް ނޯޓް ކޮށްލަމެވެ. ސަރުކާރުގެ ޚަބަރު ނުކުތްއިރު ބޭރުގެޚަބަރު ނަންގަވަނީ މުލިޔާ ގޭގައިހުންނަ ރޭޑިޔޯއަކުން އަލްމަރުޙޫމް މުޙައްމަދު އިސްމާއީލް ދީދީއެވެ. ދުނިޔޭގައި އިގިރޭސިން ބެހެއްޓި ވަޔަރލެސް ސެޓް ބޭނުން ކުރައްވައިގެންވެސް ޅަބަރު ނެންގެވިއެވެ.
16-
1958 ހައި ތަނުގައިވެސް އަމިއްލަ ފަރާތްތަކުން ޗާރޕް ކޮށްގެ ނޫހެން ނެރުއްވިއެވެ. އެނޫހުގެ ނަމަކީ "މާލޭޓައިމުސް" އެވެ. 1958 ގެ ތެރޭގައި ނެރުނު މިނޫހުގެ އެޑިޓަރަކީ އަސްރުމާގޭ އަލްފާޟިލު އިސްމާއީލް އަބުދުއްﷲ އެވެ.
17-
ބޭރުބަހަކުން ފުރަތަމަ ނެރުނު ނޫހަކީ "ގާޑިޔަން" އެވެ. މިނޫސްފުރަތަމަ ނުކުތީ 1963 ވަނައަހަރުގެ ސެޕްޓެންބަރު މަހުގެ 6 ގައެވެ. އެޑިޓާރަކީ އޯކިޑްމާގޭ އަލްފާޟިލު އަޙުމަދު ޒަކީއެވެ.
18-
މިހާރު ނޫސްތަކަށް ބޭރުޚަބަރު އާއްމުކޮށް ނަންގަވަނީ ވަޔަރ ސަރވިސްތަކުންނެވެ. ރާއްޖޭގެ ފުރަތަމަ ރަޖިސްޓްރީކުރި ނޫސްއެޖެންސީއަކީ ހަނާ މޯލްޑިވުސް އެޖެންސީއެވެ. މައްސޫލުވެރިއަކީ އަލްއުސްތާޛު އިބުރާހިމްރަޝީދު މޫސާއެވެ.
19-
ރާއްޖޭގައި މިހާރު ނުކުންނަ ދުވަހު ނޫސްތަކަކީ، "ހަވީރު" އާއި "އާފަތިސް" އާއި "މިއަދު" އެވެ. ކުރިން ނުކުމެފައިވާ ދުވަހު ނޫސްތަކަކީ:
-
1956 ވިޔަފާރި މިއަދު
-
1958 ތަރި
-
1960 ފަތިސް
-
1963 މޯނިންގ ޕޯސްޓް
-
1970 އިވުނިންގ ނިއުސް
-
1971 މޫންލައިޓް
20- "ގާޑިޔަން" ނޫސްފިޔަވައި އިގިރޭސިބަހުން ނުކުތް ނޫސްތަކަކީ:
-
1970 މޯނިންގސަން (ހަފްތާއެކު ދެފަހަރު) (އެޑިޓަރު އަލްފާޟިލު މުޙައްމަދު ޒާހިރު ނަސީރު)
-
1977 މޫންލައިޓް ވީކްލީ
21-
ނޫސްވެރިކަން މިޒަމާނުގެ ސްޓައިލަށް ބަދަލު ކޮށްލެއްވި ބޭފުޅެއްކަމަށް ބުނެވޭނީ އަލްފާޟިލު ސީނާ އަޙުމަދު ޒާހިރު ކަމަށެވެ. އެއީ އޭނާ ނެރުއްވި "ހަފްތާ" ނޫހެވެ.
މަސައްކަތް
މަތީގައިއެވާ ލިޔުން ފަރުވާތެރިކަމާއެކު ކިޔުމަށްފަހު އެލިޔުމުގައިވާ މަޢުލޫމާތު ތައް ބޭނުންހިފައިގައި، ތިރީގައިވާ ނުކުތާތަކަށް އިސްކަންދީގެން 800 ބަހާއި 1000 ބަހާއިދެމެދުގެ މަޒުމޫނެއް ލިޔާށެވެ.
-
އަލްއަމީރު މުޙައްމަދު އަމީންދީދީ ދިވެހި އަދަބަށް ކޮށްދެއްވި ޚިދުމަތްތައް.
-
މުޙައްމަދު އަމީންގެ ދައުރުގެ ލިޔުންތައް ހުރިގޮތުގެ ބައެއް މިސާލުތައް.
-
ރޭޑިޔޯ ސްޓޭޝަނަކާއި ޓީވީސްޓޭޝަނެއް ރާއްޖޭގައި ހުޅުވުމާއި ގުޅިގެން ބަހާއި އަދަބަށްލިބުނު ކުރިއެރުން.
-
ނޫސްވެރިކަން ރާއްޖޭގައި އުފެދި ތަރައްޤީވަމުންއައި ގޮތް އަދި މިމަޒުމޫނުގައިވާ ފޮޓޯތަކުގެ އެހީގައި ތަންކޮޅެއް އިހުގެ ނޫސްތަކާއި މިހާރުގެ ނޫސްތަކާއި ދެމެދުހުރި ތަފާތުތައް.
-
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީމަރުކަޒު އުފެއްދެވުމާއި ގުޅިގެން އެމަރުކަޒުން ކުރައްވަން ފެއްޓެވި ބަހާއި އަދަބުގެ މަސައްކަތްތައް އަދި އެކަންކަމުގެ ސަބަބުން ބަހާއި އަދަބަށް ލިބެމުންދާ ކުރިއެރުމާއި ފައިދާތައް.
***************
Subscribe to:
Posts (Atom)