Tuesday, April 29, 2014

Raziya Sity

c
މ.ބަރުބާދުވި ހަޔާތް
   މާލެ
          ޒާހިދަށް
          ވެދުންސަލާމް ..........
          "ދުރުތިބީން ދެކޭގޮތުގައި އަޅުގަނޑަކީ ވަރަށް ނަސީބުގަދަ ވަރަށް އުފާވެރި، ނިޔާމަ ދިރިއުޅުމެއް އުޅޭމީހެކެވެ. ހުރިހާކަމެއް ފުރިހަމަ ވެފައިހުރި އަންހެނެކެވެ. މަތީތަޢުލީމެވެ. މަތީމަޤާމެވެ. ރީތިމުއްސަނދި ފިރިއެކެވެ. ތޫނުފިލި ދެދަރިންނެވެ. ހުޝިޔާރު ޚާދިމުންނެވެ. ފައްކާ ކުރެވިފައިވާ ގެދޮރެވެ. ޗާލުކާރެކެވެ.
          މިހުރިހާ ކަމެއް ފުރިހަމަވިޔަސް އަޅުގަނޑުގެ ދިރިއުޅުމަކީ އުފާވެރި ދިރިއުޅުމެންނޫނެވެ. ސަބަބަކީ ނަމެއްގައި ފިރިއެއް ލިބުނަސް ހަޤީޤީ ފިރިއަކު ލިބިފައިނުވާކަމެވެ. އެއްތާ ނިދިޔަސް އެއްގޭގައި ދިރިއުޅުނަސް ކައިވެނިން ގުޅިފައިވިޔަސް ދެމީހުންގެ ދެމެދުގައިވަނީ ދުނިޔޭގެ ދެކޮޅުގެ ދުރުމިނެވެ. ދެމަފިރިން ޙިއްސާކުރާ އުފަލެއްމަދެވެ. އެއްނަޒަރަކުން ބެލެވޭކަމެއް ނެތެވެ. އަޅުގަނޑުގެ ޢިލްމީ މަސައްކަތަށް ޒާހިދު ހަޖޫކިޔުއްވަމުއެވެ. ޒާހިދު ހޭބޯނާރާ ފައިސާ އެއްކުރައްވަން ތިޔަކުރައްވާ މަސައްކަތަށް އަޅުގަނޑުގެ ހިތުން ކުދިކިޔަމެވެ.
          ޒާހިދަކީ ވިޔަފާރި ވެރިޔަކީމުއެވެ. މިހާރު ޔަގީންކުރެވޭ ގޮތުގައި އަޅުގަނޑުގެ ކައިވެންޏަކީ ޒާހިދު މިހާތަނަށް ކުރެއްވި އެއްމެ ފައިދާހުރި ވިޔަފާރިއެވެ. އުނގުވިޔަފާރިއެއް ބޮޑުވިޔަފާރިއަކަށް ބަދަލުކޮށްލެވޭނޭމަގު އަޅުގަނޑުގެ ފުށުން ފަހިވެއްޖެއެވެ. ދިރިއުޅުން ފެނިލައްވައިފިއެވެ. ބޮޑުންނާއި ރައްޓެހި ވެއްޖެއެވެ. ނުފޫޒުގަދަ އާޢިލާއެއްގެ ޙިމާޔަތް ލިބިލައްވައިފިއެވެ. އަޅުގަނޑު ޒާހިދުދެކެ ލޯބިވީމެވެ. ނަމަވެސްއެއީ ޒާހިދަށް އޭގެމާއްދީ އަގުނޫނީ ވަޒަންނުކުރެވުނު ލޯތްބެކެވެ. ރައްދުނުލިބުނު ލޯތްބެކެވެ. އެފަދަލޯތްބަކީ ހިކިއަނަރޫފަވެ މަރުވާއެއްޗެއްކަން ތަޖުރިބާ ކުރެވިއްޖެވެ. އަދި އޯގާވެރިކަމުގެ އޮށުން ލޯބީގެ ގަސްފަޅައި ގޮފިޖަހައި ހެދިފޯދި މަލާއި މޭވާއަޅާފާނެކަންވެސް އެނގިއްޖެވެ.
          ވޭތުވެދިޔަ ހަތަރުފަސްއަހަރު އަޅުގަނޑުގެ މިތުރަކީ ކާރުދުއްވާ ހުސެންފުޅެވެ. އެކަނިވެރި ރޭތަކުގެ މުނިފޫހި ފިލުމަކީވެސް އޭނައެވެ. އެއްމެފަހުންވީ ބަލިގަނޑުގައި ބޭސްކުރަން މަދަރާސީއަށް ފައިބާ އިންއިރު ޒާހިދު ޚަރަދުގައި ހިއްޕެވިއަސް އަޅުގަނޑަށް ހޭހަންކޮށް ހާލުބެލި އެހީތެރިޔަކީވެސް ހުސެންފުޅެވެ. ގެދޮރެއް ގަދަރެއް ފައިސާއެއްނެތަސް އޭނާއަކީ މާތް އިންސާނެކެވެ. ގުޅޭބައިވެރިއެކެވެ. އަޅުގަނޑުމެން ދެމީހުންނަށް ވަނީ އެކަކުއަނެކަކު ދެކެލޯބި ވެވިފައެވެ. އޭނާ އަޅުގަނޑުދެކެ ލޯބިވީ ވިހޭގެތެރޭގައި މަންމަ މަރުވެފައި އަނިޔާވެރި ދޮންމަންމައަކާއި އަޅާނުލާ ބައްޕައެއްގެ ގާތުގައި އުޅެބޮނޑުވިއިރު ނުލިބުނުލޯބި އަޅުގަނޑުގެ ފުށުން ލިބުނީމާކަމަށްވެދާނެވެ. ކޮންމެއަކަސް މިލޯތްބަށްޓަކައި ޒާހިދުގެ އަރިހުން މަޢާފަށް އެދޭކަން ނެތީމެވެ. އެއީ ހަކުރުއަޑުބައެއްގެ ވެސް ދެކޮޅު އޮންނާތީއެވެ. ކުރީގައި ޒާހިދު އެކިއެކި ރީތި ހިލޭއަންނާއެކު އުޅުއްވާ އުޅުއްވުމަކާ ނުބެހެމެވެ. އަދި މިހާރު ހިތްޕުޅާވެގެން އުޅުއްވާ ސަޕުނާއާއެކު ތިޔަކުރައްވާ ދަތުރުތަކާއި ހޭދަކުރައްވާ ވަގުތުތަކާމެދު ޝަކުވާއެއް ނުކުރަމެވެ. ޒާހިދުގެ ކަޅަށްޖެއްސުމާއިމެދު އިރަކު ދެރަވިއެވެ. ހިތުގައިޖެހުނެވެ. ރޮއިވެސް ހަދަމެވެ. ހިތާހިތާ ކުރާޝަކުވާ ދުލުންބުނެ ފާޅުނުކުރެވުނީ ޠަބައީ އެކަހެރިކަމުންނެވެ. ތޮޅެއަރާރުން ވުމަކީ މިޒާޖުގައި ނެތްކަމަކަށް ވާތީއެވެ. ކުރީގެ ލޯބި އަދު ފޫހިވުމަށް ބަދަލުވެފައިވާތީ މިހާރު ޝަކުވާއެއްވެސް ނެތެވެ.
          މި ފިޔަވަޅު އެޅުމުގެކުރިން ލައްކަގޮތްގޮތުން ވިސްނީމެވެ. މަންމަ ވިދާޅުވާނޭ އެއްޗަކާއިމެދު ފިކުރުކުރީމެވެ. ބައްޕަކިޔުއްވާނޭ އެއްޗަކާއިމެދު ކަންބޮޑުވިއެވެ. މީހުންކިޔާފާނެ އެއްޗެއްސާއި ކޮށްފާނެ މަލާމާތާމެދު ލަދުހީވެ ފަސްޖެހުނީމެވެ. ނަމަވެސް މިނުކެރުމުން އަޅުގަނޑުގެ ފަޅު ދިރިއުޅުން އާބާދު ކުރުމުގެ އެއްމެފަހުގެ ފުރުޞަތު ގެއްލުންނޫން ނަތީޖާއެއް ނެތްކަން އެނގުނެވެ. ބުރުސޫރަ ރީތިނޫން، އުމުރުން 35 އަހަރުވެފައިވާ ދަރިމައަކަށް ތެދުވެރިލޯތްބަކީ މާވަހަރުހާ ތަދުއެއްޗަކަށްވާނެވެ.
          ކުރުކޮށް ނަންގަންނަނަމަ ޒާހިދުގެ އަރިހުން ވަރިވެގެން ހުސެންފުޅާ އިންނަން ނިންމައިފީމެވެ. މިއީ އެއްމެފަހުގެ ނިންމުމެވެ. އިސްތިއުނާފެން ނެތްނިޔާއެވެ. މިސިޓީލިބުމާއެކު ވަގުތުން އަޅުގަނޑު ވަރިކުރައްވާ، އަޅުގަނޑުގެ ގެދޮރުންނާއި ދިރިއުޅުމުން އަބަދަށް ނިކުންނެވުން އެދެމެވެ.
- ރަޒިއްޔާ -
ތިރީގައިވާ ސުވާލުތަކަށް ޖަވާބުދޭށެވެ.

1-     ޒާހިދުއާއި ރަޒިއްޔާގެ ކައިވެންޏަކީ ވިޔަފާރިއެއްކަމަށް ރަޒިއްޔާ ޤަބޫލު ކުރަނީ ކީއްވެގެން ހެއްޔެވެ؟
2-     ދެމަފިރިންގެ ގުޅުމަށް ބުރޫއަރަން ދިމާވީ ކީއްވެގެންކަން ބަޔާން ކުރާށެވެ!
3-     "އޯގާވެރިކަމުގެ އޮށުން ލޯބީގެގަސްފަޅައި ގޮފިޖަހައި ހެދިފޯދި މަލާއިމޭވާ އަޅާފާނެކަންވެސް އެގިއްޖެއެވެ." މިޢިބާރާތް ރަޒިއްޔާ މާނަކުރަނީ ކިހިނެން ހެއްޔެވެ؟
4-     ރަޒިއްޔާއާއި ހުސެންފުޅާއި ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވެވުނީތީ ޒާހިދުގެ ކިބައިން މަޢާފަށް އެދެން ރަޒިއްޔާ ބޭނުންނުވީ ކީއްވެ؟
5-     ސިޓީން ލިބުނުމަޢުލޫމާތުގެ އަލީގައި ރަޒިއްޔާގެ މިޒާޖުގައި ހިމެނޭ 3 ކަމެއް ބަޔާންކުރާށެވެ!
6-     ތިރީގައިވާ ޢިބާރާތްތައް އާދައިގެ ތިލައިބާރާތުން ބަޔާންކުރޭ!
ހ) ކައިވެނިން ގުޅިފައިވިޔަސް ދެމީހުންގެ ދެމެދުގައިވަނީ ދުނިޔޭގެ ދެކޮޅުގެ ދުރުމިނެވެ.
ށ) އެއީ ހަކުރުއަޑުބައެއްގެ ވެސް ދެކޮޅޫ އޮންނާތީއެވެ.
7- ތިރީގައިވާ ބަސްތަކުގެ މާނަލިޔާށެވެ.
   ހ- ހަޖޫކިޔުން
   ށ- މާއްދީ
   ނ- ހޭހަންކުރުން
   ރ- ކަޅަށްޖެއްސުން

8- ދޭހައަށް ދީފައިއޮތް ސިޓީކިޔުމަށްފަހު ތިޔައީ ޒާހިދުކަމަށް ބަލައިގެން، ރަޒިއްޔާގެ ނިންމުން ބަދަލުކޮށް އެބުރި ތިމާގެ ޙަޔާތަށް އަންނާނެވަރުގެ ސިޓީއެއްލިޔޭ!

9- ޒާހިދުގެ ޙަޔާތުން ނިކުމެގެން ރަޒިއްޔާ ދިޔުމުގެ ސަބަބުން ޒާހިދުވަނީ ވަރަށްބޮޑަށް ދެރަވެފައެވެ. އަދިމިކަމާ މާބޮޑަށް ވިސްނުމުގެސަބަބުން މިހާރުއޭނާވަނީ ހިސާބަކަށް މޮޔަވެފައިކަމަށް ބަލާށެވެ. މިހެންވެ މިޙާލަތުގައި ޒާހިދަށް ހެޔޮވިސްނައިދީ ނަސޭހަތްތެރި ވުމުގެގޮތުން، ޒާހިދުގެ އެކުވެރިއެއްގެ ހައިސިއްޔަތުން ޒާހިދާއި ދައްކާނެ ވާހަކަކޮޅެއް 1 ސަފުޙާއަށްވުރެން ކުރުނުވާނެހެން ލިޔާށެވެ. (މިވާހަކަކޮޅު އޮންނަންވާނީ ލިޔާޢިބާރާތުންނެވެ.)
...........................

                                                                          =އިބުރާހިމް ހުސައިން މަނިކުގެ "ޖޯޑްބި ޖޯޑް އިން ނަގާފައި=

No comments:

Post a Comment