Tuesday, April 29, 2014

Raajayge Minivankan

ދިވެހިރާއްޖޭގެ މިނިވަންކަން
1- ކޮންމެ ޤައުމެއްގައިވިޔަސް ކޮންމެ ޖަމާޢަތެއްގައި ވިޔަސް މިނިވަންކަމަކީ އެބަޔަކު އަމިއްލަޔަށް ރައްކާކުރާ އެއްޗެކެވެ. ނަގާލާ އެއްޗެކެވެ. މިހެން މިދެންނެވީ ހަމަ ގަސްތުގައެވެ. އާދޭހެވެ! އެބަޔަކު އަމިއްލަޔަށް ހޯދާ އެއްޗެކޭ ނުދެންނެވީ، ކޮންމެ އިންސާނަކަށާއި ކޮންމެ ޤައުމަކަށް މިނިވަންކަން ދެއްވާފައިވަނީ ޤުދުރަތުން ކަމުގައި އަޅުގަނޑު ދެކޭތީއެވެ. އެއީ މާތްﷲ އިންސާނުންނަށް ދެއްވި ޙައްޤު ތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ މާތް ޙައްޤެވެ. މިނިވަންކަމުގެ އަގު އަރައި ޤަދަރުމަތިވަނީ މިކަމުގެ ސަބަބުންނެވެ. އަޅުވެތިކަމުގެ އަގު ދަށްވެ ނިކަމެތިވަނީ މިކަމުގެ ސަބަބުންނެވެ.
2- އަޅުގަނޑުގެ މައުޟޫއަކީ ދިވެހިރާއްޖޭގެ މިނިވަންކަމެވެ. އެމިނިވަންކަމުގެ ތާރީޚާއިމެދު އެއްޗެއް ދެންނެވުމެވެ. މިނިވަންކަމަށްއެރި ބުރޫތަކާއި މެދުގައި ޚިޔާލު ފާޅުކުރުމެވެ. އެ މިނިވަންކަން ގެއްލުމަށް މެދުވެރިވި ސަބަބު ފާހަގަ ކުރުމެވެ.
3- އެންމެ ފުރަތަމަ ތާރީޚީގޮތުން ރާއްޖޭގެ މިނިވަންކަމޭ ތޯއެވެ؟ ފުލޯކު ވާހަކަ ތަކުގެ ސިފައިގައްޔާއި ލިޔެވިގެން ތާރީޚުގެ އަލީގެ ތެރެއިން ފެންނަ ފެނުންތަކުގެ މައްޗަށް ބެލިޔަސް ދިވެހިރާއްޖެއަކީ ރާއްޖޭގައި ބަޔަކު ދިރިއުޅެން ފެށީއްސުރެ އަމިއްލަ ވެރިކަމެއް ހިނގަމުންއައި މިނިވަން ތަނެކެވެ. ބޭރުބައެއްގެ އަޅުވެތިކަމުގެ ދަށުގައި ރާއްޖޭގެ އުފެދުން ހިމެނުނު ކަމުގެ އެއްވެސް ދަލީލެއް ފެންނާކަށް ނެތެވެ. އިތުބާރު ކުރެވޭފަދަ ބޭރުގެ މުއައްރިޚުންނާއި ސައްޔާހުންގެ ހުރިހާ ލިޔުންތަކެއް މިކަމުގެ މައްޗަށް ގަދަޔަށް ހެކިދެއެވެ. އަދި ރާއްޖޭގެ ޘަޤާފަތަށް ވިސްނާއިރުވެސް އާދަކާދައަށް ބަލާއިރުވެސް ރާއްޖެ އުފެދުމުގައި އަޅުވެތިކަމެއްގެ އަސަރުތަކެއް ފެންނާކަށް ނެތެވެ. ދީނީގޮތުން އިހުއުޅުނު ބައެއް އާދަކާދަ ދިވެހިންގައި ހުރިނަމަވެސް އެކަމުން ވެރިކަމުގެގޮތުން ރާއްޖޭގެ އިހުގެ އަހުލުވެރިން ތިބީ އަޅުވެތިކަމެއްގެ ތެރޭގައި ބެދިފައިކަމަށް ދޭހަކޮށްދޭ އެއްވެސް ކުލައެއް ނުފެނެއެވެ. ލިޔެވިގެންވާ ތާރީޚަށް ރުޖޫޢަވާއިރު ރާއްޖޭގެ ވެރިކަމުގެ މިނިވަންކަން ގެއްލިފައިވަނީ އަޅުގަނޑު ޤަބޫލުކުރާގޮތުން ތިންފަހަރުއެވެ. މިހެން ދަންނަވާއިރު މިހާރު ހޯދަމުންދާ ހޯދުންތަކުގައި ފެންނަ ރަޖާޖީ ރާޖާއެއްގެ ނަން އަޅުގަނޑު ހަނދާނެއް ނުނެތެއެވެ. ނަމަވެސް މިކަން އޮތީ، އާދެ! އަދިއޮތީ އެއާމެދުގައި ނިމުމުގެ ބަސްބުނެވޭ މިންވަރަށް ނުގޮހެވެ. ތަޙުޤީގު ކުރުމުގެ މޭޒުމަތީގައެވެ.
4- މިހެންކަމުން ކުރީގައިވެސް އަޅުގަނޑު ދެންނެވިހެން ދިވެހިންގެ ވެރިކަމުގެ އަމިއްލަކަމަށް ލޮޅުމެއް އަރައި ވެރިކަމުގެ ސިޔާދަތު ގެއްލިފައިވަނީ ތިންފަހަރެއްގެ މަތިންނެވެ. މީގެތެރެއިން ތާރީޚީގޮތުން އެންމެ އިސްފަހަރަކީ، ޕޯޗްގީޒުން ރާއްޖޭގެ މައްޗަށް ވެރިވީ ފަހަރެވެ.
5- ޔޫރަޕުގެ ޤައުމުތައް ވަރަށްބޮޑު ޖާހިލުކަމެއްގެ ތެރޭގައި ތިއްބާ ސްޕެއިނުން އެމީހުންނަށް ލިބުނު އިސްލާމީ ތަމައްދުންގެ ބާރުގައި ކުރިއަރައިގަތް ގޮތުގެ ވާހަކަ އަކީ ތާރީޚު ޢިލްމުވެރިންގެ މެދުގައި ބަހުސެއް އޮތް މައްސަލައެއް ނޫނެވެ. ކޮންމެއަކަސް ޔޫރަޕުގެ ދަޢުލަތްތައް މިގޮތުން ކުރިއަރައި ދުނިޔެއަށް ފެތުރިގަތް ފެތުރުމުގައި ވިޔަފާރި ތަރައްޤީ ކުރުމުގައި އިސްތިއުމާރުގެ ރޮނގުން އެތެރެވަރިއަށް ނުވަތަ އިރުމައްޗަށް އެންމެ ފުރަތަމަ އައި ބަޔަކީ ޕޯޗްގީޒުންނެވެ. މިއައި އައުމުގައި އިންޑިޔާގެ އައްސޭރިއަކަށް ވެރިވުމަށްފަހު އިންޑިޔާ ކަނޑުގެ ތެރެއަށް އެމީހުންގެ ބާރުތައް ފަތުރަމުން ގެންދިޔައެވެ.
6- އިންޑިޔާގެ ތެރޭގައި އޭރުއޮތީ ބާރުހުރި ގަދަފަދަ ވެރިކަމެއް ކަމުގައިވާތީ، އެހިސާބަކަށް އެމީހުންނަކަށް ވާޞިލެއް ނުވެވުނެވެ. މިގޮތުގެމަތީން ކަންހިނގި ދުވަސްވަރުގެ ތެރޭގައި ރާއްޖޭގައިއޮތް ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ ތެރޭގައި ވަނީ ފިތުނަ ފަސާދަ އުފެދި އެދަރިކޮޅުގެ ނިމުން ފެށިފައެވެ. ނަތީޖާއަކަށްވީ އެދަރިކޮޅުގެ ބައެއެއް ރަސްކަލުންގެ އަމިއްލަ އެދުންފުޅުން ޤައުމީ މަސްލަހަތައްވުރެ ކުރިއަރައި ދިއުމެވެ. ކަންނަންނޫރު ޢަލީ ރާޖާއަށާއި އަދި ގޯވާގައިއޮތް ޕޯޗްގީޒު ސަރުކާރަށްވެސް ހަނާ އަޅުވަން ފެއްޓެވުމުންނެވެ. އަދި ފާޅުގައި ޕޯޗްގީޒުންނަށް ދަޢުވަތު ދެއްވުމުންނެވެ. މިކަން އޭގެ އެންމެ ނުރައްކާތެރި ހިސާބަށް ދިޔައީ ހިލާލީ ދަރިކޮޅުގެ މަޝްހޫރު ނުވަވަނަ ޙަސަން ރަސްގެފާނުގެ ޒަމާނުގައެވެ. އާދޭހެވެ! އޭނާނަންގަވާ ލެއްވީ އޭނާގެ މާތްދީން އެކަންޏެއް ނޫނެވެ. އޭނާގެ ފަޚުރުވެރި ރަސްކަން އެކަންޏެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ދިވެހިރާއްޖޭގެ އަމިއްލަ ވެރިކަމާއި ޤައުމުގެ މިނިވަންކަންވެސް މެއެވެ. މިބޮޑު ޚިޔަނާތުގެ އުޤޫބާތް ރައްދުވަނީ ނުވަތަ ހައްޤުވަނީ ހަމައެކަނި އެ ރަސްގެފާނަކަށް ނޫނެވެ. އޭގެ ދުވަސްކޮޅެއް ކުރިއްސުރެ އެރަސްކަމުގެ ތެރޭގައި ފިތުނަތައް އުފެއްދެވި ޝާހީ ބޭފުޅުންނަށްވެސް އެބޭފުޅެއްގެ މިންވަރުން އެބޭފުޅެއްގެބައި އެބޭފުޅަކަށް ލިބިވަޑައި ގަނެއެވެ.
7- ތަނަކަށް މިހެން ވެގެންދާއިރު އެތަނެއްގައި އެވަގުތު ކުރިއަށްތިބި މީހުންނަށްވެސް އެކަމުގެ މަލާމާތަކުން ނެއްޓެވޭނެކަމަކަށް އަޅުގަނޑު ނުދެކެވެ. ޝައްކެއް ނެތެވެ. ޕޯޗްގީޒުން ދިވެހިރާއްޖެއަށް އައީ އެކަމަށް ކުރެވުނު، އިޝާރާތްތަކެއް ސަބަބުންނެވެ. އިޝާރާތްތަކަކަށްވުރެ ސަރީޙަކޮށްދެވުނު ދަޢުވަތްތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. އޭގެ މަލާމާތާއި ނުބައިކަމުން އެދުވަސްވަރުގެ ރަސްކަލުންނާއި ދަޢުލަތުގެ ކުރިއަށް ތިއްބެވި ބަޔަކު ބަރީއަ ކުރެވޭނެ އެއްވެސްގޮތެއް ނެތެވެ.
8- 965ހ. ވަނަ އަހަރުގެ ތެރޭގައި ޕޯޗުގީޒުން ދިވެހިރާއްޖެއަށް ވެރިވުމަށްފަހު ދެން ކަންހިނގަމުން ދިޔަގޮތާއި ހިތްވަރުގަދަ ދިވެހި ބަޠަލެއްގެ ޤައުމީ ޖިހާދުގެ ސަބަބުން ދިވެހިރައްޖޭގެ މިނިވަންކަން ދިވެހިންނަށް އަލުން ލިބުނު ގޮތުގެ ވާހަކަ އަކީ އަޅުގަނޑުމެން ރަނގަޅަށް ދަންނަ ވާހަކައެކެވެ. ވީމާ އެމަތިވެރި ބަޠަލު ކަމުގައިވާ އަލްޣާޒީ މުޙައްމަދު ތަކުރުފާނަށް ކޮޅުނެތްކޮޅަށް ތާރީފާއި ޝުކުރު ދަންނަވަމުން އަޅުގަނޑު އަނެއްކާވެސް އެނބުރެނީ އަޅުގަނޑުގެ މިސްރާބާ ދިމާއަށެވެ. އެއީ ރާއްޖޭގެ މިނިވަންކަމެވެ.
9- ތާރީޚީގޮތުން ބަލާއިރު ދިވެހި ވެރިކަމުގެ ތާރީޚުގައި ދެވަނައަށް އެ ވެރިކަމުގެ ސިޔާދަތައް ގެއްލުންލިބި ބައެއްގެ އަޅުވެތިކަމުގެ ދަށަށް ދިޔައީ އިންޑިޔާގެ ހޮޅީން ރައްޖޭގެ މައްޗަށް ނުވަތަ މާލޭގައިއޮތް ވެރިކަމުގެ މައްޗަށް ގަދަވެގަތް ފަހަރުއެވެ. މިކަމުގެ ޙަޤީޤީ ސަބަބުގެ މައްޗަށް ވިސްނާއިރުވެސް ކޮރުބަންޑަރައިންގެ ރަސްކަމަށްވުރެ ދުރަށް އޭގެ އަސްލުތައް ގޮސްފައިވެއެވެ. އަޅުގަނޑަށް ޚިޔާލު ކުރެވޭ ގޮތުގައި ދިވެހި ރަސްރަސްކަލުންގެ ތެރެއިން ވަރުގަދަ އަދި މާތް ޝަޚުޞިއްޔަތެއް ކަމުގައި ހިމެނުނު އިސްކަންދަރު މަހާރަދުން ފަސްދާނަށް ވަޑައިގަތުމާއި ގުޅިގެން އޭރުގެ ރަސްކަމުގެ ތެރެއަށް ފީވުމުގެ ސިފަތައް އަންނާން ފަށައިފިއެވެ. އޭގެ އެންމެ ފާޅުކަންބޮޑު މަންޒަރެއް ކުޅުއްވުމުގެ އިސް ބަޠަލާއެއްގެ ބައި ކުޅެފައިވަނީ އިސްކަންދަރު މަހާރަދުންގެ ދަރިކަލުން ތުއްޕު ކުޑަ މުޙައްމަދު ރަސްގެފާނުގެ މައިކަނބަލުންނެވެ. ދިވެހި ރަސްކަމުގެ ގަނޑުވަރުތެރެ ދުށް އެންމެ ބަދުއަޚުލާޤީ ސިފަތައްހުރި މަޝްހޫރު "އެނދި މަރިޔަބު" އެވެ. އަޅުގަނޑުގެ މައުޟޫއަކީ ކަނބާ މަރިޔަމުގެ ދައުރުގައި ތަމްސީލު ވަމުންދިޔަ މަންޒަރު ތަކުގެ ފަރުދާތައްކަހާ ހާމަކުރުމެއް ނޫނެވެ. އޭރުގެ "ކުދި ވަޒީރުން" (މިހަރުގެ އިބާރާތުންނަމަ ޖޫނިއާ މިނިސްޓަރުން) ގެ ވާޖިބުތަކުގެ މައްޗަށް ވާހަކަ ދެއްކެވުމެއްވެސް ނޫނެވެ. އަޅުގަނޑުގެ ވާހަކައަކީ އެދައުރުގައި ފެށުނު އަޚުލާޤީ އުނިކަމުގެ އަސަރުތަކާއި ފިތުނައިގާ ބާރުވެސް ރައްދުކުރަމުން އައިސްފައިވާ ކަމަށް އަޅުގަނޑަށް ޚިޔާލުކުރެވޭ ވާހަކަ ދަންނަވާލުމެވެ.
10- އަޅުގަނޑުގެ އެއްބަހެވެ. މުޙުޔިއްދީނުލް އާދިލްފަދަ ދެއްވަދޫ ރަސްގެފާނުފަދަ ރަސްރަސްކަލުން ދަޢުލަތް ސަލާމަތް ކުރައްވައި ދީނާއި އަދުލު ހިންގެވިއެވެ. ނަމަވެސް އަޅިގަނޑުގެ ތެރޭގައި އަލިފާނުގެ އަސަރު ހިނގަމުން ނާންނަކަމަކަށް އަޅުގަނޑަކަށް ނުދެންނެވޭނެއެވެ.
11- ކޮންމެއަކަސް ކޮރުބަންޑާރައިންގެ ރަސްކަމުގައި އަބަދަށް ދެމިހުންނަ ކަންނަންނޫރު ޢަލީރާޖާގެ ފަރާތުން ލަޝްކަރެއް އައީ ޕޯޗްގީޒުންވެސް ގެނުވި ފަދައިން ދިވެހިންގެ ކުރިއަށްތިބި ބަޔަކު ގެނުވައިގެންނެވެ. މިފަހަރު ސަފުގެ އެންމެ ކުރީގައި ހުންނެވީ އެދުވަސްވަރު ފަނޑިޔާރު ކަމުގައި ހުންނެވި ބޭކަލެކެވެ. ދެންވެގެންދިޔަ ގޮތީ ތާރީޚުގެ އަހުލުވެރިންނަށް ވަންހަނާ ވެގެންވާ ކަމެއް ނޫނެވެ. މިހެންކަމުން މިފަހަރުވެސް މައުޟޫގެ މިބައިން އަޅުގަނޑު ވަކިވަނީ ހޮޅިންގެ އަތުން ދިވެހި ވެރިކަން ސަލާމަތްކުރެއްވި އައްސުލްޠާނުލް ޣާޒީ ޙަސަން އިއްޒަތްދީން ދޮންބަންޑަރައިންނަށް އަޅުގަނޑުގެ ގަލަމަށް ލެވުނުހަ ބާރެއް ލާފައި ތަޢުރީފް ކުރައްވަމުންނެވެ.
12- ޝައްކެއް ނެތެވެ. ދޮންބަންޑާރައިން ބަޠަލަކަށްވަނީ އޭނާކުރެއްވި ޤައުމީ ޖިހާދުގެ ސަބަބުން އެކަންޏެއް ނޫނެވެ. އަދި ކީއްތޯއެވެ. އަޚުލާޤުގެ މާތްކަމާއި އެރަދުންގެ ޝަޚުޞިއްޔަތުގައިވާ އިންސާނީ މޮޅުކަމުގެ ސިފަތަކުގެ ގޮތުން ބެލިޔަސް އެރަދުންނަކީ ރާއްޖޭގެ ތާރީޚުދުށް މާތް އަޚުލާޤެއްގެ ވެރިއެކެވެ. އިންސާނީ ސިފަތަކެއްގެ ބަޠަލެކެވެ. ކުރީގެ ޝާހީ ޚާންދާނާއި މެދުގައި އޭނާ ކަންތައް ބެހެއްޓެވި ގޮތާއި އަވަހާރަވަމުން ދޮންބަންޑާރައިން ކުރެއްވި ވަޞިއްޔަތަކީ އަޅުގަނޑު މި ދެންނެވި ދެންނެވުމުގެ އަލިވެގެންވާ ހެއްކެކެވެ. މާތްﷲ އެފަދަ މާތް އިންސާނުންނަށް ކަނޑައަޅުއްވާފައިވާ ނިޢުމަށް ދޮންބަންޑާރައިންގެ މައްޗަށް ދަމަހައްޓަވާންދޭވެ.
13- ތާރީޚިގޮތުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރި ތިންވަނަ ފަހަރަކީ އިނގިރޭސިންގެ އިސްތިޢުމާރު ދިވެހިރާއްޖެއާއި ކުރިމަތިލީ ފަހަރެވެ. މިކަމުގައިވެސް ހަޤީޤީ ސަބަބުތަކުގެ މައްޗަށް ވިސްނައިފިނަމަ އެކަމުގައި ކުރިޔަށްތިބި ދިވެހިން ހިމެނުނު މިންވަރު ތިޔަބޭފުޅުންނަށް ޤަބޫލުފުޅު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.
14- ތާރީޚަށް ފުންކޮށް ވިސްނައި އިންސާފުގެމަތީން އެއްޗެއް ދަންނަވާނަމަ ދަންނަވަންޖެހެނީ ޣިޔާޘުއްދީން ރަދުން ވަރަށް އަނިޔާވެރި ގޮތުގައި ޝަހީދު ކުރުމަށްފަހު ދެން އުފެދުނު ޝާހީ ޚާންދާނުން އުފައްދަވާފައިވަނީ ނަހަމަޔާއި ބޭއިންސާފުގެ ގޮތްތަކެއް ބޭނުންކޮށްގެން ކަމަށެވެ. ރޭވުމުގެ މުލުގައި ހުންނެވި ޝަމްސުއްދީން ފާޝަނާ ކިލެގެއެވެ. އެކަން ކޮންމެ ގޮތަކަށްވިޔަސް މުޢީނުއްދީން ރަދުންގެ ޚާއްޞަކޮށް ޣިޔާޘުއްދީން ރަދުންގެ (މުސްކުޅި ބަންޑާރައިން) ގެ ޒަމާނަށް އައިއިރު އިހުއްސުރެ ރާއްޖޭގެ ރަސްރަސްކަލުންގެ އަތްޕުޅުގައި އޮތް ވެރިކަމުގެ އަމިއްލަ ބާރުތަކުގެ ތެރެއަށް މާލޭގައި ކުރިޔަށް ތިބި ބައެއް ދަރިދަރިކޮޅުގެ ބޮޑުންގެ ނުފޫޒުތައް ވައްދަން ފަށައިފިއެވެ. މިކުޅިގަނޑުގެ ތެރޭގައި އެކިއެކި ބާރުތައް ހޯއްދެވުމަށް އެބޭފުޅުން ބައްލަވާލެއްވީ ކެލާއާއި އައްޑުއާއި ދެމެދަކަށް ނޫނެއެވެ. އިންޑިޔާ ކަނޑު ހުރަސްކޮށް އޮޅުދޫ ކަރައާއި ހަމައަށެވެ. މިގޮތުން ކުރެވުނު ދަތުރުތަކާއި ލިޔެވުނު ލިޔުންތަކަކީ އެއްވެސް ވަންހަނާއެއް ނެތި ތާރީޚުން ދިމާއަށް ފެންނަންހުރި ކަންތަކެކެވެ. މި ތައްޔާރުކުރި ޖާފަތުގެ ކެއްކުން ރަނގަޅަށް ރޯފިލައި އޭގެރަހަ ފެންނަށްފެށީ ނޫރައްދީން ރަސްކަމުގައްޔާއި ކުޑަބަންޑާރައިންގެ ރަސްކަމުގައެވެ.
15- ކޮންމެއަކަސް 1887މ. ވަނައަހަރު މަޝްހޫރު ޙިމާޔަތުގެ އެގުރިމެންޓެއް އަޅުގަނޑުމެން ކޮށްފީމުއެވެ. މިހިސާބަށް އައުމަށްފަހު އިތުރު ބަޔާނެއްގެ ގޮތުން އެއްޗެއް ދަންނަވާލުން އަޅުގަނޑުމެ މައްޗަށް ވާޖިބެވެ. އެއީ ކުރީގައި ދެންނެވި އެގުރިމެންޓާއި އައްޝައިޚު މުޙައްމަދު ޖަމާލުއްދީން ނައިބު ތުއްތުއާއި ގުޅިގެން ލިޔެފައިވާ ލިޔުމާއި ދެކެވޭ ބައެއް ވާހައާއި ދެމެދުގައެވެ. އާދެއެވެ. އެގުރިމެންޓް ލިޔުމުގައި ނުވަތަ ކުށްވުމުގައި ނައިބު ތުއްތުގެ އެހީއާއި ތާއީދު ލިބިފައިވާކަން ބައެއްދިވެހި މުއައްރިޚުން ލިޔުއްވާފައިވެއެވެ. ނަމަވެސް ޙަޤީޤަތުގައި އެއީ ކަންހިނގިގޮތާ މުޅިން ޚިލާފު ވާހަކައެކެވެ. ތެދަކީ މިއީކަން "ތާރީޚަށް އައުއަލިކަމެއް" މި ފޮތުގެ ސިލްސިލާތަކުގައިވާ ލިޔުންތަކުން ރަނގަޅަށް އެނގިވަޑައި ގަންނަވާނެއެވެ. އޭގެތެރޭގައި އިނގިރޭސި ދައުލަތުގެ ބައެއްމީހުންގެ ލިޔުންވެސް ހިމެނެއެވެ.
16- ފެށުމުގައިވެސް އަޅުގަނޑު ދެންނެވި ފަދައިން އުއްމަތުގެ މިނިވަންކަން ރައްކާތެރިކޮށް ދަމަހައްޓަނީ އެއުންމަތެއްގެ އަޙުލުވެރިންނެވެ. މިނިވަންކަން ނަގާލައި އަޅުވެރިކަން ގެނެސްގަންނަނީވެސް ހަމަ އެބަޔަކު އަމިއްލައަށެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށްވެސް ވަމުން ދިޔައީވެސް ހަމަ މިގޮތެވެ. ބައެއްގައި ހުންނަންވީ ހަރުދަނާކަމާއި އެކުވެރިކަމާއި އެއްބާރުލުން ނެތިގޮސް ދޯދިޔާ ސިފަތައް އެބައެއްގެ ތެރެއަށް ވެރިވެއްޖެނަމަ ގެއްލިގެންދަނީ ހަމައެކަނި އެބައެއްގެ މިނިވަންކަމެއް ނޫނެއެވެ. އެބައެއްގެ ދީންވެސް ހިނގައިދެއެވެ. މިއީ ދުނިޔޭގެ ސުންނަތެވެ. ޤުދުރަތުގެ އެންމެބޮޑު ފިލާވަޅެވެ.
17- ދިވެހިރާއްޖޭގެ މިޒަމާނުގެ އަޙުލުވެރިން މިނިވަންދުވަހާއި ޤައުމީދުވަސް ގެނައުމުގެ އުފާ ކުރަމުންދާއިރު އަޅުގަނޑުމެންގެ ތާރީޚުން ދައްކާފައިވާ މިބާވަތުގެ ޢިބުރަތްހުރި ފިލާވަޅުތަކުގެ މައްޗަށް ވިސްނުމީ ޤައުމީ ވާޖިބުތަކުގެ ތެރެއިން އެންމެ ބޮޑުވެގެންވާ ވާޖިބެވެ. އަފުރާދުންގެ މެދުގައި ޖަމާޢަތްތަކުގެ މެދުގައި މުޅި ޤައުމުގައި އެކުވެރިކަމާއި އެއްބާރު ލެއްވުން ދެމެހެއްޓެވުން ހުއްޓެވެ. ފިތުނަ ފަސާދައިން ސަލާމަތްވެ ތިބެވޭނީ މި އުޞޫލުގައި ހިފަހައްޓައިގެންނެވެ. ޤައުމީ އެކުވެރިކަން ޤައުމީ މިނިވަންކަން ދެމިއޮންނާނީ މިކަންކަމަށް ހަމަ ކޮންމެމީހަކުމެ ރައްކައުތެރިވި މިންވަރަކުންނެވެ. އާދޭހެވެ!
"ރައްކައުވެ ތިބިއްޔާ ދަތުރޭ، ހަރުބަހެކޭމީ
        ދައްކާލި އިހުގެ ފަންޑިތަބަސް ދޫނުކުރާދޭ"
                                                                                                                        =އިބުރާހީމް ޝިހާބު=






ފަރިތަކުރުން
1-   ތިރީގައިވާ ސުވާލުތަކަށް ޖަވަބުދޭށެވެ!
ހ. މިނިވަންކަމަކީ، އެބަޔަކު އަމިއްލައަށް ނަގާލާ އެއްޗެއް ކަމަށާއި ރައްކާތެރިކުރާ އެއްޗެއްކަމަށް ލިޔުންތެރިޔާ ވިދާޅުވީ ކީއްވެ؟
ޖ: އެއީ މިނިވަންކަމަކީ މާﷲ އިންސާނާ ދުނިޔެއަށް ޚަލްގުކުރައްވާ ދުވަހުންފެށިގެންވެސް ދެއްވާފައިވާ ކަމަކަށްވާތީއެވެ. ދިމާވާކަމެއްގެ ސަބަބުން މިނިވަންކަން ގެއްލުނަސް އިންސާނާ ދުނިޔެއަށް އުފަންވަނީ މިނިވަންކަންމަތީގައިކަމަށްވާތީއެވެ.
ށ. މިނިވަންކަމުގެ އަގުއަރައި ޤަދަރު މަތިވެރިވަނީ ކޮންސަބަބަކާހުރެ؟
ޖ: އެއީ މާތްﷲ އިންސާނުންނަށް ދެއްވި ޙައްޤު ތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ މާތް ޙައްޤުކަމަށްވާތީއެވެ.
ނ. ރާއްޖޭގައި އޮތް ދީނާއި މިނިވަންކަމުގެ ކަންތައް އޮތީ ކިހިނެއް؟
ޖ: ދިވެހިރާއްޖެ އިސްލާމްވިފަހުން މިގައުމުގައި އެހެންދީނަކަށް އެއްވެސް ޖާގައެއް ދެވިފައެއްނެތެވެ. ނަމަވެސް ތަފާތު 3 ފަހަރެއްގެ މަތިން މިގައުމުގެ މިނިވަންކަން ގެއްލިފައިވެއެވެ.
ރ. އިސްކަންދަރު މަހާރަދުންގެ ރަސްކަމުގެ ތެރެއަށް ފީވުމުގެ އަސަރު ވެރިވާން ފަށައިފިކަން އެނގެނީ، ކިހިނެއް؟
ޖ: އިސްކަންދަރު މަހާރަދުން އަވަހާރަވުމާގުޅިގެންނެވެ.
ބ. ރާއްޖޭގެ މިނިވަންކަން ގެއްލިފައިވަނީ ކިތައްފަހަރު؟
ޖ: 3 ފަހަރުއެވެ.

2- މި އިބާރާތްތަކުގެ މާނަ ލިޔާށެވެ.
     ހ. ރައްޖޭގެ އުފެދުމުގައި އަޅުވެތިކަމުގެ އަސަރުތަކެއް ފެންނާކަށް ނެތެވެ. (ފެށުނީއްސުރެ މިނިވަން ޤައުމެއްކަން)
     ށ. ރަސްރަސްކަލުންގެ އަމިއްލަ އެދުންފުޅުގެ ސަބަބުން ޕޯޗްގީޒް ސަރުކާރަށްވެސް ހަނާ އަޅުއްވަން ފެއްޓެވިއެވެ. (ރަސްރަސްކަލުން އަމިއްލަ އެދުންފުޅަށް ޕޯޗުގީޒުންގެ އެހީތެރިކަން ހޯދިއެވެ.)
     ނ. ޕޯޗްގީޒުން ރާއްޖެއައީ އެމީހުންނަށް ދެވުނު ދަޢުވަތެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. (ޕޯޗުގީޒުން ރާއްޖެއައީ ބަޔަކު ދައުވަތުދީގެން)
     ރ. ރަސްކަމުގެ ތެރެއަށް ފީވުމުގެ އަސަރުތައް އަންނާން ފަށައިފިއެވެ. (ރަސްކަން ނިމުމަކަށް އައުމުގެ އަސަރުފެނުން)
     ބ. އަޅިގަނޑުގެ ތެރޭގައި އަލިފާނުގެ އަސަރު ހިނގަމުން އަންނަހެން. (އެހެންމީހުންނަށް ނޭގޭނެހެން ކަންކަން ގޯސްވެގެންދިއުން)
     ޅ. މި ތައްޔާރުކުރެވުނު ޖާފަތުގެ ކެއުން ރަނގަޅަށް ރޯފިލައި އޭގެ ރަހަ ފެންނަންފެށީ

3- މިއިން ކޮންމެ މައިގަނޑު ނަމަކަށް އަމިއްލަ އިބާރާތުން ޕެރެގުރާފެއް ލިޔާށެވެ.
     ހ. އެދުވަސްވަރުގެ ސްޕޭނާމެދު
     ށ. އޭރު ޕޯޗްގީޒުން
     ނ. ހިލާލީ ރަސްކަން އޮތްގޮތް
     ރ. ހޮޅިން ރާއްޖެއަށް ވެރިވެގަތްގޮތް
     ބ. ނުވަވަނަ ޙަސަން ރަސްގެފާނާމެދު
     ޅ. އެނދި މަރިޔަބު
     ކ. ޣިޔާޘުއްދީން ޝަހީދުވުމަށްފަހު
     އ. ހިމާޔަތުގެ އެގުރިމެންޓް ކުރެވުނުއިރު ނައިބު ތުއްތު ހުންނެވިގޮތް 

4- މަތީގައިވަ ލިޔުމުގެ 4 ވަނަ ޕެރެގުރާފުން ފެށިގެން 13 ވަނަ ޕެރެގުރާފުގެ ނިޔަލަށް ޚުލާސާ ކުރާށެވެ.

5- މަތީގައިވާ ލިޔުމުގެ އެހީގައި ހޯދާ މަޢުލޫމާތު ހިމަނައިގެންނާއި އަމިއްލަ މަޢުލޫމާތުގެ އެހީގައި ތިރީގައިވާ ސުރުޚީތަކުން ކޮންމެވެސް އެއް ސުރުޚީއަކަށް މަޒުމޫނެއް ލިޔާށެވެ. 
ސުރުޚީ: - ތާރީޚުން ޢިބުރަތް ލިބިގަނެ ޤައުމުގެ މިނިވަންކަން ރައްކާތެރި ކުރަމާ ހިނގާށެވެ.
-         ޤައުމުގެ މިނިވަން ކަމާމެދު ފަރުވާ ކުޑަ ކުރެއްވިއްޖެނަމަ.....
-         މިނިވަންކަމަކީ ބޮޑު ނިޢުމަތެކެވެ.

      

No comments:

Post a Comment