Tuesday, April 29, 2014

Amihla Halharatha Sagaafai Dhemehehtun

އަމިއްލަ ޙަޟާރަތާއި ތަޤާފަތް ދެމެހެއްޓުން
1- ކޮންމެ އިޖްތިމާޢީ ނިޒާމަކީވެސް އެ އިޖްތިމާޢީ ނިޒާމެއް ބިނާވެފައިވާ މުޖްތަމަޢުގެ މީހުން ޒަމާންތަކެއް ވަންދެން ހާޞިލް ކޮށްފައިވާ ތަރައްޤީއެވެ. މިފަދަ ކޮންމެ ޖަމާޢަތަކުންވެސް މަސައްކަތް ކުރަމުން ދާނީ އެމީހުންގެ އަމިއްލަ ގޮތްތައް އެހެންމީހުންގެ ގޮތްތަކާ މަސްހުނިވިޔަ ނުދީ ދެމެހެއްޓޭތޯއެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އަޅުގަނޑުމެންގެ ކާބަފައިން ވަނީ އެބައިމީހުންގެ އަމިއްލަ ހަޟާރަތެއް އާރާސްތު ކޮށްފައެވެ. އެމީހުން އަޅުގަނޑުމެންނާ ހަމަޔަށް ފޯރުކޮށްދީފައިވާ ތަރިކަ، އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތުވަނީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައެވެ.
2- ފާއިތުވި ތަނުގައި ކާބަފައިން ކޮށްފައިވާ ޖިހާދަކީ ދިވެހިންގެ ޤައުމިއްޔަތާއި،ދީނާއި، އިސްތިޤުލާލު ދެމެހެއްޓުމަށްޓަކައި ކޮށްފައިވާ ޖިހާދެކެވެ. މިއިން އެއްވެސް ރޮނގަކުން މިނިވަންކަން ގެއްލިގެން ދިޔުމަކީ ދިވެހިންގެ ދިވެހި ވަންތަ ޝަޚްސިއްޔަތު ގެއްލިގެން ދިޔުމެވެ. ދިވެހި ކާބަފައިންގެ އާދަތަކާއެކު އަޅުގަނޑުމެން ދިވެހިންގެ އަމިއްލަ ޘަޤާފަތެއްވަނީ މިފަސްގަނޑުގައި އުފެދިފައެވެ.
3- " އެއީ އިހުގެ ކަންތައްތަކަކީ، އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށްޓަކައި ދޫކޮށްފައިވާ ވާރުތަ މުދަލެވެ. އެއީ ޤައުމިއްޔަތުގެ އެއްބައެވެ. އެކަންގެއްލިއްޖެނަމަ ޤައުމިއްޔަތުގެ އެއްބައި ގެއްލުނީއެވެ. އޭރުން ތިބެވޭނީ ބޭރު ތަންތަނުން ފެނުނު ބޭރުގެ ކުލަތަކަށް ހެއްލި ރޭރުވެފައެވެ. އެއާއި ޚިލާފަށް އަޅުގަނޑުމެންގެ ވާރުތަމުދަލާމެދު ފަޚުރުވެރިވާން ވާނެ ނޫންތޯއެވެ." ( އަލްއުސްތާޛު އިބުރާހިމް ޝިހާބު.އަމާޒު ޖެނުއަރީ 1977)
4- ޘަޤާފަތާ ބެހޭގޮތުން ލިޔުއްވާފައިވާ ބޭރުގެ ލިޔުންތެރީން ވަރަށް ގިނަ ގޮތް ގޮތަށް ޘަޤާފަތް މާނަ ކުރައްވާފައިވެއެވެ. މިލިޔުންތަކުގެ ޚުލާސާ އަކީ " ޘަޤާފަތަކީ ރަމްޒު ތަކެއްގެ ސިފައިގައި ފާޅު ގޮތަކަށް ނުވަތަ ފޮރުވިފައިވާ ގޮތަކަށް ނަޤުލުވަމުން އަންނަ އެއްޗެކެވެ. މީގެ އިތުރުން މިއީ އިންސާނީ ވަކި ވަކި  ޖަމާޢަތްތަކުން ޚާއްސަ ތަކެތީގެ ގޮތުގައި އުފައްދައިފައިވާ އަމިއްލަ ތަކެތި އޭގައި ހިމެނޭ މަފްޙޫމެކެވެ. އަދި ޘަޤާފަތުގެ އަސްލަކީ އެޖަމާޢަތެއްގެ މީހުން އެއްޖީލުން އަނެއް ޖީލަށް ފޯރުކޮށްދެމުން އަންނަ ފިކުރާއި އަޚްލާޤެވެ. މިގޮތުން ޘަޤާފީ މީހާއަކީ އޭނާގެ ސުލޫކުން މިކަންކަން ފެންނަން ހުންނަ މީހާއެވެ."
5- ޔޫރަޕްގައި ޘަޤާފަތާ ބެހޭގޮތުން 15 ވަނަ ޤަރުނުގައި ޢާންމުކޮށް ބަޙުސް ކުރެވިފައިވެއެވެ.  މިފަދަ ބަޙުސް ތަކުގެ ނަތީޖާއަކަށްވެފައިވަނީ ޘަޤާފަތާއި ޙާޟާރަތަކީ ދެމާނައެއްގައި ބޭނުންކުރެވޭ އެއްޗެއް ކަމުގައި ބާޙިތުންގެ މެދުގައި ނިމިގެން ދިއުމެވެ. ފިކުރީ ގޮތުން ބަޔަކު މީހުން ޙަސިލް ކޮށްފައިވާ ތަރައްޤީއަށް ކިޔާފައިވަނީ  ޘަޤާފަތެވެ. އަދި މާއްދީގޮތުން މީހުން ހޯދާފައިވާ ކުރިއެރުމަށް ކިޔާފައިވަނީ ޙަޟާރަތެވެ،
6- ކޮންމެ ޘަޤާފަތަކީ ވެސް އެހެން ޘަޤާފަތްތަކާ ޚިލާފަށް ޚާއްސަ ސިފަތަކެއް ލިބިގެންވާ އެއްޗެކެވެ. އަދި ކޮންމެ ޘަޤާފަތަކީ ވެސް އެއްޖީލުން އަނެއް ޖީލަށް އުނގަންނައި ދިނުމާއި އެކު ވާރުތަވާ އެއްޗެކެވެ. އަދި ހަމަ އެފަދައިން ޘަޤާފަތާއި މެދު އަރާ އޮޅުންތައް ފަސޭހަ ކޮށްލުމުގެ ގޮތުން ބައެއްފަރާތްތަކުންވަނީ މާއްދީ ޘަޤާފަތާއި މާއްދީ ނޫން ޘަޤާފަތާ ދެމެދު ކޮންމެ ޘަޤާފަތެއްވެސް ބަހައި ހަދާފައެވެ. ކޮންމެ ބައެއްގެ  ޤައުމީ ޘަޤާފަތަކީ ޒަމާންތަކެއް ވަންދެން އެމީހުންދިރިއުޅެފައިވާ ވައްޓަފާޅިއެވެ. މީގައި ބުއްދި ޤަބޫލުކުރެވޭ ވައްތަރުގެ ކަންތައްތަކާއި ބުއްދިއާއި ޚުލާފު ކަންތައްތަކާއި ޚުރާފާތައްވެސް ހިނޭނެއެވެ. އެހެން ނަމަވެސް މިފަދަ ކަންތައްތަކަކީ ކޮންމެ މުޖްތަމަޢެއްގައިވެސް އެމުޖްތަމަޢެއްގެ އަފްރާދުންގެ ސުލޫކު ބައްޓަންކުރުމުގައި އިރުޝާދު ދީފައިވާ އެއްޗެކެވެ. ޤައުމީ ޘަޤާފަތަކީ، މިހުރިހައި ކަމެއްގެ ޚުލާސާއެވެ.
7- އެއްވެސް ފަރުދަކީ އެމީހެއްގެ މުޖްތަމަޢުގައި ހިމެނޭ ޘަޤާފަތެއްގައި ހިމެނޭ ހުރިހައި އެއްޗެއްގައި ހިއްސާވާނޭ މީހެއް ނޫނެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ޘަޤާފަތުގައި ޙިއްސާވާނީ އެމީހެއްގެ އިޖްތިމާޢީ ފެންވަރަކާ ގުޅޭ ގޮތުންނެވެ. ހަމައެފަދައިން ކޮންމެ ޖަމާޢަތަކަށްވެސް އެމީހަކު ނިސްބަތް ވާނެ ޘަޤާފަތެއް އޮތުމަކީ މުހިއްމު ކަމެކެވެ. އެންމެން ހިއްސާވާ ޘަޤާފަތެއް އޮތުމަކީ މުޖްތަމަޢުގެ އަފްރާދުންނަށް އެއްބައިވަންތަކަން އިޙްސާސް ކޮށްދޭ އެއްޗެކެވެ. އަދި މީގެ ސަބަބުން އެއްވެސް ހުރަހަކާ ނުވަތަ އެއްވެސް ހަމަނުޖެހުމަކާ ނުލައި މުޖުތަމަޢުގެ އަފްރާދުންނަށް ދިރިއުޅުމަށް މަގު ފަހިކޮށްދެއެވެ. މިފަދަ ވަޟީލަތްތަކާ ނުލައި އިންސާނީ މުޖުތަމަޢަކަށް ދެމިއެއް ނޯވެވޭނެއެވެ.
8- އަމިއްލަ ޘަޤާފަތެއް ލިބިގެންވާ އަމިއްލަ ހަޟާރަތެއްގެ ވެރިންނަށް އެޘަޤާފަތް ދެމެހެއްޓޭނީ ހަނގުރާމައަކުން ނޫނެވެ. ނަމަވެސް އެ ޙަޟާރަތެއްގެ ފިކުރާއި ޚިޔާލު އެއްބަޔަކު އަނެއްބައެއްގެ މެދުގައި މުވާޞަލާތު ކުރެވިގެންނެވެ. އަދި މިމުވާޞަލާތުން މިފަދަ މުޖުތަމަޢެއްގެ އެއްބަޔަކު އަނެއްބަޔަކާ އނެއްބއެއްގެ ގުޅުން ހަރުދަނާ ވެގެންދާނެއެވެ. މިމަސްއޫލިއްޔަތަކީ އަޅުގަނޑުމެން ލިޔުންތެރިންގެ ބޮލުގައި އެޅިފައިވާ ވަރުގަދަ ޒިންމާއެކެވެ. މިޒިންމާއަކީ އެއާއިމެދު މިއަދު ހިސާބުކުރެވޭނެ ޒިއްމާއެއް ނޫނެވެ. ލިޔުންތެރިކަމަކީ ދުރު މުއްދަތެއްގައި ދިގުދެމިގެންވާ އަސަރެއް އެއިން ކުރާނެ ކަމަށް ބެލެވޭ ވަޞީލަތެއްކަމުން ލިޔުންތެރިންގެ ޒިންމާ ވަޒަން ކުރެވޭނީ ފަހުން އަންނަން އޮތް ދުވަސް ތަކުގައެވެ.
9- ލިޔުންތެރިކަމަކީ އަޅުގަނޑުމެންގެ އަމިއްލަ ފިކުރާއި އިހްސާސްތައް އެންމެ ފުރިހަމަ ގޮތުގައި މުވާޞަލާތު ކޮށްދޭ ވަސީލަތެވެ. އަދި ލިޔުންތެރިކަމަކީ މުޖްތަމަޢު ދެމިއޮތުމަށާއި މުޖުތަމަޢުގެ އަފްރާދުންގެ އެއްބައިވަންތަ ކަމަށްޓަކައި މުހިއްމު ވަސީލަތެކެވެ. އިންސާނީ ޙަޟާރަތުގެ ކޮންމެ ފައްތަރެއްގައިވެސް ބަސް ބޭނުންކޮށްގެން މުވާޞަލާތު ކޮށްފައިވަނީ ދެމިތިބުމަށްޓަކައެވެ. ލިޔުންތެރިންގެ ޙައިސިއްޔަތުން އަޅުގަނޑުމެންގެ އަމިއްލަ މުޖްތަމަޢުގެ އަޚްލާޤާއި ޘަޤާފްތަ ދެމެހެއްޓުމަކީ، އަޅުގަނޑުމެންގެ ޒިންމާއެކެވެ. ( އަލްފާޟިލް ޙަސަން ސަޢީދުގެ ލިޔުއްވުމަކުން ނަގާފައި)

ދޭހައިގެ ސުވާލުތައް:
1- ދިވެހި ކާބަފައިން އަޅުގަނޑުމެންނާ ހަމަޔަށް ފޯރުކޮށްދީފައިވާ ތަރިކަ އަމާނާތްތެރިކަމާއެކު އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުން ކަމަށް ލިޔުންތެރިޔާ މިއިޝާރާތް ކުރަނީ ކޮންކަމަކަށް ހެއްޔެވެ؟                       
2- '' ދިވެހިންގެ ދިވެހި ވަންތަ ޝަޚަސިއްޔަތު ގެއްލިގެން ދިޔުން" މިޢިބާރާތުން ލިޔުންތެރިޔާ ދޭހަ ކޮށްދޭން ބޭނުންވާ ވާހަކަ ކުރުކޮށް ބުނެދޭށެވެ!                                                         
3- އިހުގެ ކާބަފައިން އަޅުގަނޑުމެންނަށް ދޫކޮށްފައިވާ ކަންތައްތައް ގެއްލިޖެނަމަ ދިވެހި ޘަޤާފަތަށް ލިބިދާނެ އުނިކަމަކީ ކޮބައިކަން  ބަޔާން ކުރާށެވެ!                                                        
4- އިންސާނާގެ ފިކުރާއި އަޚްލާޤު، ޘަޤާފަތުގެ އަސްލަކަށްވީ ކީއްވެ؟                              
5- ޘަޤާފަތާއި ޙަޟާރަތުގެ ތަފާތު3 ފޮޅުވަތާއި 5 ފޮޅުވަތާއި ދެމެދުގެ މިންވަރަކަށް އަމިއްލަ ޢިބަރާތުން ތިލަ ކޮށްދޭށެވެ.
6- " ކޮންމެ ބައެއްގެ  ޤައުމީ ޘަޤާފަތަކީ ޒަމާންތަކެއް ވަންދެން އެމީހުން ދިރިއުޅެފައިވާ ވައްޓަފާޅިއެވެ." 6 ވަނަ ޕެރެގްރާފުގެ މިޖުމްލައިގައި "ދިރިއުޅެފައިވާ ވައްޓަފާޅިއެވެ." މިޢިބާރާތުން ދޭހަވާ މާނަ ތަފްސީލު ކޮށްދޭށެވެ.              
7- އެމުޖުތަމަޢެއްގައި އޮންނަ ޘަޤާފަތަކަށް އެމުޖުތަމަޢުގެ ހުރިހައި ފަރުދުންގެ ބައިވެރިވުން ލިބޭނަމަ މުޖުތަމަޢަށް ކުރާނެ އެންމެ ބޮޑު ފައިދާއަކީ ކޮބައިކަން ބަޔާންކުރާށެވެ.                                                
8- އަމިއްލ ހަޟާރަތަކާއި އަމިއްލަ ޘަޤާފަތެއް ލިބިފައިވާ މުޖުތަމަޢެއްގައި ލިޔުންތެރިންގެ ޒިންމާއަކީ ކޮބައިކަން 5 ފޮޅުވަތަށްވުރެ ދިގު ނުވާނޭހެން ބަޔާން ކުރާށެވެ.                                                      
9- ތިރީގައިވާ ބަސްބަހުން ދޭހަވާ މާނަ ލިޔާށެވެ.
(ހ) ނަޤުލުވުން       (ށ) ރޭރުވުން         (ނ) ޙިއްސާވުން   (ރ) ބައްޓަންކުރުން



No comments:

Post a Comment