ކެހިވެރިޔާ
އަހަރެންގެ ބޮލުން ވައްޓާލި ލިބަހާއެކު އަހަރެން ކަލާއާއި އިނީ އަހަރެންގެ
މައިން ބަފައިންނާމެދު އެއްވެސް ވިސްނުމެއް ޚިޔާލެއް ފިކުރެއް ނެތިއެވެ. ކުކުޅަށްވުރެ ބިސްދޮށިވެގެން އަހަރެން އެމީހުންގެ
މައްޗަށް ބަސްބުނަމުން ދިޔައީ ކަލާދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. މަހާއި އޮޑިޔާވަހެން ކަލާއާއިއެކު އަހަންނަށް އުޅެވުނީ
އެއީ ކަލާދެކެ އަހަންނަށްވެވުނު ލޯތްބެވެ. އެދުވަހު އަހަންނަށް ހަލާދަނޑީގެ ދެކޮޅު ނުބެލުން އެއީ މިހާތަނަށް އަހަންނަށް
ކުރެވުނު އެންމެބޮޑު ގޯސްކަންތަކެވެ.
އަހަރެން އަބަދުވެސް އެދުނީ ކަލާއަށާއި ކަލާގެ އާއިލާގެ އެންމެންނަށްވެސް
ހެޔޮކޮށް ހިތައިގެން އުޅޭވޭތޯއެވެ. އެހެންނަމަވެސް ކަލާއާއި ކަލާގެ މައިންބަފައިން
ވަނީ އަހަންނާއި އަހަރެންގެ އެއްވެސް މީހަކަށް އެއްވެސް ޤަދަރެއް އިޙުތިރާމެއް
އަދިއަދާ ޖެހެންދެންވެސް ނުކޮށްފައެވެ. އެކަމުގެ ސަބަބުން އަހަރެން ތިއާއިލާއަށްޓަކައި
ކޮށްދިން ކަންތައްތަކަކީ ފޫނެއްފަޔަށް ފެންފުރުން
ފަދަ ކަމަކަށް މިއަދު މިވަނީ ވެފައެވެ. ކަލާ މިއަދު ދަތްހުއްޓާ
ކާށިކާ އުޞޫލުން ތަންއޮތްތާ ގޮނޑި އަޅަމުން
ތިގެންދަނީ ވަގަކަށް ހާސްދުވަސް ވެރިއަކަށް އެއްދުވަސް
ކަން ނޭނގި ހުރެއެވެ. މީދަލަކަށް ދުވަހެއް އައިއްޔާ ހިކަންޖަކަށްވެސް
ދުވަހެއް އަންނާނެކަން ނުވިސްނައެވެ.
މިރަށުގައި ހުސްހަށިބައި އަންހެނަކު ހުރި ގެއެއްވިއްޔާ ކަލާ އެގެއެއްގެ
ވަށައިގެން މުގޯލި އެބައަޅަމުއެވެ. މީގެ ތިންއަހަރު
ކުރިން އަހަރެންގެ ގޭގެ ވަށައިގެން މުގޯލިއެޅި
ފަދައިންނެވެ. އޭރުއަހަންނަށް ކަލާގެ މަޢުސޫމް ސޫރަފެނިފައި ކަލާއާއި
ހިތާވެވުނީއެވެ. ވިދަހާކޮންމެ އެއްޗަކީ ރަނެން ނޫންކަން
އަހަންނަށް ވިސްނުވައިދޭން އުޅުނު މައިން ބަފައިންނާއި ރައްޓެހިންގެ ބަސްނޭހުނީ
އަހަރެންގެ ނަސީބު ދެރަވީމައެވެ. އެހާވަރުން އަހަރެން ކަލާއާއި އިނީމަވެސް ކަލާ
އަހަންނާމެދު ކަންތައްކުރީ ފެންކައްކާ ބޮއްޔާމެދުވެސް
މީހުން ކަންތައް ނުކުރާފަދަ ގޮތަކަށެވެ. އަހަރެން އެހުރިހާ ކަމަކަށް ކެތްކުރީ އުފަލަކަށްފަހު ހިތާމައެއް، އަދި އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނަނެއޭ މީހުންބުނާ
ބަސް އަހައިގެންނެވެ. އެހެނަސް އަދިއަދާ ހަމައަށްވެސް އަހަރެންގެ ޙަޔާތްމިވަނީ
ކަލާގެ ލޯބިން މަޙުރޫމް ވެފައެވެ.
ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށްކަން އަހަރެން
ދަންނަމެވެ. މިއަދުމީ ކަލަގެ ދުވަހެވެ. އަދި އަހަރެންގެ ދުވަސް އަންނާނެއެވެ. މިއޮއްހާދުވަހު
ކަލާ އެޅިހާބަތަކަށް ރިހަ، އަހަރެން އަޅައިދިނުން
އެއީ އަހަރެންގެ ބާރެއްނެތިގެން ކުރިކަމެއް ކަމުގައި ހީނުކުރާށެވެ. އެއީ އަހަރެން
ކަލަދެކެވި ލޯތްބެއެވެ. ލޯތްބަކީ ކަނުއެއްޗެކޭ
މީހުންބުނޭ ނޫންހެއްޔެވެ؟ އެހެންވީމާ އަހަރެން ދުވަސްކޮޅަކަށް ކަލާގެ ލޯބީގައި
އަނދިރިވީ ކަމަށް ހީކޮށްލާށެވެ. އެކަމަކު މިއަދު އަހަރެން ނިދިން ހޭލެވި ދެލޯ
ހުޅުވިއްޖެއެވެ. އަޑުގަދަމީހަގެ ރުއްގިނަވާނެ ނަމަ
މިފަހަރު އަހަރެންގެ ރުއް މަދުކޮށްލާކަށް ނުކެރޭނެއެވެ. އެއީ އަހަންނަށް މިހާރު ފެތުނު އޮޑީގެ ރިޔާދަށުވިޔަސް ކަނަކު އަތްދަށު ނުވާށޭ
ބުނަބަހުގެ މާނަ ދަސްވެއްޖެއަތީއެވެ.
ކަލާ އަހަންނާ ދިމާއަށް މެކުނު ފުމުނަސް
ގާހަކައަކަށް ނުފުމުވޭނޭ ބުނިން ނޫންހެއްޔެވެ؟ އާއެކެވެ. ތީތެދެކެވެ.
އެކަމަކު އަހަންނަށް ނުފުމެވޭނީ އަހަރެން ގާހަކައަކަށް ވެގެން ގޭގައި އިނިއްޔާ
ނޫންހެއްޔެވެ؟ އަހަރެންގެ މިފަހަރުގެ އަޒުމަކީ އެއީއެއްނޫނެވެ. މިފަހަރު އަހަރެން
ދޫކޮށްލާނީ ކަލާގެ ފާފަތަކުން ފަރުދާ ނަގާފައެވެ. ކެޔޮކޭވަރު
އެގޭނީ ބިތުފަންގި ނެގީމައި ކަމުގައި ވަނަމަ އެބިތުފަންގި މިފަހަރު
އަހަރެން ނަގާނަމެވެ. ކަލާ ވެހޭތާ ފެންނަގާށެވެ.
ނެގުނުވަރަކަށް ނަގާށެވެ. އެއީ ކަލާ މާދަމާ ފެންބޮވައިގަތަސް އަހަރެން ގާތަށް
ނާންނާނެ ކަމަށް ހީކުރުމަށެވެ. މިއަދު ކަލާއަށް އެފުރުސަތުވަނީ ތަނަވަސް ވެފައެވެ.
ރީތިކަމަކީ ކޮންމެ މީހެއްގެ ލޮލުގެ ފިކަންކަން
އަހަންނަށް އެގެއެވެ. އެހެންކަމުން އެނބުރި ކަލާ އަހަންނާ ހަމައަށް އައިސްފިނަމަ
ކަލާ އަހަރެން ވައްޓާލަން ކޮނުނު އަދަވަޅަށް އަހަރެން ކަލާ ވައްޓާލާނެތީއެވެ.
ޤަބޫލް ކުރަން ނޫންހެއްޔެވެ؟ އެމީހަކު ކޮނުނު
ވަޅުގަނޑަކަސް ވެއްޓޭނީ އެމީހެކެވެ. އަދި އެމީހަކު
ފޭހުނު އިލޮށިގަނޑެއް ގިނަފަހަރަށް ހެރޭނީ އެމީހެއްގެ ލޮލަށެވެ.
ކިތަންމެ ވަރަކަށް ދޮންކުރިޔަސް ދުބުރިއެއް
އަނބަކަށް ނުވާނެއެވެ. އަދި ހިތިކަނޑޫވެލެއްގެ
ބުޑަށް ފެންކަމުގައި މާމުއި އެޅިޔަސް އެ
ވެލުގަ ފޮނިރަހަދޭ އެއްޗެއް ނުނުކުންނާނެއެވެ. އެހެންވީމާ ކަލާގެ ކިބައިން
ރަނގަޅު ސިފައެއް ފެންނާނެކަމުގެ އުއްމީދު އަހަރެން މުޅިން ދޫކޮށްލައިފީމެވެ.
އެހެންޏާ! އެ ލުބުޔޮކުން ފެލޭނީ އޭގައިހުރި ހުތެއް
ނޫންހެއްޔެވެ؟ ލަޑަޔާ ވަނީ ލަޑަޔާއަކަށް
ނޫންހެއްޔެވެ؟ ކަލާތިއުޅެނީ ހިޔަންޏަށް
މުޑިނަގައިގެންކަން ކަލާއަށް ވިސްނޭއިރު އޮންނާނީ ވަގުތުފާއިތު ވެފައެވެ.
އެހެންކަމުން އަހަރެން ކަލާގާތު ބުނަންބޭނުންވަނީ އަވަހަށް ރައްކާވާށެވެ. އެއީ ރައްކާވެތިބިއްޔާ ދަތުރެކެވެ. އެހެނީ މިފަހަރު އަހަރެން
މިހިރީ ކަލާގެފަހަތުން ތުޑުހަސަނާ ޖެހުނު މީދާހެން
ވިއްދާލާފައެވެ. ކަލާ ހަނދާންކުރާށެވެ. ކަލާއަށް އަހަންނަށް ކުރެވޭނެ
އެއްކަމެއްވެސް ނޯންނާނެވެ. ނެގޭނީ ދީފައިއޮތް
ބަނޑުހަނޑުލެއް ނޫންހެއްޔެވެ؟ ކަލާ އަހަންނަށް އެންމެ ކުޑަމިނުން ބޯހިޔާކޮށްލާނެ
ތަނެއްވެސް ނުދައްކަމު ނޫންހެއްޔެވެ؟ މިހާރުވެސް ކަލާ ނިދަމުން ތިގެންދަނީ
އަހަރެންގެ ދުރުތާ ތިމާގެ މީހެއްގެ ފަޅުވެފައިހުރި ގެއެއްގައިކަން ކަލާ ހަނދާން
ނެތުނުލެއް ހާދައަވަހެވެ. ކަންދޭ އަތުގައި ދަތްއަޅާ
މީހުންނަށް ވާނީ އެހެން ނޫންހެޔެވެ.
މިއަދުން ފެށިގެން ތި އަނިޔާވެރިކަމުގެ ދަލުގައި އެންމެ ފަޅިސިކުންތެއްވެސް
ހޭދަކުރާކަށް ނެތީމެވެ. އެއީ ހަކުރުއަޑުބައެއްގެވެސް
ދެކޮޅު އޮންނާނެތީއެވެ. އެކަމަކު ކަލާގެ އަތްބެއްގެ ގޮތުގަހުރެ
ބޭވަފާތްތެރިކަމުގެ މުޑުދާރު ކަޅުބުރުގާ އެޅުމަށް އަހަރެން ގަސްތެއް ނުކުރަމެވެ.
ކަލާ އަހަރެން ވަރިނޮކޮށް ގިނަދުވަސްތަކެއް ވޭތުކުރަން ވެއްޖެނަމަ އެފަދަ ޢަމަލެއް
ހިގާދިޔުމަކީ އެކަށީގެންވާ ކަމެވެ. އެއީ ރާވެރިއެއްގެ
ދަރިއަކަށްވެސް ހަތަރެތިން އެކަތި ވާނެތީއެވެ.
އިބުރާހީމް ޝަހީދު
(3010)
No comments:
Post a Comment